Advertisement

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމީތަ؟

21 ނޮވެންބަރު 2021 - 09:01 0


އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމީތަ؟

21 ނޮވެންބަރު 2021 - 09:01 0

ބާސެލޯނާ (ނޮވެމްބަރު 21) - ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އުމުރުން 33 އަހަރުގެ އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއަކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ހޮސްޕިޓަލްގައި ބާއްވައިގެން ހެދި ޓެސްޓްތަކުން އަގުއޭރޯގެ ހިތުގެ މައްސަލަތަކެއް ފާހަގަ ކުރެވިގެން ބާސެލޯނާ އިން ވަނީ ތިން މަހެއްހާ ދުވަހަށް އިތުރު ޓެސްޓްތަކެއް ހަދަން އަގުއޭރޯ މޮނިޓަރިންގައި ބަހައްޓައިފަ އެެވެ. ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޓެސްޓްތަކުގެ ނަތީޖާ މިހާތަނަށް ފެންނަ ފެނުމުން އަގުއޭރޯގެ ހިތުގެ ވިންދު ހިނގާ ނިސްބަތް ފުޓްބޯޅަ ކުޅުންތެރިއެއްގެ ނޯމަލް ރޭޓަށް ވުރެ އަވަހެވެ.

ސްޕެއިނުގެ މީޑިއާތަކުން އިއްޔެ ރިޕޯޓްކުރި ގޮތުގައި ޑޮކްޓަރުންނާ މަޝްވަރާ ކުރުމަށް ފަހު އަގުއޭރޯ ވަނީ ފުޓްބޯޅަ ކުުޅުން ހުއްޓާލަން ނިންމައިފަ އެވެ. އަދި އަންނަ ހަފްތާގައި އެ ކަން ރަސްމީކޮށް އިއުލާނުކުރާނެ އެވެ.

އެކަމަކު، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒާ މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބުނީ އަގުއޭރޯ ރިޓަޔާކުރަން ނިންމިކަމެއް ރަސްމީކޮށް އަދި އަންގާފައިނުވާ ކަމަށެވެ. އަދި ކުޅުންތެރިންގެ ސީރިއަސް މެޑިކަލް ކަންކަމުގައި ހަބަރު ފަތުރާއިރު، ހުރިހާ އިދާރާ އަކުން ކަށަވަރުކުރަން ޖެހޭނެ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.

އަގުއޭރޯއާ އެކު މެންޗެސްޓާ ސިޓީ އަށް ކުޅުނު ފްރާންސްގެ މިޑްފީލްޑަރު ސާމިރް ނަސްރީ ވަނީ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ނަސްރީ ބުނީ އަގުއޭރޯއާ ދެކެވުނު ވާހަކައިގައި އޭނާ ރިޓަޔާކުރަން ނިންމާފައިވާ ކަމަށް ބުނި ކަމަށެވެ.

ދެކުނު އެމެރިކާ އާއި އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފަ އެވެ. މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލަ އަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.