Advertisement

ފަސް އަހަރަށް ފަހު އަލްވޭސް އެނބުރި ބާސެލޯނާ އަށް

13 ނޮވެންބަރު 2021 - 07:21 0


ފަސް އަހަރަށް ފަހު އަލްވޭސް އެނބުރި ބާސެލޯނާ އަށް

13 ނޮވެންބަރު 2021 - 07:21 0

ބާސެލޯނާ (ނޮވެމްބަރު 13) - ބްރެޒިލްގެ ތަޖުރިބާކާރު ފުލްބެކް ޑެނީ އަލްވޭސް ފަސް އަހަރަށް ފަހު އަލުން ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

އަލްވޭސް ވަނީ ކުރިން 2008 އިން 2016 އަށް ބާސެލޯނާ އަށް ކުޅެފަ އެވެ.

އުމުރުން 38 އަހަރުގެ އަލްވޭސް އަންނަ ހަފްތާ ތެރޭގައި ބާސެލޯނާއާ ގުޅޭ ގޮތަށް އެއްބަސްވުން ހެދިއިރު، އޭނާ އަށް ބާސެލޯނާ މެޗުތަކުގައި ކުޅެވޭނީ ޖެނުއަރީ 1 އިން ފެށިގެންނެވެ. އަލްވޭސް އެންމެ ފަހުން ކުޅުނު ބްރެޒިލްގެ ސައޮ ޕައޮލޯގެ އެެއްބަސްވުން އުވާލީ އެ ކްލަބުން އޭނާ އަށް ގަވާއިދުން މުސާރަ ނުދޭތީ އެވެ.

ބާސެލޯނާ އިން އަލްވޭސްގެ ޓްރާންސްފާ އިއުލާނުކުރިއިރު ބުނެފައިވަނީ، އެ ކްލަބްގެ ތާރީހުގައި އެންމެ މޮޅު ކަނާތު ބެކް އަލްވޭސް އަލުން ޓީމާ ގުޅިފައިވާ ކަމަށެވެ.

މީގެ ކުރިން އަލްވޭސް ވަނީ ބްރެޒިލްގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބާސެލޯނާގެ ހުށަހެޅުމެއް ލިބިއްޖެނަމަ އެ ޓީމަށް ދާނެ ކަމަށް ބުނެފަ އެވެ. އޭރު ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން އެ ގޮތަށް ބޭނުންނުވި އެވެ. އެކަމަކު، ދާދި ފަހުން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ޒަވީ ވަނީ އަލްވޭސް ގެންނަން ބޯޑަށް އަންގައިފަ އެވެ.

އަލްވޭސްގެ ކާމިޔާބު ކެރިއަރުގެ އެންމެ ހާއްސަ ދުވަސްްތައް ގުނީ ބާސެލޯނާ ޖޯޒީގަ އެވެ. އަލްވޭސްގެ ކެރިއަރުގައި ހޯދި 43 ތަށީގެ ތެރެއިން 23 ޓްރޮފީ އަކީ އޭނާ ބާސެލޯނާއާ އެކު ހޯދި ކާމިޔާބީ އެވެ.

ބާސެލޯނާއާ އެކު އަލްވޭސް ހޯދި ބޮޑު ކާމިޔާބީތަކަށް ބަލާއިރު، ސްޕެނިޝް ލީގު ހަަ ފަހަރާއި ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ހިމެނެ އެވެ.

ބާސެލޯނާ އިން 2008 ވަަނަ އަހަރު އަލްވޭސް ގެނައީ ޕެޕް ގާޑިއޯލާގެ އެންގުމަށް ސެވިއްޔާ އަށް 37 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީއެއް ދައްކައިފަ އެވެ. އޭނާ ބާސެލޯނާ ދޫކޮށް 2016 ވަނަ އަހަރު ޔުވެންޓަސް އަށް ބަދަލުވީ ހިލޭ އެވެ. އެއީ ބާސެލޯނާގެ ކޮންޓްރެކްޓް ހަމަވިއިރު، އެ ޓީމުގައި އޭރު އޮތް ރައީސް ޖޯސެފް މާރިއާ ބޯޓޮމެއުގެ ލީޑަޝިޕްގަ އެވެ.