Advertisement

ކޮޕް26: ޔޫކޭއިން އޮތީ އެއްބަސްވުމަކަށް އައިސް މިއަދު ސަމިޓު ނިންމާލުމުގެ އުއްމީދުގައި

13 ނޮވެންބަރު 2021 - 11:25 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮޕް26 ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާ އިނގިރޭސިވިލާތުގެ އަލޮކް ޝަރުމާ.


ކޮޕް26: ޔޫކޭއިން އޮތީ އެއްބަސްވުމަކަށް އައިސް މިއަދު ސަމިޓު ނިންމާލުމުގެ އުއްމީދުގައި

13 ނޮވެންބަރު 2021 - 11:25 0

މިހާރު ކުރިއަށްދާ މޫސުމީ ބަދަލާ ގުޅޭ އދ. ގެ ބައްދަލުވުން ކޮޕް26 ގައި މިއަދު އެއްބަސްވުމަކަށް އައުމުގެ އުއްމީދު ބޮޑު ކަމަށް ސަމިޓުގެ ރިޔާސަތުގައި އިންނަވާ އިނގިރޭސިވިލާތުގެ އަލޮކް ޝަރުމާ ވިދާޅުވެއްޖެ އެވެ.

ކޮޕް26 ގެ ޑްރާފްޓް އެއްބަސްވުން މީގެ ތިން ދުވަސް ކުރިން އާއްމުކޮށްފައި ވާއިރު، ޝަރުމާ ވިދާޅުވީ މުރާޖައާކޮށްފައިވާ އެއްބަސްވުން މިއަދު ނެރޭނެ ކަމަށާއި އަމާޒަކީ މިއަދު އިރުއޮއްސުމުގެ ކުރިން މަޝްވަރާތައް ނިންމާލުން ކަމަށެވެ.

ބުރާސްފަތި ދުވަހު ތައްޔާރު ކުރި ޑްރާފްޓް އެއްބަސްވުން މުރާޖައާ ކުރުމަށް ގައުމުތަކުގެ އޮފިޝަލުން ވަނީ އެ ދުވަހުގެ ދަންވަރުގެ ވަގުތުގައި ވެސް މަސައްކަތްކޮށްފަ އެވެ. އެއާއެކު ހުކުރު ދުވަހުގެ ހެނދުނަށް މުޅިން އާ ޑްރާފްޓެއް ތައްޔާރު ކުރި އެވެ.

ޝަރުމާ ގައުމުތައް ގޮވާލެއްވީ "މިކަން ހާސިލްވާނެކަމުގެ ރޫހުގައި" އިތުރު ހިތްވަރަކާ އެކު މަސައްކަތްކޮށް އަވަހަށް އެއްބަސްވުމަކަށް އައުމަށެވެ. މީގެ ދެ ހަފުތާ ކުރިން ކޮޕް26 ސަމިޓު ނިންމަން ތާވަލުކޮށްފައި އޮތީ ހޮނިހިރު ދުވަހު އިރުއޮއްސި 06:00 އަށެވެ.

ސަމިޓުގެ ފަހު ދުވަސް ފަށައިގެން ކުރިއަށް ދާއިރު، ނަތީޖާ ނެރުން ލަސްވާތީ ހިތްހަމަނުޖެހިފައި ތިބި ގައުމުތަކުގެ މަންދޫބުން ވެސް މިއަދު ވަނީ ބޭރަށް ނުކުމެ ތިމާވެށި އެކްޓިވިސްޓުންނާ އެކު މުޒާހަރާކޮށްފަ އެވެ.

ހުކުރު ދުވަހު އާއްމުކުރި ޑްރާފްޓް އެއްބަސްވުމުގައި ކޯލް އާއި ފޮސިލް ފިޔުލް ބޭނުން ކުރުން ހުއްޓާލުމަށް ކުރާނެ ކަންކަމުގެ ވާހަކަ މަދުވުމުން އެކްޓިވިސްޓުން ނުރުހުން ފާޅުކުރި އެވެ.

ސަމިޓުގައި މިހާތަނަށް ގައުމުތަކުން ގިނަ ވައުދުތެކައި ވެފައިވީ ނަމަވެސް، ދުނިޔޭގެ މިސްރާބު ހުރީ 2.4 ޑިގްރީ ސެލްސިއަސް އިން ހޫނުވުމަށް ކަމަށް ކްލައިމެޓް އެކްޝަން ޓްރެކާގެ ރިޕޯޓެއްގައި ވެ އެވެ.

ދެ ޑިގްރީ ސެލްސިއަސް އިން ދުނިޔެ ހޫނުވެއްޖެ ނަމަ އެއް ބިލިއަން މީހުން އުޅެން ޖެހޭނީ އާދަޔާ ހިލާފަށް ހޫނުވުމާއި ފެން ނުލިބުމުގެ މައްސަލަތަކުގެ ތެރޭގަ އެވެ.

ސައިންޓިސްޓުން ބުނެފައި ވަނީ މޫސުމީ ބަދަލުގެ ބޮޑެތި އަސަރުތަކުން ސަލާމަތް ވާނީ ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސް އަށް ވުރެ މަތިވިޔަ ނުދީ ހިފަހައްޓައިގެން ކަމަށެވެ.