Advertisement

ދިގުވާހަކަ: ތޫފާން

11 ނޮވެންބަރު 2021 - 11:35 2

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގުވާހަކަ: ތޫފާން

11 ނޮވެންބަރު 2021 - 11:35 2

ކުއްލިއަކަށް އަހަންނަށް ހަނދާންވީ ޔޫކާގެ މަތިންނެވެ. އޭނާއަށް ވާނެގޮތަކާ މެދުގަ އެވެ. އޭނާ ބިރުގަންނާނެ ވަރާ މެދުގަ އެވެ. ވެހެމުންދިޔަ ވާރޭއިން އޭނާ ސަލާމަތްވާން އުޅޭނެ ގޮތާ މެދުގަ އެވެ. ވިދައިލި ވިދުވަރާއެކު ދެ ލޯ ތަރަތަރަ ޖަހައިލި އެވެ. ކަންފަތާ ދިމާއިން ބުރަކަށްޓަށް ފުންމައިލި ތުރުތުރާއެކު މީހާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.

އޭރު ފަހު އައްތަހިއްޔާތު ކިޔައިނިމި ސިކުންތު ކޮޅެއް ހިނގައިފި އެވެ. އިމާމު ސަލާމަށް އިންތިޒާރު ކުރެވެމުން ދިޔަ އެވެ. ނަމާދުގެ ހުޝޫޢަތްތެރިކަމާ މެދު ސުވާލު އުފެދޭ ހާލު ސަލާމުގެ އަޑު ނުކެނޑެނީސް ކޮޅަށް ތެދުވީމެވެ. ގާތުގައި އިން ފިރިހެން ދަރިފުޅު ޔޫންގެ އަތުގައި ހިފައިގެންނެވެ.

އަހަންނަށް ފާހަގަވި އެހެންކަމެއް ވެސް އޮތެވެ. ޔޫން ބިރުން ރޫރޫއަޅަމުން ދިޔަކަމެވެ. މިސްކިތުގައި ތިބި އެންމެން އަހަންނާ ދިމާއަށް ކަޅިއަޅަމުންދާކަމެވެ. ނަމަވެސް ވެގެން އުޅޭގޮތެއް އެ މީހުންނަކަށް ނޭނގޭނެތާ އެވެ. އަހަރެން އަވަސް އަރުވާލައިގެން މި އުޅެނީ ކޮންކަމަކާ ކަން އެނގޭ ނަމަ އެ މީހުން ވެސް އަހަރެންގެ ފަހަތުން ދުއްވާ ގަންނާނެކަން ޔަގީންވެ އެވެ.

ޔޫން ބޭރަށް ނުކުންނަށް ޖެހިލުންވާކަން އޭނާގެ ހަރަކާތުން ދައްކުވައިދެމުން ދިޔަ އެވެ. އޭނާގެ އަތަށް ގޮތްތަކެއް ހަދަމުން ދިޔަ އެވެ. އެންމެފަހުން އަހަންނަށް މަޖުބޫރުވީ އޭނާ އުރައިލާށެވެ. މިސްކިތުގެ ފެންޑާއަށް ނުކުންނަނީކަން އިނގިލިން ދައްކައިދިނުމުން ޔޫން ހަމައަކަށް އެޅުނެވެ. އަދި މަޑުމަޑުން ޔޫކާގެ ވާހަކަ ބުނެލުމާއެކު އޭނާ ވެސް ބޭރަށް ދާން ބޭނުންވި އެވެ.

އަހަރުމެން މިސްކިތު ފެންޑާއަށް ނުކުމެ ބޭރަށް ނަޒަރު ހިންގައިލީމެވެ. ހީވަނީ މަތިން ފެން އޮއްސާހެންނެވެ. އެހައި ބޯކޮށް ވާރޭ ވެހެމުންދިޔަ އެވެ. މިސްކިތުގެ ވަށައިގެން ހައްދާފައިވާ ބަގީޗާތަކުގެ ގޮފިތައް ފެނާއެކު ބަރުޖެހެމުން ދިޔަ މަންޒަރު ފެނުނެވެ. ހަރިންމަ ތެރޭގައި ދިއްލާފައި ހުރި ބައްތިތަކުގެ މައްޗަށް ބައެއް ގޮފިތައް ބަރުޖެހި އެލެމުން ދިޔަ އެވެ. އެއާއެކު ތަނަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. ބައްތިތަކުގެ ފަނޑު އަލިކަމުގެ ތެރެއިން ބޮޑުތިކި ވާރޭ ވިދަމުން ދިޔައެވެ. މުޅި ތަނުގައި ރަސްކަން ކުރަމުންދަނީ ތެތްކަމެވެ. ފިނިކަމެވެ.

އަހަންނަށް ބަލައިލެވުނީ މިސްކިތު ހަރިންމަ ކައިރީގައި ހަދާފައިވާ ކުޑަކުޑަ އަށިގަނޑެވެ. ނަމަވެސް އަހަރެން ބޭނުންވި މަންޒަރެއް އެ ތަނަކުން ނުފެނުނެވެ. އެހެންވެ ނޭވާ އަވަސްވާން ފެށި އެވެ. ހިތް ތެޅޭން ފެށި އެވެ. ހީވީ ހިތް ފިތެމުންދާހެންނެވެ. ވަށައިގެން ހޯދައިލެވުނެވެ. ޔޫކާއޭ ކިޔައި ގޮވައިލެވުނެވެ. ނަމަވެސް އެ އަޑެއް ބޭރެއް ނުވި އެވެ.

ކަރުބުޑުގައި ތާށިވީ އެވެ. ހިތުގެ ތެޅުން އަވަސްވީ އެވެ. އަހަރެން މިސްކިތަށް އެރީ ޔޫކާ އެ ގޮނޑިމަތީ ބައިންދާފަ އެވެ. އޭނާއަށް ފޯނު ދީފަ އެވެ. ނަމާދުކޮށް ނިމިގެން އަންނަންދެން ތަނަކަށް ނުދާން ބުނެފަ އެވެ. ޔޫކާއަކީ ބަސް އަހާ ކުއްޖެކެވެ. އުމުރުން އަށް އަހަރު ނަމަވެސް އޭނާގެ ވިސްނުން ފަނަރައަހަރު ވާނެ އެވެ. ދެން ހުރީ ޔޫން އެވެ. އެއީ އަށް އަހަރު ކުއްޖަކަސް އުމުރުން ފަސް އަހަރުގެ ވިސްނުން ވެސް ނުހުންނާނެ އެވެ.

އާއެކެވެ. އަހަންނަކީ އެކަނިވެރި ބަފައެކެވެ. ޔޫން ވިހެއުމުގައި ދިމާވި ކަންތައްގަނޑެއްގައި ޔަލްވީ ނިޔާވި ފަހުން އަހަރެން ދުނިޔެއަކަށްވީ ޔޫންއާއި ޔޫކާ އެވެ. މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހުނީ އެހެންވީމަ އެވެ. އަހަރެންގެ ހިޔަންޏަކަށްވީ އެ ދެ ފުރާނައެވެ. އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްދީ ހެޔޮލަފާ ދަރިންނަށް ހެދުމަކީ ޔަލްވީގެ ވަސިއްޔަތެކެވެ. އޭނާ ނިޔާވުމުގެ ކުރިން އެންމެ ފަހު ބަހަކަށްވީ އެ ވާހަކަ އެވެ.

ކުއްލިއަކަށް އެ ހަނދާން އާވި އެވެ. ހީވީ ޔަލްވީގެ ވޭނީ އަޑުން އަހަންނަށް ގޮވަން ފެށިހެންނެވެ. ގިސްލަމުން ރޮމުން އޭނާ އެ ވާހަކަތައް ތަކުރާރުކުރާން ފެށިހެންނެވެ.

"ޔަނާލް، އަހަންނަށް ވަޢުދުވޭ. އަހަރެން ނެތް ދުނިޔެއެއްގައި އަހަރުމެންގެ ލޯބިލޯބި ޔޫކާއަށް ދެރައެއް ނުދޭން. އަހަރެން ނެތަސް އަހަރެންގެ ބަނޑުގައި މިވާ އަހަރެންގެ ޔޫންއަށް ލޯބިދޭން. މި ދެ ކުދިން އުފަލުން ގެންގުޅޭން." އަހަރެންގެ ކަންފަތް ބުޑުގައި ރޮމުން ގިސްލަމުން، ޔަލްވީ ދެއްކި ވާހަކަތައް ތާޒާވަމުން ދިޔަ އެވެ. "ޔަނާލް. އަހަންނަށް ފެނުނު ހުވަފެނަކީ ތެދަކަށްވާން އުޅޭހެން ހީވަނީ، އަހަންނަށް އެ ކަހަލަ އިހުސާސެއް ކުރެވެނީ. ހުވަފެނުގައި ފެނުނު ކަހަލަ ދެ މީހުން އަހަރެންގެ ވަށައިގެން އުޅޭހެން ހީވަނީ. އެ މީހުން އަހަންނަށް ގޮވާހެން ހީވަނީ. ޔަނާލް. ޔަނާލް."

އަހަރެންގެ ލޮލުން ކަރުނަ ހިލިގަތެވެ. ޔަލްވީގެ އެ ޖުމުލަތަކުން އަހަރެންގެ ހިއްސުތައް ހޭލައްވާލި ކަހަލަ އެވެ. އޭނާގެ ހަނދާންތައް ވަށައިލި އެވެ.

ކުއްލިއަކަށް ޔޫން އަހަރެންގެ އިނގިލިތަކަށް ދަމައިގަތެވެ. އެ ހަނދާންތަކުން ނުކުންނަށް އަހަންނަށް މަޖުބޫރުވީ އެހައި ހިސާބުންނެވެ. ޔޫން އިނގިލިން އިޝާރާތްކޮށްލި އެވެ. މިސްކިތުގެ މައި ދޮރާ ދިމާއަށެވެ. އަހަންނަށް ބަލައިލެވުނެވެ. މިސްކިތުގެ މައި ދޮރު ކައިރީގައި ޔޫކާ ހުރިތަން ފެނުނެވެ.

ޔޫކާ ހުރީ ހީނގަނެފަ އެވެ. ދެ ދަތްޕިލަ ކައިރިކޮށްލައިފަ އެވެ. އޭނާގެ ދެއަތް ހުރީ މެއާ ދިމާއަށް ހުރަސްކޮށްލައިފަ އެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ހުރީ މޫނުގައި ތަތްވެފަ އެވެ. މީހާ ހުރީ ތެމި ފޯވެފަ އެވެ. އިރު ކޮޅާ އޭނާ ބަލައިލަނީ މިސްކިތުގެ މައި ދޮރާ ދިމާއަށެވެ. އޭނާ ކަޅިއަޅަމުން އެ ދަނީ އަހަރުމެންނަށެވެ. ޔޫކާގެ ކަތުރު ކަށިގަނޑު ތުރުތުރު އަޅަމުން ދިޔަ މަންޒަރު ފެނުމާއެކު އަހަރެން ހިތުގައި ޖެހުނެވެ. ޔޫކާއާ ދިމާއަށް ދުއްވާގަނެވުނީ އެހެންވީމަ އެވެ.

"ދަރިފުޅާ. ބައްޕަގެ ޔޫކް." އަހަންނަށް ތިރިވެވުނީ ޔޫކާއާ ދިމާއަށެވެ.

"ބައްޕަގެ ފޯނު." ޔޫކާ އަތް ހިއްލައިލި އެވެ.

އަހަންނަށް ރޮވުނެވެ. ކޮތަޅަކަށް ލައިފައި އޮތް ފޯނު ފެނިފައި އަހަރެންގެ ބަޑި ފަޅައިގެން ދިޔައީ އެވެ. އެ ތޫފާނުގެ ތެރޭގައި ޔޫކާގެ އަމިއްލަ ނަފުސު ނުރައްކަލަށް ހެއްލިގެން ވެސް އެ ސަލާމަތްކޮށްދިނީ އަހަރެންގެ ފޯނެވެ. މިއީ ކިހާ ކިޔަމަންތެރި ދަރިއެއް ހެއްޔެވެ؟ ކިހާ ވިސްނޭ ކުއްޖެއް ހެއްޔެވެ؟

"ވާރޭ ވެހެންފެށީމަ، ފޯނު ސަލާމަތްކުރާ ކޮތަޅެއް ހޯދަން އައީމަ ތެމުނީ." ޔޫކާ ލަސްލަހުން ބުނެލި އެވެ.

ޔޫކާއަށް ވަމުން ދާގޮތް ފެނިފައި އަހަންނަށް ކެތެއް ނުކުރެވުނެވެ. އެންމެ ފަހުން އަހަރެން ގަމީސް ބާލައިފަ ޔޫކާގެ ގައިގައި އޮޅައިލަދިނީމެވެ.

ކުއްލިއަކަށް ކެރި ކެނޑުނެވެ. ހީވީ އިސްކުރެއް ބަންދު ކޮށްލިހެންނެވެ. އޭރު ޔޫން ހުރީ މިސްކިތުގެ ފެންޑާގަ އެވެ. ޔޫކާ ބަލައިލީ އަހަންނާ ދިމާއަށެވެ.

"ބައްޕަ ކޮނޑުކެނޑި ލައިގެން ހުރީމަ މީހުން ބަލާނެއްނު." ތުރުތުރުއަޅާ އަޑަކުން ލަސްލަހުން ޔޫކާ ބުނެލި އެވެ.

"ދަރިފުޅު ހީނގަނެފަ ހުރީމަ ބައްޕަ މާ ދެރަވޭ،" އަހަރެން ލޯބިން ބުނެލީމެވެ. "މަޑުކުރޭ ބައްޕަ މި އަހަންނަނީ ކޮއްކޮ ގޮވައިގެން."

ޔޫކާއާ ދިމާއަށް ބަލަން ހުރެވުނީ އެވެ. ޔޫކާ ލުއި ހިނިތުންވުމަކާއެކު އަހަރެންގެ މޫނަށް ބަލައިލި އެވެ. އަބަދުވެސް އަހަންނަށް އެ ހިނިތުންވުމަށް އެދެވެ އެވެ. އެ ހިނިތުންވުން ދުށުމަށް ބޭނުންވެ އެވެ. އެއީ ޔަލްވީގެ ފަރި ހިނިތުންވުމެވެ. އޭނާގެ ދެ ތުންފަތެވެ. އެ ބަލައިލުމެވެ.

"ދޮންތި ގައިން ފެން ހިއްކާނީ ކިހިނެއް؟" ޔޫކާގެ ގާތަށް ޔޫންއަށް އާދެވުމާއެކު އޭނާ ކުރާން ފެށީ ސުވާލެވެ. "ހަޑި ކުދިންނޭ ވާރޭގަ ތެމޭނީ؟ ކޮއްކޮމެން ހެދުމެއް ވެސް ނުހުންނާނެއްނު މި ރަށަކު. ދޮންތިއަކަށް ނޭނގޭތަ ކޮއްކިމެން މި އައީ ވިލިނގިއްޔަށް ކަމެއް؟"

އަހަންނަށް ބަލައިލެވުނީ ޔޫންގެ މައުސޫމު މޫނަށެވެ. ދެބެންގެ މޫނު މައްޗަށް އަރައިފައިބަމުން ދިޔަ ކުލަވަރަށެވެ.

"ބައްޕީ ދެން ކިހިނެއް ހަދާނީ؟ އެ ދައްތަމެން ނާންނާނެދޯ ދެން. ފެންބޮޑުވީމަ ނާންނާނެ ދޯ!" ޔޫން އަނެއްކާ ވެސް ޝަކުވާގެ ރާގުގައި ބުނެލި އެވެ.

"ބައްޕަ ޖެހޭނީ ގުޅައިލަން!" އަހަރެން ލަސްލަހުން ބުނެލީމެވެ.

"ގުޅައިބަލަ. ދޮންތި ހެދުން ތެމުނީމަ ހީކަރުވަނީއޭ. އަވަސްކޮށްލާ! އަވަސްކޮށްލާ!" ޔޫކާގެ ބޮލުގައި ފިރުމަމުން ޔޫން ބުނެލި އެވެ.

"ބައްޕައަށް ހީވަނީ ދެން މާލެ ދާން ފެރީއަށް ދާންވީހެން. ދޮންތި މާބޮޑަށް ހީގަނެފަ ހުރިހެން ހީވަނީ." އަހަންނަށް ބަލައިލެވުނީ ޔޫކާއާ ދިމާއަށެވެ.

އޭރު ވެސް އޭނާ ތުރުތުރުއަޅަނީ އެވެ. ކަތުރުކަށިގަނޑު ގަދަކަމުން ޖައްސައި ތުރުތުރު ނާޅާކަމަށް ހެދިގެން ހުރިކަން އޭނާގެ މޫނުމަތިން އެނގެމުންދިޔަ އެވެ.

"ހިނގައިބަލަ ތުވާއްޔެއް ހޯދައިގެން ދޮންތި ފެން ހިއްކަންދޯ!" އަހަރެން ބަލައިލީ ޔޫންގެ މޫނަށެވެ.

"އައިޑިއާ. ހިނގާ މިހިރި ގެއަށް ވަންނަން،" ޔޫން ދެ ލޯ ބޮޑުކޮށްލަމުން ދެއަތް ފުޅާކޮށްލި އެވެ. "ވަދެފަ ބުނާނީ ތުވާއްޔެއް ދޭށޭ. ދޮންތި ފެން ހިއްކަން ވެއްޖޭ."

"ކޮއްކޯ. އެހެން މީހުންނަށް ތުވާލި ޝެއަރކުރާނެތަ އެ ގޭ މީހުން؟" ޔޫކާ ތުރުތުރުއަޅާ އަޑަކުން ބުނެލި އެވެ.

"ވީ ކެން ޓްރައި ދޯ ބައްޕީ." ޔޫން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

އަހަރެން ވެސް އެންމެ ފަހުން ގޮތް ދޫކުރީ ޔޫންގެ ބަހަށް ތާއިދުކުރާތީއެއް ނޫނެވެ. ރަނގަޅު ގޮތެއް މެދުވެރިވެދާނެ ކަމަށް ބަލައިފަ އެވެ.

ޖެހިގެން ހުރި ގެއަށް ގޮސް އެ ގޭގެ ދޮރުގައި ޓަކި ދިނީ ވެސް ޔޫން އެވެ. ދެ ފަހަރަކު ޖަހައިލުމާއެކު ދޮރު ހުޅުވާލި އެވެ. އެތެރެއިން ނުކުތީ އަންހެން ކުއްޖެކެވެ. އޭނާ ފަރުވާތެރިކަމާއެކު ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ. އެއަށްފަހު ޔޫކާގެ މޫނަށެވެ. ދެން ޔޫންގެ މޫނަށެވެ.

ދެވަނަ ފަހަރަށް އަހަރެންގެ މޫނަށް އޭނާ ބަލައިލި އެވެ. އެއާއެކު ބާރުބާރަށް ހަޅޭއްލަވައިގަތެވެ. އޭނާ ދުއްވައިގަތީ އެތެރެއަށެވެ. އަހަންނަށް ވިސްނައިލެވުނެވެ. ލޮލަށް ގޮތެއް ހަދައިލަމުން ޔޫކާއަށް ބަލައިލެވުނެވެ. އޭނާ އަހަރުމެން ފެންނަ އިރަށް ބިރުން ދުވެ ފިލަން ޖެހުނީ ކީއްވެ ބާއޭ ހިތަށް އެރި އެވެ. (ނުނިމޭ)