18 ނޮވެންބަރު 2021 - 08:10 0
އެތުލެޓިކޯގެ ފޯވާޑް ގްރީޒްމަން.-- ފޮޓޯ: އޭއެފްޕީ
18 ނޮވެންބަރު 2021 - 08:10 0
މެޑްރިޑް (ނޮވެމްބަރު 18) - އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ޗެމްޕިއަންސް ލީގުގައި ދެއްކި ރަތް ކާޑާ ގުޅިގެން ދީފައިވާ ސަސްޕެންޝަން އިތުރުކުރަން ޔުއެފާ އިން ނިންމުމުން އެތުލެޓިކޯ އިން އެކަމާ ހިތްހަމަ ނުޖެހިއްޖެ އެވެ.
މިދިޔަ މަހު އެތުލެޓިކޯ ދަނޑުގައި ލިވަޕޫލް އަތުން 3-2 އިން ބަލިވި މެޗުގައި ގްރީޒްމަން އަށް ރަތް ކާޑު ދެއްކީ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ލިވަޕޫލްގެ ރޮބާޓޯ ފިރްމީނޯ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ. އެ ރަތް ކާޑާ އެކު ގްރީޒްމަން އަށް ވަނީ ލިވަޕޫލް ދަނޑުގައި 2-0 އިން އެތުލެޓިކޯ ބަލިވި މެޗު ސަސްޕެންޝަންގެ ސަބަބުން ގެއްލިފަ އެވެ.
ގްރީޒްމަން އަށް ދިނީ ކިތަށް މެޗުގެ ސަސްޕެންޝަން ކަމެއް ކަށަވަރުނުވާތީ އެތުލެޓިކޯގެ އޮފިޝަލަކު މި ހަފްތާގައި ސްޕެއިނުގެ ނޫހަކަށް އިންޓަވިއު ދީފައިވަނިކޮށް ޔުއެފާ އިން އިއްޔެ އެތުލެޓިކޯ އަށް އަންގާފައިވަނީ ގްރީޒްމަން ކުރިއަށް އޮތް އޭސީ މިލާން މެޗަށް ވެސް ސަސްޕެންޑްވާނެ ކަމަށެވެ. އެއީ ގްރީޒްމަން އަށް ދީފައިވަނީ ދެ މެޗުގެ ސަސްޕެންޝަނެއް ކަމަށް އެތުލެޓިކޯ ހަނދާން ކޮށްދިނުމަށް ފަހު ޔުއެފާ އިން އެންގި އެންގުމެކެވެ.
ޔުއެފާ އިން ގްރީޒްމަންގެ ސަސްޕެންޝަނުގެ މައުލޫމާތު އެހާ ލަސްކޮށްފައި އެންގުމުން އެތުލެޓިކޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެތުލެޓިކޯގެ އޮފިޝަލަކު މެޑްރިޑްގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ގްރީޒްމަންގެ ސަސްޕެންޝަން އެޕީލްކުރަން ނިންމާފައިވާ ކަމަށެވެ.
ލިވަޕޫލް ދަނޑުގައި އެތުލެޓިކޯ ބަލިވި މެޗުގައި އެ ޓީމުގެ ޑިފެންޑަރު ފިލީޕޭ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. ސަޑިއޯ މާނޭ އަށް ކުރި ފައުލަށް ފިލީޕޭ އަށް ދެއްކި މި ރަތް ކާޑާ ހެދި އޭނާ ވަނީ ދެ މެޗަށް ސަސްޕެންޑްވެފަ އެވެ.
ގްރީޒްމަން އާއި ފިލިޕޭ ނުލައި ކުރިއަށް އޮތް މިލާން މެޗު ކުޅެން ޖެހުމަކީ އެތުލެޓިކޯ އަށް ލިބޭނެ ވަރަށް ބޮޑު ދެރަ އެކެވެ.
ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓާ އެކު އޮތް ލިވަޕޫލް ވަނީ ގްރޫޕް ބީގެ އެއް ވަަނައިގެ ގޮތުގައި އަނެއް ބުރުގެ ޖާަގަ ކަށަވަރުކޮށްފަ އެވެ. ހަތަރު މެޗުން ފަސް ޕޮއިންޓާ އެކު ދެ ވަނައިގައި ޕޯޓޯ އޮތްއިރު، ތިން ވަނައިގައި އޮތް އެތުލެޓިކޯ އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ފުލުގައި އޮތް މިލާނަށް ހަަތަރު މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment