Advertisement

ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަސްކުރަން އޭސީސީން އެދުނު ބަޖެޓު ދޭން ނިންމައިފި

19 ނޮވެންބަރު 2021 - 09:47 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މައުލޫމާތު ދެއްވަނީ: އެ ކޮމިޝަނުގެ މަސައްކަތް ލަސްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި. -ފައިލް ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ބޮޑު ހިޔާނާތުގެ މައްސަލަތައް އަވަސްކުރަން އޭސީސީން އެދުނު ބަޖެޓު ދޭން ނިންމައިފި

19 ނޮވެންބަރު 2021 - 09:47 0

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ނިންމުމަށްޓަކައި ތަހުގީގު ހަލުވި ސްޕީޑެއްގައި ކުރިޔަށް ގެންދިޔުމަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަކުރާރުކޮށް ބުނެފައިވާއިރު، އެ މުވައްޒަފުން ނެގުމަށް ބޭނުންވާ ފައިސާ އެ ކޮމިޝަނުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ރޭ ނިންމައިފި އެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ މިދިޔަ މަހު މަޖިލީހުގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ކޮންމެ ކޭސްއަކަށް އެވަރެޖުކޮށް އަށް މަސް ދުވަސް ހޭދަވާކަން މިހާރު ނިމިފައި ހުރި މައްސަލަތަކުން ފާހަގަވާ ކަމަށެވެ.

"އެވަރެޖްކޮށް އެބަ ނަގައޭ އަށް މަސް ކޭސްއެއް ނިންމަން. އެހެންވީމަ މި ރޭޓުގަ މި ނަންބަރު އޮފް ކޭސަސް ހުރިއްޔާ އަޅުގަނޑުމެންގެ ތަހުގީގު ޓީމަށް އިތުރު 12 މުވައްޒަފުން ބޭނުންވާކަމަށް،" ޝިއުނާ ވިދާޅުވި އެވެ.

ނަމަވެސް، އަންނަ އަހަރު ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި އެ އެދުމަށް ރިއާއަތްކޮށްފައިނުވާ ކަމުގެ ކަންބޮޑުވުން އެ ކޮމިޝަނުން ވަނީ ބަޖެޓު ދިރާސާކުރާ ކޮމިޓީއާ ވެސް ހިއްސާކޮށްފަ އެވެ.

އޭސީސީން އެދޭ އަދަދަށް އިތުރު މުވައްޒަފުން ލިބިއްޖެނަމަ، އަންނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލަތައް ބަލައި ނިންމޭނެތޯ މެމްބަރަކު ސުވާލު ކުރެއްވުމުން، އޭސީސީން ބުނީ ބޮޑު ހިޔާނާތުގެ މައްސަލައަކީ ފުލުހުންގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާ ގުޅިގެން ހިންގާ ތަހުގީގަކަށްވާތީ އެފަދަ ތާރީހެއް ދެއްވަން ދަތި ކަމަށެވެ.

ނަމަވެސް، އެ މައްސަލަތައް ބަލަން އިތުރު އިންވެސްޓިގޭޓަރުން ލިބިއްޖެނަމަ، އެ މައްސަލަތައް ބަލައި އަވަހަށް ނިންމަން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަން ފާހަގަކުރި އެވެ.

އަންނަ އަހަރު ތަހުގީގު ނިންމަން އެދުނު

އެ އެދުމަށް ރިއާއަތްކޮށް، ބަޖެޓު ދިރާސާ ކޮމިޓީން ރޭ ވަނީ 82 ރަށެއްގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 57.4 މިލިއަން ރުފިޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓާއި އަދި ހަތް މިނިވަން މުއައްސަސާއެއްގެ ބަޖެޓަށް ޖުމުލަ 16.4 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

އޭގެ ތެރޭގައި އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3.9 މިލިއަން ރުފިޔާ އޭސީސީގެ ބަޖެޓަށް ވަނީ އިތުރުކޮށްދީފަ އެވެ.

އޮފީސްތަކުގެ ބަޖެޓަށް އިތުރުކުރި ފައިސާ


1. ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް 7 މިލިއަން ރުފިޔާ 2. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރަން ފަސް ލައްކަ ރުފިޔާ 3. ސިވިލް ސާވިސްގެ އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް 1.69 މިލިއަން ރުފިޔާ 4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން މުވައްޒަފުން ނަގަން 865،636ރ. 5. އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް ގާނޫނުގައި ބުނާ ތާރީހަށް މަސައްކަތްތައް ނިންމަން މުވައްޒަފުން ނަގަން 2.2 މިލިއަން ރުފިޔާ 6. އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނަގަން 3.9 މިލިއަން ރުފިޔާ 7. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހޯދަން 204،000ރ. 8. މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް އިތުރުކުރަން 73،782ރ.

އެ ފައިސާ އިތުރުކޮށްދިނުމަށްފަހު، ކޮމިޓީން ހުށަހަޅާ ބަޖެޓު ރެކަމެންޑޭޝަންތަކުގެ ތެރޭގައި އެމްއެމްޕީއާރްސީގެ ތަހުގީގު އަންނަ އަހަރުގެ ތެރޭގައި ނިންމަން މަސައްކަތް ކުރުމަށް އޭސީސީގައި އެދުމަށް ވަނީ ހިމަނައިފަ އެވެ.

ބަޖެޓަށް ކޮމިޓީން ގެނައި ބަދަލު

ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި ބައެއް މުއައްސަސާތަކުން ބަޖެޓަށް ޖުމުލަ 73.8 މިލިއަން ރުފިޔާ ކޮމިޓީން ރޭ ވަނީ އިތުރުކޮށްފަ އެވެ.

މި ބަދަލާއެކު ޖުމުލަ ބަޖެޓަށާއި ބަޖެޓްގެ ހަރަދަށް އަންނަނީ ކުޑަ އިތުރުވުމެކެވެ. ބަޖެޓްގެ ޖުމުލަ ހަރަދު 34 ބިލިއަން ރުފިޔާއިން 34.10 ބިލިއަން ރުފިޔާ އަށް އަދި ޖުމުލަ ބަޖެޓް، 36.92 ބިލިއަން ރުފިޔާއިން، 36.99 ބިލިއަން ރުފިޔާ އަށް ބޮޑުވެގެން ދާނެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސުން ހުށަހަޅާފައިވާ ކަންކަމާއި، ހުށަހަޅާފައިވާ 24 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ބަޖެޓް ދިރާސާކުރި ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެވެ.