Advertisement

ރާއްޖެ އޮތީ ޕްރެޝަރުގައި، ފައިދާނަގާނަން: ޝީސެލްސް ކޯޗު

15 ނޮވެންބަރު 2021 - 19:48 0

ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން


ރާއްޖެ އޮތީ ޕްރެޝަރުގައި، ފައިދާނަގާނަން: ޝީސެލްސް ކޯޗު

15 ނޮވެންބަރު 2021 - 19:48 0

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ލީގު ބުރުގެ ފަހު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ކުޅެން ރާއްޖެ ނުކުންނާނީ ޕްރެެޝަރުގައި އޮވެ ކަމަށާއި ސީޝެލްސް އިން ރާވާނީ އޭގެ ފައިދާ ނެގުމަށް ކަމަށް އެ ޓީމުގެ ކޯޗު ނެވިލް ވިވިއަން ބޯތު ބުނެފި އެވެ.

ރާއްޖެ ފުރަތަމަ މެޗުން މުބާރާތުގެ ހޯސްޓް، ސްރީ ލަންކާއާ 4-4 އިން އެއްވަރުވިއިރު، ދެ ވަނަ މެޗުން ވަނީ ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެފަ އެވެ. ސީޝެލްސް ފުރަތަމަ މެޗުން ބަންގްލަދޭޝާ 1-1 އިން އެއްވަރުކުރިއިރު، ދެ ވަނަ މެޗުގައި ވަނީ 1-0 އިން ލަންކާ ބަލިކޮށްފަ އެެވެ.

ލީގު ބުރުގެ ފަހު ދެ މެޗު މާދަމާ ކުޅޭއިރު، ހަވީރު ކުޅޭނީ ސީޝެލްސް އާއި ރާއްޖެ އެވެ. ދެ ވަނަ މެޗުގައި މާދަމާރޭ ލަންކާ ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ލީގު ބުރުގެ އެއް ވަަނައިގައި އޮތް ބަންގްލަދޭޝާއި ދެ ވަނައިގައި އޮތް ސީޝެލްސް އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ރާއްޖެ އާއި ހަތަރު ވަނައިގައި އޮތް ލަންކާ އަށް ދެ މެޗުން ވަނީ ޕޮއިންޓެއް ލިބިފަ އެވެ.

ސީޝެލްސް އާއި ބަންގްލަދޭޝަށް މާދަމާ އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ. ރާއްޖެ އާއި ލަންކާ ޖެހޭނީ ފައިނަލުގެ ޖާގަ ހޯދަން މޮޅުވާށެވެ.

ސީޝެލްސްއާ ދެކޮޅަށް މާދަމާ ހަވީރު ރާއްޖޭން ކުޅޭނީ މޮޅުވާން މަޖުބޫރު މެޗަކަށް ކަމަށްވާތީ އެޓޭކްކުރަން ޖެހޭނެ ކަމަށާއި ރާއްޖޭން ގޯލު ޖަހަން ކުރިއަށްއަރާ ވަގުތުގައި ސީޝެލްސް އަށް ފައިދާ ނެގޭނެ ކަމަށް އެ ޓީމުގެ ކޯޗު ބޯތު ގަބޫލުކުރެ އެވެ.

"ރާއްޖެ މޮޅުވާން ޖެހޭތީ އެޓޭކް ކުރާނެކަން ޔަގީން. އެހެންވިއްޔާ ފަހަތުން ޖާގަތަކެއް ހުސްވާނެ. އޭގެ ފައިދާ ނެގިދާނެ. އަހަރެމެން ވެސް ކުޅޭނީ އެޓޭކިން ފުޓްބޯޅައެއް. އަހަރެމެން ބޭނުންވަނީ ރާއްޖެ އަށް އޮތް ޕްރެޝަރު ބޮޑުކުރަން،" މާދަމާގެ މެޗުގެ ކުރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޯތު ބުންޏެވެ.

މީގެ ކުރިން ބޯތު ވަނީ މުބާރާތުގައި ވާދަކުރާ ހަތަރު ޓީމުގެ ތެރެއިން ފިޒިކަލީ އެންމެ ދަށްކޮށް ފެންނަނީ ރާއްޖެ އާއި ބަންގްލަދޭޝް ކަމަށް ބުނެފަ އެވެ. އެ ވާހަކަތަކަށް އިޝާރާތްކޮށް މިއަދު ބޯތު ބުނީ ގައިގައި ޖެހިގެން ކުޅޭ "ފިޒިކަލް ފުޓްބޯޅަ" އަށް ރާއްޖެ ވަރަށް ނުފަރިތަ ކަމަށެވެ.

"އަހަންނަށް ރާއްޖެ ކުޅޭތަން ފެނިއްޖެ. އަހަންނަށް ހީވަނީ އެ މީހުން ގަޔާނުވޭ އިދިކޮޅު ޓީމުން ފިޒިކަލް ފުޓްބޯޅައެއް ކުޅެންޏާ. އެ މީހުން ބޭނުންވަނީ ޕާސިން ފުޓްބޯޅަ ކުޅޭ ޓީމުތަކާ ކުޅެން. އެކަމަކު، މިއީ ކޮންޓެކްޓް ސްޕޯޓެއް. ގައިގައި ޖެހިގެން ކުޅެން އަހަރެމެން ބޭނުން،" ބޯތު ބުންޏެެވެ.

ބޯތު ބުނީ ފުރަތަމަ މެޗުގައި ސީޝެލްސް އިން ބަންގްލަދޭޝާ އެއްވަރުކުރި މެޗުގައި ކުޅުނު ގޮތަށް ރާއްޖެއާ ދެކޮޅަށް ކުޅެވިދާނެ ކަމަށެވެ.

ދެ ވަނަ މެޗުން ލަންކާ އަތުން މޮޅުވުމުން ޓީމު ތެރޭގެ ރޫހުވަރަށް ރަނގަޅު ކަމަށް ބޯތު ވަނީ ބުނެފަ އެެވެ. ރާއްޖެއާ ދެކޮޅަށް ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް ކުޅޭތޯ ނިންމާނީ އެންމެ ފަހު ޕްރެކްޓިހުގައި ކަމަށް ބޯތު ބުންޏެވެ.

ފައިނަލުގެ ޖާގައެއް ހޯދަން ސީޝެލްސް އަށް ރާއްޖެ އަތުން ޕޮއިންޓަކުން ވެސް ފުދޭނެ އެވެ. ސީޝެލްސް އަށް މުބާރާތުގައި ވަކި ޓާގެޓެއް ހޯދުމުގެ ޕްރެޝަރެއް ނެތް ކަމަށް ބޯތު ވަނީ ބުނެފަ އެވެ.

"މި މުބާރާތުގައި ކުޅެން އެއްވެސް ޕްރެޝަރެއް ނެތް. އެހެންވެ، ކަންނޭނގެ އަހަރެމެން ހަމަޖެހިލައިގެން ތިބެ މި ކުޅެނީ. އަހަރެމެން މި އުޅެނީ ބްރޭކަކަށް ފަހު ސީޝެލްސް ފުޓްބޯޅަ އަލުން ފަށައިގަނެގެން. މިއީ ވާދަކޮށްލައި އަހަރެމެން ކުރިއަށްދާން އައި މުބާރާތެއް،" ބޯތު ބުންޏެވެ.

ސީޝެލްސް ޓީމުގައި މި ފަހަރު ގިނައީ މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ކުޅުންތެރިންނެވެ. ސީޝެލްސްގެ ކޯޗުކަމާ ބޯތު ހަވާލުވީ މި މުބާރާތް ފެށުމުގެ މަހެއްހާ ދުވަސް ކުރިންނެވެ.

ރާއްޖޭން އެންމެ ފަހުން ސީޝެލްސްއާ ދެކޮޅަށް ކުޅުނީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގަ އެވެ. އެ ފަހަރު ރާއްޖެ ވަނީ މުހައްމަދު އުމެއިރާއި އަހުމަދު އިމާޒް (އާއްކޮ)ގެ ދެ ގޯލާ އެކު 2-1 އިން ސީޝެލްސް ބަލިކޮށްފަ އެވެ. ސީޝެލްސް އިން ވަނީ 2011 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެ އަތުން 5-1 އިން މޮޅުވެފަ އެވެ.

ރާއްޖެ އާއި ސީޝެލްސް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 15:30 ގަ އެވެ.