Advertisement

ވަޒީފާއިން މުސްކުޅިކުރާ އުމުރު މަތިކުރަންޖެހޭ: ޖީހާން

23 ނޮވެންބަރު 2021 - 10:49 2

އިޖުތިމާއީ ކޮމިޓީ އާއި ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މެމްބަރުން އެކުގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި، އިސް ރަށްވެހިންގެ ކަންކަމާ ގުޅޭ ގޮތުން ޖީހާނުގެ ހިޔާލު ހިއްސާކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ވަޒީފާއިން މުސްކުޅިކުރާ އުމުރު މަތިކުރަންޖެހޭ: ޖީހާން

23 ނޮވެންބަރު 2021 - 10:49 2

ވަޒީފާއިން މުސްކުޅިކުރުމަށް ގާނޫނުތަކުގައި މިހާރު އޮތް އުމުރު މަތިކޮށް، އުސޫލު ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އެކުލަވާލާ އިސް ރަށްވެހިންގެ ބިލަށް މަޖިލީޙުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ އާއި އިޖުތިމާއީ ކޮމިޓީގެ މެމްބަރުންގެ ހިޔާލު ހޯދަން ޖެންޑަ މިނިސްޓްރީން އެދިގެން އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ޖީހާން ފާހަގަ ކުރެއްވީ ދޮށީ އުމުރުގައި ވަޒީފާގައި ދެމިތިބުމުގެ ދުޅަހެޔޮ ކަމާއި ގާބިލްކަން އަދި ތަޖުރިބާ ހުއްޓަސް، ގަދަރުވެރިކޮށް ވަޒީފާ އަދާކުރުމާއި، ދައުލަތަށް ހިދުމަތް ކުރެވޭނެ ނިޒާމެއް ނެތުމެވެ.

ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން، މުވައްޒަފެއްގެ އުމުރުން 55 އަހަރު ވުމުން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިހްތިޔާރު ލިބެ އެވެ. އަދި މުވައްޒަފެއްގެ އުމުރުން 65 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރަންޖެހެ އެވެ.

ގާބިލްކަމާއި ތަޖުރިބާގެ ގޮތުން އެންމެ ރަނގަޅު އުމުރަށް ދިއުމުން ވަޒީފާއިން މުސްކުޅިކުރުމުގެ އިހުތިޔާރު ދައުލަތުގެ އިދާރާއަށް ލިބޭ ގޮތަށް އޮތުމަކީ ޖީހާން ވިދާޅުވި ގޮތުގައި ގަދަރުވެރިކޮށް މަސައްކަތްކުރެވޭނެ ނިޒާމެއް ދައުލަތުގެ ނިޒާމުގައި ނެތުމެވެ.

މީގެ 14 އަހަރު ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނު އެކުލަވާލިއިރު މުސްކުޅިކުރުމަށް އެކަށާހަޅާފައިވާ އެ އުސޫލު ބަދަލުކުރަން ޖެހެނީ، މިހާރު ރާއްޖޭގެ ދޮށީ އުމުރުގެ މީހުންގެ އާބާދީ މަތިވުމާއި، މަރުވާ މީހުންގެ އެވްރެޖް އުމުރު އައްޑިހަ އާ ގާތްކޮށްފައިވާތީ އަދި ގާބިލް މީހުންގެ ހިދުމަތް ދައުލަތަށް ހޯދައި، އެ މީހުންނަށް ވެސް ގަދަރުވެރި ދިރިއުޅުމެއް ހޯދައި ދިނުމަށް ކަމަށް ޖީހާން ވިދާޅުވި އެވެ.

އެހެންވެ، 55 އަހަރު ފުރުމުން މުސްކުޅިކުރުން އިހުތިޔާރީ ކަމެއްގެ ގޮތުގައި ބާއްވަން ފެނިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސް ރަށްވެހިންގެ ބިލެއް އެކުލަވާލާއިރު ސަމާލުކަން ދޭންޖެހޭ އިތުރު ކަންކަން ވެސް، ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޖީހާން ފާހަގަ ކުރެއްވެވި އެވެ.

އޭނާ ވިދާޅުވީ ކުރިން އުޅެމުން ދިޔަ ބޮޑު އާއިލާގެ ބަދަލުގައި ކުދިކުދި އާއިލާތަކުގެ ދިރިއުޅުން އައުމާއެކު، ކާފަ، މާމަ ބެލެހެއްޓުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، ގެތައް ވެސް އިންތިޒާމުވެފައި ހުރީ އެގޮތަށް ނޫން ކަމަށެވެ. އެހެންވެ، އެފަދަ މީހުން ބެލެހެއްޓުމުގެ ރަނގަޅު ނިޒާމެއް އޮތުން މުހިންމުކަން ފާހަގަ ކުރެއްވެވި އެވެ.

ސޯޝަލް ހައުސިން ސްކީމުން ބޯހިޔާވަހިކަން ދޭއިރު، ދޮށީ އުމުރުގެ މީހަކު ބަލަހައްޓާނަމަ ޕޮއިންޓް ލިބޭނެ ގޮތުގެ އުސޫލު އޮތުން މުހިންމު ކަމަށާއި ދޮށީ އުމުރުގެ މީހުންނަށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދޭންޖެހޭކަން އަދި އެފަދަ މީހުން ބެލެހެއްޓުމުގެ ހުނަރު އެންމެ ކުޑައިރުން ފެށިގެން ވެސް ދަސްކޮށް ދިނުން މުހިންމު ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.

ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދޭ މާލީ އެހީ ބޭނުންކުރާ ގޮތާ ގުޅިގެން "އަޑު އިވެނީ އަހަން ފަސޭހަ ވާހަކަތަކެއް ނޫން" ކަމަށާއި އެކަމުގައި ހަގީގަތެއް ނެތަސް، އެއީ އަޅައި ނުލައި ދޫކޮށްލެވޭނެ ނޫން ކަމަށް ޖީހާން ވިދާޅުވި އެވެ. އަދި ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒަކީ އާއިލާއިން ނުބަލަހައްޓަން ވެގެން، އުމުރުން ދުވަސްވީ މީހާ ދޫކޮށްލާ ތަނަކަށް ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.