Advertisement

ނާދިރު ކަމެއް، ފަރުވާއަކާ ނުލައި އަންހެނަކު އެޗްއައިވީ އިން ސަލާމަތްވެއްޖެ

18 ނޮވެންބަރު 2021 - 07:08 0


ނާދިރު ކަމެއް، ފަރުވާއަކާ ނުލައި އަންހެނަކު އެޗްއައިވީ އިން ސަލާމަތްވެއްޖެ

18 ނޮވެންބަރު 2021 - 07:08 0

އާޖެންޓީނާ އަންހެނަކު ފަރުވާ އަކާ ނުލާ އެޗްއައިވީ ވައިރަސް އިން އެއްކޮށް ސަލާމަތްވެއްޖެ އެވެ.

މިއީ ރިކޯޑު ކުރެވުނު މިފަދަ ދެ ވަނަ ކޭހެވެ.

އުމުރުން 30 އަހަރުގެ މި އަންހެން މީހާއަށް އެޗްއައިވީ ޖެހުނީ 2013 ގަ އެވެ. އަދި 2019ގެ ފަހުކޮޅު ބަނޑަށް ތިން މަހުގައި ބޭސް ބޭނުން ކުރަން ފެށި ނަމަވެސް ވިހޭ ދަރިފުުޅުގެ ހަށިގަނޑުގައި އެޗްއައިވީ ނުފެނުމުން ބޭސްކުރުން އޭނާ ހުއްޓާލި އެވެ. އޭގެ ފަހުން އޭނާގެ ހަށިގަނޑުން ވެސް ވައިރަސް ފެނިފައެއް ނުވެ އެވެ

އަންހެން މީހާގެ ހަށިގަނޑުގެ އެއް ބިލިއަން ސެލްސް ޓެސްޓްކޮށްގެން ވެސް އެޗްއައިވީ ވައިރަސްގެ އަސަރެއް ފެނިފައި ނުވާތީ، މިފަދަ މަދު ހާލަތްތަކެއްގައި ހަށިގަނޑުގެ ދިފާއީ ނިޒާމުން އެޗްއައިވީ ވައިރަސް ނައްތާލެވިދާނެ ކަމުގެ އުންމީދެއް ވަނީ އާވެފަ އެވެ.

މީގެ އަށް އަހަރު ކުރިން އެޗްއައިވީ އަށް ޕޮޒިޓިވްވި މި އަންހެން މީހާއަށް މިހާރު ވަނީ "އެސްޕެރެންޒާ ޕޭޝަންޓް"ގެ ލަގަބު ދީފަ އެވެ. އެސްޕެރެންޒާ އަކީ އާޖެންޓީނާގައި އޭނާ ދިރިއުޅޭ ޓައުންގެ ނަމެވެ. އޭގެ މާނައަކީ އުންމީދެވެ.

އެޗްއައިވީ ވައިރަހަށް އަދި މިހާތަނަށް ޔަގީން ފަރުވާއެއް ނެތެވެ. ނަމަވެސް ސްޓެމް ސެލް ޓްރާންސްޕްލާންޓް ކޮށްގެން ތިން މީހަކު ބަލިން ސަލާމަތްކުރެވިފަ އެވެ.

މިހާރުވެސް އެޗްއައިވީ އަށް ފަރުވާ ހޯދުމުގެ ގޮތުން މައިގަނޑު ހަތަރު ބާވަތެއްގެ ފަރުވާ ދަނީ ތަހުލީލުކުރެވެމުންނެވެ. އޭގެ ތެރޭގައި ވައިރަހާއި ހަނގުރާމަކުރުމަށް ހަށިގަނޑުގެ ދިފާއީ ނިޒާމް އެކްޓިވޭޓް ކުރުމާއި ޖީން ތެރަޕީއާއި, ޝޮކް އެންޑް ކިލްގެ ނަމުގައި ހަށިގަނޑުގެ ސެލްސްތަކުން ދިފާއީ ނިޒާމުގެ ތެރެއަށް ވައިރަސް ފޮނުވުމާއި އަދި ސެލްތަކުގެ ތެރޭގައި ވައިރަސް އިތުރަށް ގިނަވިޔަނުދީ ހިފަހައްޓައިދިނުމަށް ބްލޮކް އެންޑް ލޮކްގެ ފަރުވާ ހިމެނެ އެވެ.

މީގެ ކުރިން ފަރުވާ އަކާ ނުލާ އެޗްއައިވީ އިން ސަލާމަތްވެފައިވަނީ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދެއްގައި ދިރިއުޅެމުން އައި ލޮރީން ވިލެންބާގް ނަމަކަށް ކިޔާ އަންހެނެކެވެ. ބައެއް ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ދެ އަންހެނުން އެޗްއައިވީ އިން ސަލާމަތްވި ސަބަބެއް ކަމުގައި ބެލެވެނީ އެ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހިމެނޭ ޓީ ސެލްސް ވަރުގަދަ ވުމުންނެވެ.