Advertisement

ދިގުވާހަކަ: ތޫފާން

15 ނޮވެންބަރު 2021 - 09:24 1

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ތޫފާން

15 ނޮވެންބަރު 2021 - 09:24 1

(ފުރަތަމަ ބަޔާ ގުޅޭ)

އޭނާގެ ހަޅޭއްކުގެ އަޑަށް ގޭތެރެއިން މީހަކު ނުކުތެވެ. އެއީ ދެބައި އުމުރުގެ ފިރިހެނެކެވެ. ބަލައިބެލުމަށް އޭނާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ހިނގުމުގައި ދަތި ގޮތެއް ހުއްޓެވެ. އެއްފަޔަށް ކުރުހެން ހީވެ އެވެ. ހިނގުމުގައި އެކަހަލަ ގޮތެއް ހުރެ އެވެ. އުނދަގޫ ގޮތަކަށް ހިނގަމުން އައިސް އޭނާ ހުއްޓުނީ އަހަރުމެންގެ ކުރި މައްޗަށެވެ.

"އެއްވެސް އަޑެއް ނުލައްވާތި!" އަކުރުތަކަށް ބާރުކޮށްލަމުން އޭނާ ދިނީ އިންޒާރެކެވެ.

ޝަހާދަތް އިނގިލި ނޭފަތުގައި ޖައްސާލަމުން ދެ ލޯ ބޮޑުކޮށްލި އެވެ. ދެ ބުމަ އުފުލައިލަމުން ސީދާ އަހަރެންގެ މޫނަށް އޭނާ ބަލައިލި އެވެ. އެ ވަގުތު ތުރުތުރެއް ހަށިގަނޑުގައި ދުވެގަތެވެ. އޭނާގެ އެއް ލޯ ހުރި ގޮތުން ބިރު ނުގަންނަން ހުއްޓަސް ބިރު ގަންނާނެ އެވެ. މަތީ ތުންފަތުން ނޭފަތާ ދިމާއަށް ކަނޑައިގެން ގޮސް ހުރި ތަން ފެނުމުން ފާޑެއްގެ ގޮތެއް ވާން ފެށި އެވެ. ދޫދަށުގައި ކުޅުތައް ގިނަވާން ފެށި އެވެ. އެހެންވެ އަހަންނަށް ނޭވާ ހިފަހައްޓައިލެވުނެވެ. ޔޫކާ އާއި ޔޫންގެ އަތުގައި ބާރަށް ހިފައިލެވުނެވެ.

"ކަލޭމެން އަންނާނެކަން އަހަރުމެންނަށް މާ ކުރިން ވެސް އެނގޭ." އެ ފިރިހެން މީހާގެ ބަރު އަޑު ޖެހިފައި ބިރު ގަންނަ ގޮތްތަކެއް ވާން ފެށި އެވެ.

"އަހަރުމެން އަންނަކަން... ކުރިން؟" އަހަންނަށް ތަކުރާރުކޮށްލެވުނީ އޭނާ ބުނެދިން ވާހަކަތަކުން ބައެއް ލަފުޒުތަކެވެ.

"އާނ! މި ވެސް އެ ކަހަލަ ރެޔެއް. ހަމަ އެގޮތަށް ތޫފާނެއް އައިސްގެން އުޅުނު ރެޔެއް." އެ މީހާ ބަލައިލީ ސީދާ ޔޫކާގެ މޫނަށެވެ.

ޔޫކާ ބިރުގަންނަ ގޮތްވާން ފެށިއެވެ. އެކަން އަހަންނަށް ޔަގީންކުރެވުނެވެ.

"އަހަރުމެންނަށް މަގު އޮޅިގެން ވަދެވުނީ. މައާފުކުރައްވާ." އަހަރެން ގަސްތުގައި ދޮގެއް ހެދީ އެތަނުން ނުކުމެވޭނެ ފަސޭހަ ގޮތަކަށް އެކަން ވާނެ ކަމަށް ބަލައިފަ އެވެ.

"އެ މީހުންނަށް ވެސް ވަދެވުނީ ހަމަ މަގު އޮޅިގެންނޭ ކިޔައިފައޭ. އަސްލު އެ މީހުން ވެސް މިތަނަށް އައީ ހަމަ ގަސްތުގައި. ފަހުން ދޮގު ހެދީ. އޮޅުވާލީ." އެ މީހާ ޝަހާދަތް އިނގިލި ނޭފަތުން ނައްޓައިލަމުން އަހަންނާ ހަތަރުކަޅި ހަމަކޮށްލި އެވެ.

"އަހަންނަކަށް ނުވިސްނު." އަހަރެން ހަމަޖެހޭކަމަށް ހެދިލަމުން ބުނެލީ މެވެ.

"އަހަންނަކީ ކޮރު އީސަ، އެންމެން ވެސް ކިޔާނީ އެހެން. މުޅި ތަންގަނޑު އެންމެން ކިޔާނީ ހަމަ އެ ނަން." އޭނާގެ ރާގު ބަދަލުވި އެވެ.

އޭނާގެ ވާހަކަ އަހަންނަށް މުހިއްމެއް ނުވި އެވެ. އަހަންނަށް މުހިއްމުވީ އެ ތަނުން ދިޔުމެވެ. އީސަގެ ވާހަކަތަކަށް ބީރުކަންފަތެއް ދިނުމެވެ. އެހެންނޫނީ ވަގުތު ފާއިތުވާނީ އެވެ.

"އަހަންނަށް އެނގޭ އަހަރެންގެ ވާހަކަ އަޑުއަހާކަށް ކަލޭއަށް ވަގުތެއް ނުވާނެކަން. ކަލޭ ތިޔައައީ މިހިރި ކުޑަކުޑަ ކުއްޖާގެ ހީނގަނެފައި ހުރީމަ އެ ކުއްޖާގެ ތެތް ބޭލޭނެ ގޮތެއް އޮތްތޯ ބަލަންކަން އެނގެޔޭ." އީސަ ހިނިތުންވެލި އެވެ.

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. އީސަގެ މޫނަށް ބަލައިލެވުނެވެ. އަހަރުމެން އެގެއަށްވަނީ ކޮން ބޭނުމަކު ކީއްކުރަންކަން ވެސް އޭނާއަށް އެނގުނީތީ ހައިރާންވި އެވެ. ފާޑަކަށް ބަސްހުއްޓިފައި ހުރެވުނީ އެވެ.

"މަށަށް އެނގޭ ކަލޭއަކީ ރ އަތޮޅު އިންނަމާދޫ މީހެއްކަން. ކަލޭ މާލެއަކީ ކީއްކުރަން ކަން ވެސް. މާލެ އައިސް މިރަށަށް ތިޔަ އައީ ކަލޭއާއެކު ކޯހުގައި އުޅުނު ކުދިންތަކެއް ބުނެގެން މިރޭ އޮތް ކެއުމަކަށް ކަން ވެސް އެނގޭ،" އީސާ އެނބުރިލި އެވެ. "މަށަށް އެނގޭ އެމީހުން މިރޭ ނާންނާނެކަން ވެސް."

އެހެން ބުނެފައި އީސާ ހިނގައގަތެވެ. ލަސްލަހުންނެވެ. އަހަންނަށް ކަނާއަތް ހިއްލައިލެވުނެވެ. އީސައާ ވާހަކަދައްކާ ހިތްވާން ފެށި އެވެ. އޭނާއަށް އެ ހުރިހާ މައުލޫމާތެއް ސާފުކޮށް އެނގުނު ސަބަބު ހޯދާން ބޭނުންވި އެވެ.

"އީ... އީ...." އަތް ހިއްލައިލަމުން ދެފަހަރަކު އަހަންނަށް އޭނާގެ ނަން ކިޔާން މަސައްކަތް ކުރެވުނެވެ.

ބަދަލުގައި އީސަ އެ ދިޔަގޮތަށް ދިޔައީ އެވެ. އޭނާ ގޮސް ދޮރު ހުޅުވާލަންދެން އަހަންނަށް ހުރެވުނީ ބަލާށެވެ.

އީސާ ދޮރުލައްޕާލުމުން އަހަންނަށް ބަލައިލެވުނީ ޔޫކާއަށާއި ޔޫންގެ މޫނަށެވެ. ޔޫކާ ހުރީ ދަތްޕިލަ ޖައްސައިގެންނެވެ. ދެ އަތް ދެ އަތަށް ޖޯޑުކޮށްލައިގެންނެވެ. ޔޫން ހުރީ ހައިރާން ކަމާއެކު އީސަގެ ހަރަކާތްތަކަށް ބަލާށެވެ.

"އެ މީހާއަށް ކީއްވެތަ އެނގުނީ؟" ޔޫން ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.

"ނޭނގެ ދަރިފުޅާ." އަހަންނަށް ބުނެލެވުނެވެ.

"ބައްޕީ ހިނގާ މިގެއިން ނުކުންނަށް. ޔޫ ބިރުގަންނަން ފަށައިފި." ޔޫކާގެ އަޑުގައި ހުރީ ތުރުތުރެކެވެ.

އަހަންނަށް ހަމަ ނޭވާއެއް ބޭރުކޮށްލެވުނީ ޔޫކާގެ އިހުސާސްތައް ވަޒަންކުރެވުމުންނެވެ. ޔޫކާގެ މައުސޫމު މޫނަށް ބަލައިލެވުނެވެ. އަވަސްއަވަހަށް ފަހަތަށް އެނބުރިލެވުނެވެ.

"ޔަނާލް." މީހަކު ފަހަތުން ގޮވާލި އަޑު އިވުނެވެ.

އެއީ އަހަރެން ކުރިން ދަންނަ އަޑެއްހެން ވެސް ހީވާން ފެށިއެވެ. އެހެންވެ އަހަންނަށް ހުއްޓިލެވުނެވެ. އެ އަންހެން އަޑުގައި ހުރި ޖާދުވީ ގޮތެއްގެ ސަބަބުންނެވެ. ނޭނގޭ ބާރެއް ދަމާ ގެންދާ ހެން ހީވާން ފެށި އެވެ.

"ޔަނާލް." ހީވީ އަހަރެންގެ ކަންފަތް ބުޑުގައި ވައި އަޑުން މީހަކު އަހަންނަށް ގޮވާލިހެންނެވެ.

އަހަންނަށް ފަސްއެނބުރި ބަލައިލެވުނެވެ. ސިއްސައިގެން ނުދިޔައީ ކިރިޔާ އެވެ. އަހަންނަށް ފެނުނީ ހަމައެކަނި ތުވާއްޔެވެ. ހުދުކުލައިގެ ސާފު ރީތި ތުވާއްޔެވެ. އަހަރެންގެ މޫނާ ދާދި ކައިރިންނެވެ. ރަނގަޅަށް ހަމަޖެހިލައި ބަލައިލެވުނީ ތުވާއްޔަށެވެ. އަހަންނަށް ތުވާލި ދިއްކޮށްލައިގެން ހުރީ ކާކުތޯ ބަލައިލާ ހިތްވިލެއް ބޮޑުކަމުން ވިސްނައިލުމެއް ނެތި ތުވާލީގައި ހިފައިލެވުނެވެ.

"ޝުކުރިއްޔާ." އަހަރެން ތުވާލީގައި ހިފައިލަމުން ލަސްލަހުން ބުނެލީމެވެ.

ތުވާލި އަތަށް ލިބުމާއެކު އަހަންނަށް ހުއްޓެވުނެވެ. ކަޅި ޖަހައިނުލައި ބަލަން ހުރެވުނެވެ. އެ ދޮން މޫނަށެވެ. ހީވީ ކަޅުވިލާ ގަނޑެއްގެ މެދުން ސާދަވިލޭރޭގެ ހަނދު ހިނިތުންވެލައިގެން ހުރިހެންނެވެ. އެ މޫނުގެ އަލިން އަހަރެންގެ މެއަށް ފިނިކަމެއް ލިބިގެންދިޔަ އެވެ. ނޭނގި ނަމަވެސް ހިތަށް އަރާމުކަމެއް އިހުސާސްކޮށްލެވުނެވެ. ބޮލަށް ވެއްޓުނު ތުރުތުރާއެކު އަހަންނަށް ބަލައިލެވުނީ ސީދާ އެ މޫނަށެވެ.

"ރިޔާޝާ." އަކުރުތަކަށް ހުއްޓަމުން އަހަންނަށް ކިޔައިލެވުނީ ރިޔާޝާގެ ނަމެވެ.

އާއެކެވެ. އެއީ ސީދާ ހަމަ ރިޔާޝާ އެވެ. އަހަންނަށް އެ މޫނެއް އޮޅުވައެއް ނުލެވޭނެ އެވެ. އެނަމެއް ހަނދާން ނައްތައެއް ނުލެވޭނެ އެވެ.

"ކީއްވެ؟ ކޮންތާކު؟ ކިހިނެއް؟ ކީއްކުރަނީ؟" ފަޓާސްބަރިއެއްހެން ސުވާލުތައް އަމުނައިލެވުނެވެ.

ބަދަލުގައި ރިޔާޝާ ހިނިތުންވެލި އެވެ. އޭނާ ކަޅި ޖަހައި ނުލައި ބަލަން ހުރީ ސީދާ އަހަރެންގެ މޫނަށެވެ.

"އަނބިމީހާ ނިޔާވީދޯ. ޔަލްވީއަށް ލިބުނީ ޔޫކާ އަދި ޔޫން ދޯ. މާލެއިން މި ރަށަށް ތިޔައަކީ ޝިޒްނާމެން ބުނެގެންނެއްނު." ރިޔާޝާ ބުނެލި އެވެ.

އަހަންނަށް އިސްޖަހައިލެވުނެވެ. ބަދަލުގައި ރިޔާޝާ ވެސް އަނގަކުން ނުބުނެ އެވެ. އަހަރެން އަތުގައި އޮތް ތުވާލި އަތުލަމުން ޔޫކާއާ ދިމާއަށް ތިރިވެލި އެވެ.

"ބަދު ދުޢާއަކީ ވެސް ބައެއް ފަހަރު ދުޢާއަކަށްވޭ، އަނެއްބައި ފަހަރު އެއިން ވެސް ތޫފާން އުފެދި މުޅި ދިރިއުޅުން އެ ފުށްމިފުށަށް ޖެހޭ." ލަސްލަހުން އަހަރެން ބުނެލީމެވެ.

ރިޔާޝާއަށް އިވުނު ކަމަކަށް ނުހަދަ އެވެ. އޭނާ ތިރިވެލަމުން ޔޫކާގެ ގައިގައި ތުވާލު އޮޅައިލަދިނެވެ. ތުވާލީގެ އެ ކަނުން ޔޫކާގެ މޫނުގައި ހުރި ފެންތައް ފޮހެލަދިނެވެ.

"މި ހަމަ ދެވަނަ ޔަލްވީއެއްނު،" ރިޔާޝާ މަޑުމަޑުން ބުނެލިއެވެ. "ހަމަ އެ ދެލޯ. އެ މޫނުކޮޅު."

"އަހަރެން ބޭނުމެއް ނޫން އެހީއެއް." އަހަރެން ބޭނުންވީ އެގެއިން ނުކުމެގެންދާށެވެ.

ރިޔާޝާގެ ވަސް ވެސް ނުދޮވާ ހިސާބަށް ދާށެވެ. އޭނާގެ އަޑު އިވުނަސް ހަތަރެސްފައި ތުރުތުރު އަޅައިގަނެ އެވެ. އަނެއްބައި ފަހަރަށްމޭ ބޮޑުވާ ގޮތްވެ އެވެ. ގައިން ދައި ހިއްލާން ފަށައެވެ. އަތްފައިގެ ނާރުތަކަށް ވާންވާން ފަށަ އެވެ.

ގިނަފަހަރަށް އެ އަޑު އަހައިލަން ވެސް ބޭނުންވެ އެވެ. އެކަނި ވެއްޖެނަމަ އެ ލޯ މަރައިލުމުން ސިފަކުރެވެނީ އެ ދޮން މޫނެވެ. އޭނާގެ ލުއި ހަރަކާތްތަކެވެ. ހިތްފުރިގެންދާ ހިނިތުންވުމެވެ.

"އިންސާފުގެ ފޫޅު ކެނޑެނީ ވަކި މީހެއްގެ ބޮލަކުން ނޫން،" ރިޔާޝާ ޔޫކާގެ ގައިން ފެން ހިއްކައިދެމުން ބުނެލި އެވެ. "ގޮތް ދޫނުކުރުމާއި ގޮތުގައި ހިފެހެއްޓުމަކީ މި ޒަމާނުގައި ވިކޭ ކަންކަމެއް ނޫން."

"ގޮތް ދެއްކުމާއި ގޮތެއް ނެތިގެން އުޅުމަކީ ވެސް މިހާރަކު މީހުން ބަލައިގަންނާނެ ކަންކަމެއް ނޫން." އަހަރުމެންގެ ބަސްމަގުގައި ޒުވާބުގެ ރާޅުބާނިތައް ހަރަކާތްކުރާން ފެށި އެވެ.

"އަހަރެން ނޫޅެން ޒުވާބުކޮށް އަޑުގަދަކޮށް ގަޔަށް އަތްލާކަށް." ރިޔާޝާ ލަސްލަހުން ބުނެލި އެވެ.

"އަހަރެން ވެސް ނޫޅެން." އަހަރެން ވެސް ނޫންކަމަށް ހެދީމެވެ.

"މާޒީގެ ތަސްވީރަކުން ފަޅައި ގަހެއްގައި މޭވާ އަޅައިގެން އެ މޭވާތައް ގަސްދޮށަށް ވެއްޓި ފީވާން ހުއްޓާ ވެސް އެއީ މާޒީން ފެޅި ގަހެއްވީމަ އެ މޭވާ ދެކެ ރުޅި އެރުމަކީ ވަރަށް ފިނޑިގޮތެއް. އެއީ ހަމަ ފިނޑިންގެ ޢަމަލެއް." އަނެއްކާ ވެސް ރިޔާޝާ އެ މައުޟޫ ހުޅުވާލަން މަސައްކަތް ކުރި އެވެ.

އަހަރެން އަނގައިން ނުބުނެ މަޑުކޮށްލައިގެން ހުރީ ރިޔާޝާއާ ޒުވާބު ކުރާން ޖެހޭނެކަން އެނގޭތީ އެވެ. ރިޔާޝާއަކީ ރިޔާޝާކަން ވަރަށް ރަނގަޅަށް ވިސްނޭތީ އެވެ. އޭނާގެ ބަސްމަގާއި ރާގުގައި އޮމާންކަމެއް ހުއްޓަސް އެއީ ސީދާ ހަރުފައެއްކަން އެނގޭތީ އެވެ.

"ދެން ބުނާނެ އަހަންނަކީ ހަންގަނޑު އޮމާން ހަރުފައެކޭ. މިހާރު ވެސް އެހެން ބުނާން ބޮލަށް އެ ބަސްކޮޅު ލައިގެން ދޯ ތި ހުރީ." ރިޔާޝާ ކޮޅަށް ތެދުވި އެވެ.

އޭނާގެ ހަތަރުކަޅި އަމާޒުކޮށްލީ ސީދާ އަހަންނަށެވެ.

"އާން. އަހަންނަކީ ކޮރު އީސަގެ އަންހެނުން." ރިޔާޝާ ބާރުބާރަށް ބުނެލި އެވެ.

"ރިޔާ." ރިޔާޝާގެ އަޑުގައި ހުރި ރާގު އިވިފައި އަހަންނަށް ބުނެލެވުނެވެ.

"ކޮންމެހެން އަހަންނަށް ގޮވާނެ ކަމެއް ނެތް." ރިޔާޝާ ހޭންފެށި އެވެ.

ޔޫކާ އަހަރެންގެ އަތަށް ބާރުކޮށްލިއެވެ. ޔޫން ވެސް ބިރުގަނެގެން އަހަރެންގެ އަތުގައި ހިފައިލާ ގޮތަށް އަތަށް ބާރުކޮށްލި އެވެ. (ނުނިމޭ)