12 ނޮވެންބަރު 2021 - 16:20 0
12 ނޮވެންބަރު 2021 - 16:20 0
ބާސެލޯނާ (ނޮވެމްބަރު 12) - ހިތުގެ މައްސަލަތަކެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ހަދަމުން އަންނަ ޓެސްޓްތަކުގެ ނަތީޖާ ގޯސްކަމުގައިވާނަމަ އޭނާ އަށް ޖެހޭނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ކަމަށް ސްޕެއިނާއި ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިފަހަރުގެ ޓްރާންސްފާ މާކެޓްގައި އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އުމުރުން 33 އަހަރުގެ އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއަކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލްގައި ބާއްވައިގެން ހެދި ޓެސްޓްތަކުން އަގުއޭރޯގެ ހިތުގެ މައްސަލަތަކެއް ފާހަގަކުރެވިގެން ބާސެލޯނާ އިން ވަނީ ތިން މަހެއްހާ ދުވަހަށް އިތުރު ޓެސްޓްތަކެއް ހަދަން އަގުއޭރޯ މޮނިޓަރިންގައި ބަހައްޓައިފަ އެެވެ.
ދެކުނު އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޓެސްޓްތަކުގެ ނަތީޖާ މިހާތަނަށް ފެންނަ ފެނުމުން އަގުއޭރޯގެ ހިތުގެ ވިންދު ހިނގާ ނިސްބަތް ފުޓްބޯޅަ ކުޅުންތެރިއެއްގެ ނޯމަލް ރޭޓަށް ވުރެ އަވަހެވެ.
އެހެންވެ، އިތުރަށް އަގުއޭރޯގެ ޓެސްޓްތަކެއް ހަދަން ބާސެލޯނާ އިން ވަނީ ނިންމައިފަ އެވެ. އަދި އަގުއޭރޯގެ ހިތުގެ މި ކަންކަމާ ބެހޭ މައުލޫމާތު ދެނެގަންނަން ހަދާ ޓެސްޓްތަކުގެ ނަތީޖާތައް ގޯސް ނަމަ ބާސެލޯނާ އިން އަގުއޭރޯ އަށް ކުރިމަގެއް ނެތެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ ވިސްނުމަކީ ހިތުގެ މި މައްސަލަތައް ގެނެގަނެ، ސަލާމަތީ ގޮތުން ތަޖުރިބާކާރެއްގެ ލަފާހޯދައި ފުޓްބޯޅަ ކުޅުން ހުއްޓާލަން ޖެހިއްޖެނަމަ އެ ގޮތަށް ކުރިއަށް ދިއުމެވެ. އެކަމަކު، މިކަން މިހާތަނަށް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއްނުވެ އެވެ.
އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފަ އެވެ. މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލަ އަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ބާސެލޯނާގެ އޮފިޝަލުން ވަނީ އަގުއޭރޯގެ ސިއްހީ މައުލޫމާތަކީ އޭނާގެ ޒާތީ މައުލޫމާތެއް ކަމަށް ބުނެ، އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކާނީ އޭނާގެ އާއިލާ އިން ބޭނުންވުމުން ކަމަށް ބުނެފަ އެވެ.
Comment