Advertisement

ސީޝެލްސް ކޯޗު އުއްމީދުކުރީ ރާއްޖެއާ ފައިނަލުގައި ކުޅެވޭނެ ކަމަށް

20 ނޮވެންބަރު 2021 - 08:56 0

ކޮލަމްބޯ، ސްރީ ލަންކާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ސީޝެލްސް ކޯޗު ބޯތު އިންޓަވިއު ދެނީ.


ސީޝެލްސް ކޯޗު އުއްމީދުކުރީ ރާއްޖެއާ ފައިނަލުގައި ކުޅެވޭނެ ކަމަށް

20 ނޮވެންބަރު 2021 - 08:56 0

ކޮލަމްބޯ، ސްރީ ލަންކާ

ސްރީ ލަންކާގައި ރޭ ނިމުނު މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ކުޅެން އައިއިރު އުއްމީދުކުރީ ފައިނަލަށް ގޮސްފިނަމަ ރާއްޖެއާ ކުޅެން ޖެހޭނެ ކަމަށް ކަމުގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފި އެވެ.

ހަތަރު ގައުމުގެ މެދުގައި ލީގު ބުރު ކުޅެ ނިމުނުއިރު އެއް ވަަނައިގައި އޮތް ސީޝެލްސް އިން ރޭ ފައިނަލް މެޗުން މޮޅުވީ ލަންކާ އަތުން ޕެނަލްޓީ ޖަހައިގެން 3-1 އިންނެވެ. އެ މެޗުގެ ފުރިހަަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. ލަންކާ ދެ ގޯލުގެ ލީޑެއްގައި އޮއްވައި ސީޝެލްސް އިން އެއްވަރުކުރީ ފަހު ފަސް މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ.

ފައިނަލް މެޗަށް ފަހު "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ވިވިއަން ބޯތު ބުނީ އޭނާ އުއްމީދުކުރީ ފައިނަލުގައި ރާއްޖެއާ ކުޅެން ޖެހޭނެ ކަމަށްް ކަމުގަ އެވެ. އެކަމަކު، ރާއްޖޭގެ ކުޅުންތެރިންނަށް ފުރަތަމަ މެޗުގެ ފަހު ކޮޅުގައި ހެދުނު ގޯސްތައް ދެ ވަނަ މެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ތަކުރާރުވި ކަމަށް ބޯތު ބުންޏެވެ.

"ލަންކާ އިން ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހީ ފަހަތުން އަރައި. ފަހު ވިއްސަކަށް މިނިޓް ތެރޭ. ބަންގްލަދޭޝް އިން ރާއްޖެ ބަލިކުރި ގޯލު ޖެހީ ވެސް ފަހު ވަގުތު. އެހެންވެ، އެބަ އެނގޭ ރާއްޖެ އަށް މި އުޅެނީ ފިޓްނަސް މައްސަލަކަން. ދެން އިންޑިވިޖުއަލީ ބަލާއިރު ރާއްޖޭގައި އެ ތިބި ޓެކްނިކަލް ކުޅުންތެރިން ތަފާތު މޮޅު. މި ދަނޑާއި ފިޓްނަސްގެ މައްސަލަ އަކީ ރާއްޖެ އަށް ކުރިމަތިވި ގޮންޖެހުން،" ބޯތު ބުންޏެވެ.

ލީގު ބުރުގައި ސީޝެލްސް އިން ފުރަތަމަ މެޗުގައި ވަނީ 1-1 އިން ބަންގްލަދޭޝާ އެއްވަރުކޮށްފަ އެެވެ. ދެ ވަނަ މެޗުން 1-0 އިން ލަންކާ ބަލިކުރިއިރު، ފަހު މެޗުގައި ރާއްޖެއާ އެއްވަރުވީ 0-0 އިންނެވެ.

ފައިނަލަށް ފަހު ރާއްޖޭގެ މީޑިއާ އަށް ދިން އިންޓަވިއުގައި ބޯތު ބުނީ ފޯ ނޭޝަންސް ކާމިޔާބުކޮށް ހާއްސަކޮށް ޒުވާން ކުޅުންތެރިން ގޮވައިގެން ކާމިޔާބު ހޯދުމަކީ އަބަދުވެސް ހާއްސަ އިހުސާސެއް ކުރެވޭ ކަމެއް ކަމަށެވެ.

މުބާރާތަށް އައި ސީޝެލްސް ޓީމުގެ އެވްރެޖް އުމުރަކީ 23 އަހަރެވެ. އެ ޓީމުން މުބާރާތަށް ނުކުތީ ޒުވާން ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭށެވެ. އެކަމަކު، މެޗުތައް ކުޅެން ފަށައި އިތުބާރު ލިބުމުން އަމާޒުހިފީ ތަށި ހޯދަން ކަމަށް ބޯތު ބުންޏެވެ.

"މިރޭ ވެސް 3-1 އިން ފަހަތުގައި އޮތްއިރު ވެސް ކޮންފިޑެންސް ގެއްލުވާނުލައި އަހަރެމެން ކުރި މަސައްކަތުގެ ނަތީޖާ މިއީ. އަހަންނަށް ލަންކާ އިން ކުރަމުންދިޔަ ބަދަލުތައް ފެނިފައި ވެސް އުއްމީދެއް ލިބުނު ކަމްބެކެއް ހެދޭނެއޭ. ލަންކާ އިން ގޯސް ހެދީ ކުރަން ނުޖެހޭ ބަދަލުތަކެއް ގެނެސްގެން،" ފައިނަލް މެޗު ރޭ ދިޔަ ގޮތަށް އިޝާރާތްކޮށް ބޯތު ބުންޏެވެ.

މިއީ ސީޝެލްސް އަށް ސީދާ ފުޓްބޯޅަ އަށް ހާއްސަކޮށް ކުރިއަށް ދިޔަ މުބާރާތަކުން ލިބުނު ފުރަތަމަ ކާމިޔާބީ އެވެ. އެ ޓީމުން މީގެ ކުރިން ފުޓްބޯޅައިގައި ހޯދި ކާމިޔާބީ އަކީ 2011 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ފުޓްބޯޅަ އިވެންޓުން ރަން މެޑަލް އެވެ.

ބޯތު ބުނީ ފޯ ނޭޝަންސް ކަޕްގެ ކާމިޔާބީއާ އެކު ސީޝެލްސްގެ ފުޓްބޯޅަ އަަށް ދިރުން ލިބޭނެ ކަމަށެވެ.

"މިއީ އަހަރެމެންގެ ގައުމަށް ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ޕޮޒިޓިވް ކާމިޔާބެއް. އެއީ ސީޝެލްސްގެ މީހުންނަކީ ވަރަށް ފުޓްބޯޅަ އަށް ލޯބިކުރާ ބައެއް. ސީޝެލްސް ޓީމާ މެދު އިތުބާރު ގެއްލިފައި ކުރިން އޮތީ. މި ކާމިޔާބީއާ އެކު ގައުމުގައި ފުޓްބޯޅަ ޖޯޝް ރަނގަޅުވާނެ.،" ބޯތު ބުންޏެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރް އުމަރު ސީޝެލްސް ކެޕްޓަނާ ޓްރޮފީ ހަވާލުކުރަނީ.


ރޭގެ ކާމިޔާބީ ސީޝެލްސް އަށް ހާއްސަވާ އަނެއް ސަބަބަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޝަރަފްވެރި ކޮށްދެއްވި ފައިނަލަކުން މޮޅުވުމެވެ. އެ ސަބަބާ ހުރެ ސީޝެލްސްގެ ގިނަ ކުޅުންތެރިންނަށް ރޭގެ މެޗުގެ ހަނދާންތައް "ތާރީހީ" ކަމަކަ ށްވާނެ ކަމަށް ބޯތު ގަބޫލުކުރެ އެވެ.

"ފީފާ ރައީސާ އެއް ޕޯޑިއަމެއްގައި ހުރެ އެ ގޮތަށް ކާމިޔާބެއް ހޯދުމަކީ ކުޅުންތެރިންނަށް ލިބޭނެ މޯޓިވޭޝަނެއް. މިއީ އެ މީހުންނަށް ތާރީހީ ކަމެއް. މިއީ ފަސް ހަފްތާ ވަންދެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން ކުޅުންތެރިން އައި ހިސާބެއް،" ބޯތު ބުންޏެވެ.

ލަންކާ، ބަންގްލަދޭޝް އަދި ރާއްޖެއާ ވާދަކޮށް ސީޝެލްސް އަށް މި ލިބުނު ކާމިޔާބީގެ ފައިދާ އެ ޓީމަށް ފީފާ ރޭންކިން އިން ކުރާނެ ކަމަށް ބޯތު އުއްމީދުކުރެ އެެެވެ. ފޯ ނޭޝަންސް ކަޕަކީ ފީފާ ކަލަންޑަރު ތެރޭގައި ކުުުޅެވުނު މުބާރާތަކަށް ވާތީ މީގެއިން ރޭންކިން އަށް ޕޮއިންޓް ގުނާނެ އެވެ.

ފީފާ އިން އެންމެ ފަހުން ނެރުނު ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 156 ގަ އެވެ. ބަންގްލަދޭޝް އޮތީ 187 ވަނައިގަ އެވެ. ސީޝެލްސް 199 ގައި އޮތްއިރު، ލަންކާ އޮތީ 204 ގަ އެވެ. ފީފާ އިން ދެން ރޭންކިން ނެރޭނީ އަންނަ މަހު އެވެ.