Advertisement

ޔޫރަޕުގައި ކޮވިޑް އިތުރުވާ ވަރަކަށް މުޒާހަރާތައް ވެސް އިތުރުވަނީ

22 ނޮވެންބަރު 2021 - 12:09 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑްގެ ފިޔަވަޅުތަކާ ދެކޮޅަށް ބޭއްވި މުޒާހަރާއެއްގައި ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ހިނގަނީ. -- ފޮޓޯ: އޭއެފްޕީ


ޔޫރަޕުގައި ކޮވިޑް އިތުރުވާ ވަރަކަށް މުޒާހަރާތައް ވެސް އިތުރުވަނީ

22 ނޮވެންބަރު 2021 - 12:09 0

ބްރަސެލްސް، ބެލްޖިއަމް (ނޮވެމްބަރު 22) - ކޮވިޑް ކޭސްތައް އިތުރުވާތީ އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވަމުން އެބަ ދެ އެވެ.

އެގޮތުން ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސް އާއި ނެދަލޭންޑްސްގެ ގިނަ ސިޓީތަކާއި ފްރާންސްގެ ކެރީބިއަން ރަށެއް ކަމަށްވާ ގުއާޑަލޫޕޭގައި އާދީއްތަ ދުވަހު ރޭ ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ހިނގި އެވެ. އޮސްޓްރިއާ ލޮކްޑައުން ކުރުމާ އެކު އެ ގައުމުގައި ވެސް ވަނީ އެއްވުންތައް ބާއްވާފަ އެވެ.

ކޮވިޑުގެ ފިޔަވަޅުތަކާ ދެކޮޅަށް 35،000 މީހުން ބްރަސެލްސްގައި އެއްވި އެވެ. އެ މީހުން ހިތްހަމަނުޖެހެނީ ވެކްސިން ނުޖަހައި ތިބި ފަރާތްތަކަށް ރެސްޓޯރެންޓުތަކާއި ބާތަކަށް ނުވަދެވޭނެ ކަމަށް ނިންމާފައި ވާތީ އެވެ.

އެ މުޒާހަރާ ސުލްހަވެރިކަމާ އެކު ފެށި ނަމަވެސް ފަހުން ގަލާއި އެހެން ތަކެތި އުކަން ފެށުމުން ފުލުހުން ވަނީ ކަރުނަ ގޭހާއި ވޯޓާ ކެނަން ބޭނުންކޮށްފަ އެވެ. ހަމަނުޖެހުމުގައި ތިން ފުލުހުންނަށް އަނިޔާވި އެވެ.

ނެދަލޭންޑްސްގެ ސިޓީތަކުގައި ވެސް ޖެހިޖެހިގެން ތިން ވަނަ ރޭ މުޒާހަރާ ކުރިއަށް ދިޔައިރު، އާދީއްތަ ދުވަހު ވެސް ހަމަނުޖެހުން ހިންގި އެވެ. އެގޮތުން ގްރޮނިންގެން، ލީއުވޯޑެން، އެންޝެޑޭ އަދި ޓިލްބާގް ސިޓީގައި މުދަލަށް ގެއްލުންދީ ރޯކޮށްފައި ވެ އެވެ.

އެ މުޒާހަރާތަކުގައި ރޮޓަޑަމް އާއި ދަ ހޭގްގައި ވެސް ހަމަނުޖެހުން ހިންގި އެވެ. ފުލުހުން ބުނީ ހަމަނުޖެހުންތަކާ ގުޅޭ 100 މީހުން ހައްޔަރުކޮށްފައި ވާއިރު 12 މީހުންނަށް އަނިޔާވި ކަމަށެވެ.

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހޮނިހިރު ދުވަހު 40،000 މީހުން ލޮކްޑައުނާ ދެކޮޅު ހިނގާލުމެއް ބޭއްވި އެވެ. އާދީއްތަ ދުވަހުގެ ރޭ ލިންޒް ސިޓީ އަށް 6،000 މީހުން ޖަމާވި އެވެ.

ހޯމަ ދުވަހުން ފެށިގެން އޮސްޓްރިއާގެ 8.9 މިލިއަން މީހުންނަށް ގެއިން ބޭރަށް ނުކުމެވޭނީ ހަމައެކަނި ވަޒީފާ އަށް ދިޔުމަށާއި ޒަރޫރީ ތަކެތި ގަތުމަށެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުވާނެ އެވެ.

ޔޫރަޕުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން ދާއިރު، ކޮވިޑް ކޭސްތައް ބޮޑު ތަނުން އިތުރުވަމުންދާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. އެގޮތުން ފަސް ވަނަ ރާޅެއް ބޯމަތިވަމުންދާ ކަމަށް ފްރާންސުން ވެސް ވަނީ ބުނެފަ އެވެ.