14 އޭޕްރީލް 2025 - 07:19 2
އަމަން ހަލީމް
ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީގެ އޮފީސް: ޕޮލްކޯއިން މި މަސައްކަތް ހަވާލުކުރީ ޕޮލްކެޓާ، ޕޮލްކެޓުން ދިނީ މޭނާ ކޭޓަރިންއަށް -- ފޮޓޯ: ސޯޝަލް މީޑިއާ
14 އޭޕްރީލް 2025 - 07:19 2
ފުލުހުގައި މަސައްކަތް ކުރާ މީހުންނަށް ކާން ދިނުމުގެ ކަންކަން ހަމަޖައްސަން ފިނޭންސް މިނިސްޓްރީން ހުއްދަ ދިން މުއްދަތަށް ވުރެ އިތުރަށް އެ މަސައްކަތް ކުރަން ބަޔަކާ ހަވާލުކުރި މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
މި މައްސަލަ ފެންމަތިވީ ދައުލަތުގެ އިދާރާތަކުގެ ކޯޕަރޭޓިވް ސޮސައިޓީތަކުން ހިިންގާފައިވާ ވައްކަންތައް ދިރާސާ ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މި ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ފުލުހުންނަށް ކާން ދިނުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ހުއްދަ ދިނީ ފަސް އަހަރަށް ކަމަށެވެ. ނަމަވެސް ޓެންޑާ ބޯޑުގެ އިރުޝާދާ ހިލާފަށް ޕޮލްކޯއިން ވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް އެއްބަސްވުން އެކުލާވާލައި، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފަ އެވެ.
"2018 ވަނަ އަހަރު ފިނޭންސް މިނިސްޓްރީން މިވަނީ މިކަންތައް ފަސް އަހަރު ދުވަހަށް ކުރިއަށް ގެންދިޔުމުގެ ހުއްދަ ދެއްވާފައި އިނގޭތޯ. އެކަމަކު ފަސް އަހަރު ދުވަހަށް ދިން ހުއްދައިގެ ދަށުން، 10 އަހަރު ދުވަހަށް އެގްރީމަންޓުކޮށްފަ، ކުރަން ފުލުހުންގެ އޮފިސަރަކު ލިޔުއްވާފައި އޮތް ލިޔުމެއް މިއީ،" ނާޒިމް ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޓެންޑާ ބޯޑުން ފަސް އަހަރު ދުވަހަށް ހުއްދަ ދެއްވީމައި، އޮފިސަރު މިއޮތީ ލިޔުން ފޮނުވާފައި 10 އަހަރު ދުވަހަށް އެގްރީމަންޓު ކުރުމަށޭ، އެހެރީ އެއްވެސް ޖެހިލުމެއް ނެތި ކޮށްލާފައި ހުރި ކަންކަން،"
ނާޒިމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ އަގަކީ އަހަރަކަށް 35 މިލިއަން ރުފިޔާ އެވެ. މިހެންކަމުން 10 އަހަރަށް މުއްދަތު ދައްމާލުމުން، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 350 މިލިއަން ރުފިޔާ ލިބޭނެ އެވެ.
ފުލުހުންނަށް ކާން ދިނުމުގެ ކަންކަން ހަވާލުކުރީ ފުލުހުންގެ ތެރެއިން އުފައްދާފައި އޮންނަ ޕޮލިސް ކޭޓަރިން (ޕޮލްކެޓް) އާ އެވެ. އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޕޮލްކެޓުން މި މަސައްކަތް ހަވާލުކުރީ މޭނާ ކޭޓަރިންއާ އެވެ.
ޓެންޑާ ބޯޑުން ދިން ހުއްދަ ޑަބަލް ކުރި މައްސަލައިގައި ނާޒިމް ކަންބޮޑުވި ފާޅުކުރިއިރު، އޭނާ ވިދާޅުވީ އެ ހުއްދައިގައި އެންގި ގޮތާ ހިލާފަށް އެއްބަސްވުން ހަދަން ހުއްދަ ދިން އޮފިސަރަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ގާނޫނާ ގަވާއިދުތަކާ ހިލާފަށް ކޯޕަރޭޓިސް ސޮސައިޓީތަކުން ކުރާ ކަންތައްތައް ދޫކޮށްލެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލްކޯގެ މައްސަލަތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރަން ފެށީ، އެ ކޯޕަރޭޓިވުން ހިންގި ބްލޫސް ހައުސިން ސްކީމާ ގުޅިގެން ނެރުނު އޮޑިޓު ރިޕޯޓުގައި ފާހަގަކުރި މައްސަލަތަކާ ގުޅިގެންނެވެ. އެ އޮޑިޓުން ދެއްކި ގޮތުގައި އެ މަޝްރޫއުން ދައުލަތަށް ގެއްލުންވެފައިވާއިރު، ވަކި ބަޔަކަށް މަންފާ ހޯދައިދޭން ފުލުހުންގެ ތެރެއިން މަސައްކަތްކޮށްފައިވާ ކަމަށް ފާހަގަކުރެވިފައިވެ އެވެ.
ޕޮލްކޯ ފްލެޓުތަކުގެ ކޮރަޕްޝަން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ތަހުގީގާ ގުޅިގެން ބައެއް ލިޔެކިޔުންތައް ގެންދިޔަކަމަށް ބުނުމުގެ އިތުރަށް، ކުރީ ކޮން މަސައްކަތެއް ކަމެއް އެ ކޮމިޝަނުން ނުބުނެ އެވެ.
މި މައްސަލަތައް ފެންމަތިވީ ފަހުން ޕޮލްކޯގެ ސީއީއޯއަކަށް ހުންނެވި މީހާ ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފަ އެވެ. އޭނާ ވަކިކުރަން ހުށަހެޅި ކަމަށް ވެސް އޭރު މައުލޫމާތު ލިބިފައިވެ އެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ކަމެއް އަދި ސާފެއް ނުވެ އެވެ.
0.00%
33.33%
66.67%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކާތިބު
10 days ago
އޭސީސީގެ ވެރިންގެ މައްސަލަ ފުލުހުން ނުބަލަން ނިއްމީމަ ދެން ފުލުހުންގެ މައްސަލަތައް ވެސް އޭސީސީއިން ނުބަލާނެތާ! ދެން ދެބައިމީހުން ވެގެން ނަމިރާގެ މައްސަލަތައް މަތާރަންފިލާ މަތިން ނަގާ ހިރަފުސްފޮޅާ ބަލަންފެށީމަ ރަނގަޅުވާނެ. ނަމަނަމަ އެކިޔާ އެމްއެމްޕީއާރުސީގެ ވަށިގަނޑު ބަންޑުން ކޮށްނުލާތި އެކަކުވެސް.
ވަހީދުބޭ
10 days ago
ސަރުކާރުގެ ތެރެއިން ހިންގާފައިވާ ނުވަތަ ހިންގަމުން ގެންދާ ނުރަގަޅު ކަންކަން ތިލަކޮށް، ރައްޔިތުންނަށް ހާމަކުރުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކުރައްވާ މަސައްކަތް އުފަލާއެކު ފާހަގަކުރަން. މަޖިލީހުގެ ތަޅަމުގައި ތިއްބެވި އެހެން މެމްބަރުންނަށް މިފަދަ ކަންކަން ފާޅުގައި ހާމަކުރުމަށް ފަސްޖެހެނީ ކީއްވެތޯ؟
Comment