Advertisement

ކޮޕް26: ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަމެއް ނުލިބުނު!

18 ނޮވެންބަރު 2021 - 05:22 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ހުޅުމާލެ ދެ ވަނަ ފިޔަވަހި: މޫސުމީ ބަދަލާ ހެދި ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މައްޗަށް އަރައިފި ނަމަ ކަނޑުގެ ލޮނުގަނޑު އުފުލި ރާއްޖޭގެ ރަށްތައް ގެއްލިގެން ދާނެ ކަމަށް ސައިންޓިސްޓިން ބުނޭ. -- ފޮޓޯ: ގެޓީ އިމޭޖަޒް


ކޮޕް26: ދުނިޔެ ހޫނުވުން 1.5 ޑިގްރީގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަމެއް ނުލިބުނު!

18 ނޮވެންބަރު 2021 - 05:22 1

ސްކޮޓްލޭންޑުގެ ގްލާސްގޯގައި ކުރިއަށް ދިޔަ މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ސަމިޓު، ކޮޕް26 އަށް ރާއްޖެ އާއި އެހެން ކުދި ޖަޒީރާ ގައުމުތަކުން ދިޔައީ އެއް ވިސްނުމެއްގަ އެވެ. އެކަމަކު ދެ ހަފުތާ ވަންދެން ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު މިދިޔަ އާދީއްތަ ދުވަހު ސަމިޓު ނިންމާލީ ނާޒުކު ގައުމުތައް ރޮއްވާލާފަ އެވެ.

ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެންވާރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެންމެ ބޮޑަށް ހިތާމަ ކުރެއްވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑަށް އުފުލުނަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑި ހާސިލް ކުރެވޭނެކަމުގެ ޔަގީންކަން ނުލިބުމުންނެވެ.

ޝައުނާ ވިދާޅުވީ "އެއްބާރުލުމުގެ ރޫހުގައި، ކުރިއަށް ދިއުމަށްޓަކައި ޖަލްސާގެ ނިންމުންތައް ބަލައިގަންނަން ރާއްޖެއިން އެއްބަސްވީ ނަމަވެސް، މިއީ ދިވެހިންގެ ފުރާނައާ ގުޅިފައިވާ ނިންމުންތަކެއް" ކަމަށެވެ. އެހެން ކަމުން ރާއްޖެއަށާއި ދިވެހިންނަށް ލިބޭނެ އިއާދަނުކުރެވޭ ގެއްލުންތަކަށް އެހީވުމަށް ފައިސާ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގައުމުތަކުން ކޮޕް26 އަށް ހުށަހެޅި ޑިމާންޑުތައް


1. 1.5 ޑިގްރީ ސެލްސިއަސް އަށް ދުނިޔެ ހޫނުވިޔަ ނުދީ ހިފެހެއްޓުން 2. ކާބަން މަދު ކުރަން ގައުމުތަކުން ކުރާނެ ކަންކަން ހިމެނޭ ނޭޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަންސް (އެންޑީސީ) ކޮންމެ ފަސް އަހަރެއްގެ ބަދަލުގައި އަހަރަކު އެއް ފަހަރު ހުށަހެޅުން 3. މުއްސަނދި ގައުމުތަކުން ވައުދުވި އަހަރަކު 100 ބިލިއަން ޑޮލަރު ފަގީރު ގައުމުތަކަށް ދޭނެ ގޮތުގެ ޕްލޭން ހުށަހެޅުން 4. ފަގީރު ގައުމުތަކުގެ ދަރަނި އަލުން ސްޓްރަކްޗާ ކުރުން

ކޮޕް26 ސަމިޓުގައި ގައުމުތަކުން ވަނީ "ގްލާސްގޯ ކްލައިމެޓް ޕެކްޓް" އެއްބަސްވުމާ ހަމައަށް އައިސްފަ އެވެ. ފުރަތަމަ ފަހަރަށް ކޯލް މަދު ކުރަން ގައުމުތަކުން އެއްބަސްވި ނަމަވެސް އޭގެ ސަބަބުން ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ ދަށުގައި ނުހިފެހެއްޓޭނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ.

ބައެއް ބޮޑެތި ގައުމުތަކުން ކޮޕް26 އަކީ ކާމިޔާބެއްގެ ގޮތުގައި ސިފަކުރަމުން ދިޔަ ނަމަވެސް، ކުދި ގައުމުތަކާއި ތިމާވެށި އެކްޓިވިސްޓުން ދެކޭ ގޮތުގައި ކޮޕް26 އިން ލިބުނު ކުރިއެރުމެއް ނެތެވެ. ރާއްޖެ ފަދަ ގައުމުތައް ދުނިޔޭގެ ޗާޓުން ފޮހެވިގެން ދިޔުމުގެ ބިރު އޮތް އިރު، އެކަން ހުއްޓުވަން ކޮޕް26 ގައި އެއްވެސް ކަމެއް ނުކުރެވުނެވެ.

ގްލާސްގޯ ކްލައިމެޓް ޕެކްޓުގައި އޮތީ ކޮން ވާހަކަތަކެއް؟

މި އެއްބަސްވުމަކީ "ލީގަލީ ބައިންޑިން" ނުވަތަ ގާނޫނީ ގޮތުން ތަންފީޒު ކުރުން ގައުމުތަކަށް މަޖުބޫރު އެއްޗެއް ނޫނެވެ. އެކަމަކު އޭގެ ދަށުން ކުރިއަށް އޮތް 10 އަހަރަށް ދުނިޔޭގެ މޫސުމީ ބަދަލާ ގުޅޭ އެޖެންޑާ ގާއިމްވާނެ އެވެ.

ކާބަން ބޭރު ކުރުން

ގައުމުތަކުން އެއްބަސްވީ އަނެއްކާވެސް އަންނަ އަހަރު ބައްދަލުކޮށް ކާބަންޑައިއޮކްސައިޑް (ސީއޯ2) ޖައްވަށް ބޭރު ކުރުން މަދު ކުރަން އިތުރު ވައުދުތައް ވުމަށެވެ. މިއީ މޫސުމީ ބަދަލަށް މަގުފަހިކުރުވާ ގްރީންހައުސް ގޭހެކެވެ.

އިތުރު ވައުދުތައް ވުމުގެ ބޭނުމަކީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓޭތޯ ބެލުމެވެ. ސައިންޓިސްޓުން ބުނެފައި ވަނީ މޫސުމީ ކާރިސާއަކުން ދުރުގައި ތިބުމަށް އެ ލަނޑުދަނޑި މުހިއްމު ކަމަށެވެ. މިހާރު ހުރި ވައުދުތައް ފުއްދި ނަމަވެސް 2.4 ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނުވާނެ އެވެ.

ކޯލް މަދުކުރުން

ކޮޕް ސަމިޓެއްގައި ފުރަތަމަ ފަހަރަށް ކޯލް މަދުކުރަން ރޭވީ މި ފަހަރެވެ. ކޮންމެ އަހަރަކު ވެސް ޖައްވަށް ބޭރުކުރާ ކާބަންގެ 40 ޕަސެންޓު އުފެދެނީ ކޯލް އަންދައިގެންނެވެ.

ނަމަވެސް ކޯލް ބޭނުން ކުރުން ހުއްޓާލުމަށް ޗައިނާ އާއި އިންޑިއާ އިން ދެކޮޅު ހެދުމުން ގައުމުތަކުން އެންމެ ފަހު ވަގުތު އެއްބަސްވީ ކޯލް ބޭނުން ކުރުން މަދު ކުރަމުން ދިޔުމަށެވެ.

ތަރައްގީވަމުންދާ ގައުމުތަކަށް ފައިސާ

މޫސުމީ ބަދަލުގެ އަސަރުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ސާފު ހަކަތަ އަށް ބަދަލުވުމަށް ފަގީރު ގައުމުތަކަށް އިތުރަށް ފައިސާދޭން އެއްބަސްވި އެވެ.

އޭގެ އިތުރުން 2025 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ޓްރިލިއަން ޑޮލަރުގެ ފަންޑެއް އެކަމަށް ހާއްސަކުރުމުގެ ވާހަކަ ހިމަނާފައި ވެ އެވެ. ނަމަވެސް މީގެ ކުރިން އަހަރަކު 100 ބިލިއަން ޑޮލަރުގެ ފަންޑެއް ދޭނެ ކަމަށް މުއްސަނދި ގައުމުތަކުން ވީ ވައުދު ވެސް ފުއްދާފައެއް ނުވެ އެވެ.

ފޮސިލް ފިޔުލް ސަބްސިޑީ

ކޯލް، ތެޔޮ އަދި ގުދުރަތީ ގޭހުގެ އަގު ތިރިވާން އެހީވާ ސަބްސިޑީތައް ދިނުން ހުއްޓާލަމުން ދިޔުމަށް އެއްބަސްވި އެވެ. އެކަމަކު އެކަން ހާސިލްކުރަން ޖެހޭ ސުންގަޑި ކަނޑައަޅާފައެއް ނުވެ އެވެ.

ކޮޕް26 ގެ ހަވާސާގައި އެކުލަވާލި އެއްބަސްވުންތައް

އެމެރިކާ އާއި ޗައިނާގެ އެއްބަސްވުން

އެންމެ ގިނައިން ކާބަން ބޭރު ކުރާ އެމެރިކާ އާއި ޗައިނާ އިން އެއްބަސްވީ ކުރިއަށް އޮތް 10 އަހަރު އެކުގައި މަސައްކަތްކޮށް، މީތޭން ބޭރު ކުރުން މަދުކޮށް ސާފު ހަކަތައަށް ބަދަލުވުމަށެވެ.

ޗައިނާ އިން ކުރިން ބުނީ ކޯލް މަދު ކުރަން ބޭނުން ނޫން ކަމަށެވެ. ނަމަވެސް މީތޭން މަދު ކުރަން އެއްބަސްވުމުން ޗައިނާގެ ވިސްނުން ބަދަލުވަމުންދާކަން ދޭހަވާ ކަމަށް އެނެލިސްޓުން ބުނެ އެވެ.

ގަސްތައް ކެނޑުން ހުއްޓާލުން

ދުނިޔޭގެ ޖަންގަލިތަކުގެ 85 ޕަސެންޓު ރަމްޒު ކުރާ ސަތޭކަ އަށް ވުރެ ގިނަ ގައުމުގެ ލީޑަރުން އެއްބަސްވީ 2030 ވަނަ އަހަރުގެ ކުރިން ގަސް ކެނޑުން ހުއްޓާލުމަށެވެ.

މިއީ މުހިއްމު އަމާޒަކަށް ވަނީ އެއީ ގަސްތަކުން ކާބަން އެބްޒޯބް ކުރާތީ އެވެ.

މީގެ ކުރިން ވެސް މި ފަދަ ކަންކަމަށް އެއްބަސްވި ނަމަވެސް ގަސް ކެނޑުން ހުއްޓިފައެއް ނުވެ އެވެ. ނަމަވެސް މި ފަހަރު އެއްބަސްވީ ރަނގަޅު ފަންޑަކާ އެކު އެވެ. އެކަމަކު މި ވައުދު ފުއްދާ ގޮތް ބަލާނީ ކިހިނެއް ކަމެއް ސާފެއް ނޫނެވެ.

މީތޭން މަދުކުރުން

ވިހި ތިރީސް ވަނަ އަހަރުގެ ކުރިން މީތޭންގެ 30 ޕަސެންޓު މަދުކުރަން 100 އަށް ވުރެ ގިނަ ގައުމުން އެއްބަސްވި އެވެ. އިންސާނުންގެ ސަބަބުން ދުނިޔެ ހޫނުވާން މެދުވެރިވާ ގޭސްތަކުން ތިންބައިކޮށްފައި އެއްބަޔަކީ މީތޭން އެވެ.

އެންމެ ގިނައިން މީތޭން ބޭރު ކުރާ ޗައިނާ، ރަޝިއާ އަދި އިންޑިއާ އިން މި އެއްބަސްވުމުގައި ސޮއިނުކުރެ އެވެ.

މޫސުމީ ބަދަލާ ގުޅޭ ފައިސާ

ސަތޭކަ ތިރީސް ޓްރިލިއަން ޑޮލަރު ލިބިފައިވާ މާލީ ގްރޫޕުތަކުން އެއްބަސްވީ ސާފު ހަކަތަ އަށް ފަންޑު ކުރުމަށެވެ. އޭގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ ހިމެނެ އެވެ. އަދި ފޮސިލް ފިޔުލް އަންދާ އިންޑަސްޓްރީތަކާ ދުރަށް ފައިނޭންސް ގެންދަން އެއްބަސްވި އެވެ.

އޭގެ ބޭނުމަކީ ނެޓް ޒީރޯ ޓާގެޓް ހާސިލް ކުރުމުގައި އަމިއްލަ ކުންފުނިތަކުގެ ދައުރު ބޮޑު ކުރުމެވެ. ނަމަވެސް ބައެއް ތިމާވެށި ގްރޫޕުތަކުން ބުނީ ފޮސިލް ފިޔުލް އަށް އެހީވުން ހުއްޓާލަން ފުޅާ ވައުދެއް ނުވާ ނަމަ، މިއީ އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށެވެ.

ސީވީއެފް ގައުމުތަކަށް ނާއުއްމީދު

ރާއްޖެ ހިމެނޭ ސީވީއެފް ގައުމުތަކުން ކޮޕް26 އަށް އެއް ވިސްނުމެއްގައި ދިޔަ ނަމަވެސް، މި ފަހަރުގެ ސަމިޓުގައި ވެސް ގިނަ ކަންކަން ނިމިގެން ދިޔައީ ބޮޑެތި މުއްސަނދި ގައުމުތަކުން ބޭނުންވާ ގޮތަށެވެ. ދުނިޔެ ހޫނުވުން 1.5 ޑިގްރީ އަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުން މުހިއްމު ވަނީ ހަމައެކަނި ނާޒުކު ގައުމުތަކަކަށް ނޫނެވެ.

އޭގެ އަސަރު ހުރިހާ ގައުމުތަކަކަށް ވެސް ކުރާނެ ކަމަށް ސައިންޓިސްޓުން ބުނެ އެވެ. އެހެން ނަމަވެސް އެންމެ ބޮޑު އަދި އެންމެ ނުރައްކާތެރި އަސަރުތައް މިހާރު ވެސް ކުރަމުން ދަނީ ކުދި ޖަޒީރާ ގައުމުތަކާއި ފަގީރު ގައުމުތަކަށެވެ. އެ އަސަރުތަކުން އަރައިގަތުމަށް ފައިސާ ދޭން މުއްސަނދި ގައުމުތަކުން ވަނީ އެއްބަސްވެފަ އެވެ.

ކޮޕް26 ގައި ސީވީއެފް ގައުމުތަކުގެ ޑިމާންޑުތައް ފުރިހަމަ އަށް ހާސިލްވެފައި ނުވާތީ އޮތް ހަމައެކަނި އުއްމީދުގެ ހުޅުކޮޅަކީ އެއީ އެވެ. މުއްސަނދި ގައުމުތަކުން ވައުދުވި ފައިސާގެ އެހީ އެވެ. މޫސުމީ ބަދަލުގެ ނުރައްކާތެރި އަސަރުތަކަށް ތައްޔާރުވެ، މިޓިގޭޝަނާއި އެޑެޕްޓޭޝަންގެ މަޝްރޫއުތައް ހިންގެން އޮތީ އެ ފައިސާ ލިބިގެންނެވެ.