Advertisement

ސިވިލް ސާވަންޓުން ނަގާއިރު ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ އުސޫލު އުވާލައިފި

18 ނޮވެންބަރު 2021 - 08:21 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ސަރުކާރުގެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެއަށް މީހަކު ވަންނަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


ސިވިލް ސާވަންޓުން ނަގާއިރު ފިނޭންސްގެ ހުއްދަ ހޯދަންޖެހޭ އުސޫލު އުވާލައިފި

18 ނޮވެންބަރު 2021 - 08:21 0

ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލަށް ގެނައި ބަދަލު އިއްޔެއިން ފެށިގެން އުވާލައިފި އެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އިގުތިސޯދަށާއި ދައުލަތުގެ އާމްދަނީއަށް ކުރި ނޭދެވޭ އަސަރުގެ ސަބަބުން ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ސިވިލް ސާވިސްގެ އިދާރާތަކާއި ދައުލަތުގެ އެހެން އިދާރާތަކަށް ވެސް މުވައްޒަފުން ނެގުން ވަރަށް ބޮޑަށް ހިފެހެއްޓި އެވެ. އަދި ހުސްވާ މަގާމުތަކަށް ވެސް މުވައްޒަފުން ނެގުން ކޮންޓްރޯލްކުރި އެވެ.

މިގޮތުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސިވިލް ސާވިސްގެ ހުސް ވެފައިވާ މަގާމުތަކަށް މުވައްޒަފުން ނަގާއިރު ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް އޮތީ އަންގައިފަ އެވެ.

ނަމަވެސް، ކޮވިޑުގެ ހާލަތާއެކު ދައުލަތުގެ އާމްދަނީ މަޑުމަޑުން ރަނގަޅުވަމުން އަންނައިރު، ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުސޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، އެ ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް އަންގާފައިވާ ކަމަށެވެ.

ވަޒީފާ ހަމަޖެއްސުމަށް ސީއެސް ވިއުގަ މެދުވެރިކޮށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނަންޖެހެ އެވެ.

...މިއަދުން ފެށިގެން ހަވާލާދީފައިވާ މާލިއްޔަތާބެހޭ ސާކިއުލާގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަން ނުޖެހޭނެކަން ވެސް ދެންނެވީމެވެ،" ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކޮށްފައިވާ އިއުލާނުގައިވެ އެވެ.

ސިވިލް ސާވިސްގެ ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ އުސޫލު ބަދަލުކޮށްފައި މިވަނީ ސަރުކާރުގެ ބައެއް ދާއިރާތަކަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށާއި ހިދުމަތްތައް ހަރުދަނާކުރަން ބޭނުންވާ ވަޒީފާ އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 622.6 މިލިއަން ރުފިޔާ ހިމަނާފައިވަނިކޮށެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާ ގޮތުގައި އޮފީސްތަކުން މިހާރު ހުސްވެފައި ހުރި މަގާމުތަކާއި އަލަށް އުފައްދާ މަގާމުތަކާއެކު ޖުމުލަ 3،244 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ހިމަނާފައި ވެއެވެ.

ދައުލަތުގެ ބަޖެޓުން އަބަދުވެސް އެންމެ ބޮޑު ހޭދައެއް ކުރަނީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށެވެ.

އެގޮތުން އަންނަ އަހަރުގެ ބަޖެޓުން 9.7 ބިލިއަން ރުފިޔާ މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ ޖުމްލަ ހަރަދުގެ 26.4 ޕަސެންޓެވެ.

މި އަދަދުގެ ތެރެއިން މުސާރަ އާއި އުޖޫރައިގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކުރަނީ 5.4 މިލިއަން ރުފިޔާ އެވެ. އަދި އެލަވަންސްތަކަށް އިތުރު 4.3 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސުން ލަފާކުރެ އެވެ. މިއީ މި އަހަރު މުވައްޒަފުންގެ ހަރަދުތަކަށް ހިނގާނެ ކަމަށް 8.6 ބިލިއަން ރުފިޔާއަށް ވުރެ 13 ޕަސެންޓު އިތުރު އަދަދެކެވެ.

މުވައްޒަފުންގެ އުޖޫރައަށް ކުރާ ހަރަދުތައް ކޮންމެ އަހަރަކު އިތުރުވަމުން ދިޔަ ނަމަވެސް، އަންނަ އަހަރު މިވަރުގެ އިތުރުވުމެއް އަންނަނީ މިނިމަމް ވޭޖާއި ނޭޝަނަލް ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރަން ނިންމާފައިވާތީ އެވެ.