Advertisement

މޫސުން ރަނގަޅުނަމަ ރާއްޖެ މޮޅަށް ކުޅުމުގެ ފުރުސަތު ބޮޑު: ސީޝެލްސް ކޯޗު

16 ނޮވެންބަރު 2021 - 20:46 0

ީސީޝެލްސްގެ ދެ ކުޅުންތެރިން ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ސްރީލަންކާ ފުޓްބޯލް


މޫސުން ރަނގަޅުނަމަ ރާއްޖެ މޮޅަށް ކުޅުމުގެ ފުރުސަތު ބޮޑު: ސީޝެލްސް ކޯޗު

16 ނޮވެންބަރު 2021 - 20:46 0

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުން ސީޝެލްސް އިން ލަނޑެއް ނުޖެހި ރާއްޖެއާ އެއްވަރުވި މެޗު، މޫސުން ރަނގަޅު ދުވަހެއްގައި ކުޅުނުނަމަ ރާއްޖޭން މޮޅަށް ކުޅޭނެ ކަމަށް ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފި އެވެ.

ކުޅުނު ތިން މެޗުން ބަލިނުވެ، ސީޝެލްސް ވަނީ މިއަދު ރާއްޖެ އަތުން ޕޮއިންޓެއް ހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ. ފޯ ނޭޝަންސް ކަޕްގައި ކުޅުނު ފުރަތަަމަ މެޗުގައި ސީޝެލްސް އިން ވަނީ 1-1 އިން ބަންގްލަދޭޝާ އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ލަންކާ އަތުން 1-0 އިން މޮޅުވި އެވެ. މިއަދު ރާއްޖެއާ އެއްވަރުކުރީ 0-0 އިންނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ބޯތު ބުނީ ރާއްޖޭގައި ސީޝެލްސް އަށް ވުރެ ރަނގަޅު ޓެކްނިކަލީ މޮޅު ކުޅުންތެރިން އެބަތިބި ކަމަށާއި މައްސަލަ އަކީ ރާއްޖޭން ގަޔާނުވާ ފިޒިކަލް ފުޓްބޯޅަ ސީޝަލްސް އިން ކުޅުން ކަމަށެވެ.

"ރާއްޖެ އަކީ ޓެކްނިކަލީ ވަރަށް ރަނގަޅު ކުޅުންތެރިން ތިބި ޓީމެއް. އެ މީހުންނަށް ވެސް އަދި އަހަރެމެންނަށް ވެސް މިއަދު ނުކުޅެވުނު އެއް ސަބަބަކީ މޫސުން ގޯސްވުން. އަހަންނަށް ބުނެވިދާނެ އެ މީހުންގެ އެ ޓެކްނިކަލީ މޮޅު ކުޅުންތެރިން މޫސުން ރަނގަޅުނަމަ މޮޅަށް ކުޅޭނެއޭ. އޭރުން ތަފާތު ވާހަކައެއް (މެޗަށް ފަހު) ދައްކަން ޖެހިފައި އޮންނާނީ،" ބޯތު ބުންޏެވެ.

ބޯ ވިއްސާރަ ތެރޭގައި މިއަދުގެ މެޗު ކުޅުނުއިރު، ފުރަތަމަ ހާފުގައި ދަނޑުގެ ހާލަތު ފެނުނީ ވަރަށް ގޯސްކޮށެވެ. ކުޅުންތެރިންނަށް ފިިޒިކަލީ ކުރިމަތިވި ލޯޑު ބޮޑުވިއިރު، ވަރުބަލިކަން ދެ ޓީމުގެ ފަރާތުން ވެސް ފެނުނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސީޝެލްސްގެ ކޯޗު ބޯތު ވާހަކަ ދައްކަނީ.-- ފޮޓޯ: ފުޓްބޯލް ސްރީ ލަންކާ


ބޯތު ބުނީ ރާއްޖޭން ކުޅެން ބޭނުންވި ޕާސިން ގޭމް ނުކުޅެވުނީ ވިއްސާރައިގެ ސަބަބުން ދަނޑުގެ ހާލަތު އޮތްގޮތުން ކަމަށެވެ.

ސީޝެލްސް އިން މި މުބާރާތުގައި ބޭނުންކުރާ ސްކޮޑުގެ އެވްރެޖް އުމުރަކީ 22 ނޫނީ 23 އަހަރު ކަމަށް އެ ޓީމުން މައުލޫމާތު ދެ އެވެ.

ފޯ ނޭޝަންސް ކަޕްގައި ކުޅެން ސީޝެލްސް އަށް ދައުވަތު ލިބުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބޯތުއާ ބައްދަލުކުރި އެވެ. ބޯތަށް ޓީމުގެ ކޯޗުކަން ހުށަހެޅުމުން އޭނާ ނިންމީ މި މުބާރާތަކީ އެ ގައުމުގެ ފުޓްބޯޅަ އޮތް ހިސާބެއް ވަޒަންކޮށްލައި ކަންތައްތަކެއް ހާސިލްކުރަން މުބާރާތަށް އައުމަށެވެ.

"އަހަރެމެން ބޭނުންވީ ރޭންކިން ވެސް މަތިކޮށްލަން މި މުބާރާތުގައި ކުޅެލަން. އެ ވިސްނުމުގައި އައިސް އަހަރެމެންނަށް މިހާތަނަށް ވަރަށް ރަނގަޅަށް މަސައްކަތް މި ކުރެވުނީ. އަހަރެމެންނަށް ފައިނަލުގެ ޖާގަ ލިބުނު އެއް ސަބަބަކީ އަހަރެމެންނަށް އެއްވެސް ކަމެއްގެ ޕްރެޝަރެއް ނެތް. ގެއްލޭނެ އެއްޗެއް ނެތް. އެހެންވީމަ މިހާ ފަސޭހައިން ކުޅެލެވޭނެ،" ބޯތު ބުންޏެވެ.

ސީޝެލްސް އިން މި ފަހަރުގެ ފޯ ނޭޝަންސް ކަޕްގެ ކުރިން އެންމެ ފަހުން ކުޅުނީ މިދިޔަ އަހަރު ޖެނުއަރީ މަހު ބަންްގްލަދޭޝްގައި އޮތް ބަންގުބަންދު ކަޕްގަ އެވެ. ސީޝެލްސް މި ވަގުތު އޮތީ ފީފާ ރޭންކިންގެ 199 ވަނައިގަ އެެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސީޝެލްސް ކުޅޭނެ ޓީމެއް ކަނޑައެޅޭނީ މިރޭ ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗުންނެވެ. އެ މެޗު އެއްވަރުވެއްޖެނަމަ ފައިނަލަށް ދާނީ ބަންގްލަދޭޝް އެވެ. ލަންކާ އަށް ފައިނަލުގެ ފުރުސަތު ލިބޭނީ މޮޅުވެގެންނެވެ.