Advertisement

ދަނޑުވެރިކަން ކުރަން 5 ރަށެއް 21 އަހަރަށް ކުއްޔަށް ދޭން ބީލަމަށް

11 ނޮވެންބަރު 2021 - 20:20 0

އަމަން ހަލީމް

އަމަން ހަލީމް

ދަނޑުވެރިކަން ކުރަން ކުއްޔަށް ދޭން ހުޅުވާލި ބައެއް ރަށްތައް: މި ރަށްތައް ކުއްޔަށް ދެނީ ކުޑަ އަގެއްގައި. -- ފޮޓޯ: މުހައްމަދު އިސާމު/އަދަދު


ދަނޑުވެރިކަން ކުރަން 5 ރަށެއް 21 އަހަރަށް ކުއްޔަށް ދޭން ބީލަމަށް

11 ނޮވެންބަރު 2021 - 20:20 0

ދަނޑުވެރިކަން ކުރަށް ފަސް ރަށެއް 21 އަހަރަށް ކުއްޔަށް ދޭން އެގްރިކަލްޗާ މިނިސްޓްރީން ބީލަން ހުޅުވާލައިފި އެވެ.

މިފަހަރު ބީލަން ހުޅުވާލި ފަސް ރަށުގެ ތެރެއިން ތިން ރަށަކީ މިދިޔަ އަހަރު ދަނޑުވެރިކަމަށް ދޫކުރަން އުޅުނު ރަށްތަކުގެ ތެރެއިން ކުއްޔަށް ނުދެވުނު ރަށްތަކެވެ.

މި ރަށްތަކަކީ ށ. ނެޔޮ، ނ. ތޮޅެންދޫ އަދި ގއ. އޮއިނިގިއްލާ އެވެ. އެގްރިކަލްޗާ މިނިސްޓްރީން އިވެލުއޭޝަން މަރުހަލާ ފުރިހަމަކޮށް އާންމުކުރި ނަތީޖާ ޝީޓު ދައްކާ ގޮތުގައި މި ރަށްތައް ކުއްޔަށް ނުދެވުނީ ކުރިމަތިލީ އެއްވެސް ފަރާތަކަށް ބިޑު ކާމިޔާބުކުރެވޭ ވަރަށް މާކްސް ނުލިބޭތީ އެވެ.

ދަނޑުވެރިކަމަށް ދޫކުރާ ރަށްތައް

  • ށ. ނެޔޮ
  • ނ. ތޮޅެންދޫ
  • ގދ. އޮއިނިގިއްލާ
  • މ. މާހުރާ
  • ލ. ތުނބުރި

ރަށްތަކުގެ ބީލަން ހުޅުވާލަމުން މިނިސްޓްރީން ކުރި އިއުލާނުގައި ބުނި ގޮތުގައި މި ފަޅު ރަށްތައް ކުއްޔަށް ދޫކުރަނީ ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުންނެވެ.

"މި ފަޅު ރަށްތައް ކުއްޔަށް ދޫކުރުމުގައި މަގުސަދަކީ ރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ،" މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

ރަށްރަށުގައި ކުރެވޭ ދަނޑުވެރިކަމުގެ ބާވަތްތައް

  • މޭވާ އާއީ ތަރުކާރީ ހެއްދުން
  • އެކި ބާވަތްތަކުގެ ގަސްގަހާގެހީގެ މުޑުވައް ހެއްދުން
  • ކުކުޅި، އަސްދޫނި ފަދަ ޕޯލްޓްރީ ގެންގުޅުން
  • ބަކަރި އާއި ގެރި ފަދަ ޖަނަވާރު ގެންގުޅުން
  • މި ރަށްތަކަށް އިންވެސްޓު ކުރާ މީހުން ކުރަން ޖެހޭ ހަރަދުތައް ކުޑަކުރުމަށް ބާރުއެޅުމުގެ ބޭނުމުގައި މިނިސްޓްރީން ވަނީ ރަށްތަކުގެ ކުލި ކުޑަކޮށްފަ އެވެ. އެގޮތުން ރަށްތަކަށް ކަނޑައަޅާފައިވާ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރި (0.10ރ) އެވެ.

    ދަނޑުވެރިކަމަށް ދޫކުރާ ރަށްތައް: މި ރަށްރަށަށް އަހަރީ ކުލި ކުޑަކުރީ އިންވެސްޓަރުންގެ ހަރަދުތައް ކުޑަކުރަން. -- ގްރެފިކްސް: މުހައްމަދު އިސާމު/އަދަދު


    ރާއްޖެއަށް ބޭނުންވާ ކާނާގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން ބިމުގެ ސަރަހައްދުން ގިނަވެގެން 30 ޕަސެންޓު ބިމުގެ ސަރަހައްދެއްގައި މިނިސްޓްރީން ބޭނުންވާ ކާނާގެ ބާވަވްތަކެއް އުފައްދަން ޖެހޭ ގޮތަށް މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ.

    ދަނޑުވެރި ރަށްތަކަށް ތަރުހީބު ބޮޑު

    ދަނޑުވެރިކަމަށް ފުރަތަމަ ބުރުގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ށ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގދ. އޮއިނިގިއްލާ އެވެ.

    މި ރަށްތަކަށް ދިވެހި ބޮޑެތި ކުންފުނިތައް، ވަކިން ހާއްސަކޮށް ކާބޯތަކެތި އިމްޕޯޓުކުރާ ވިޔަފާރިތަކުގެ ބޮޑު ތަރުހީބެއް ލިބުނެވެ. ނަމަވެސް ގިނަ ބިޑުތައް ވަނީ ފުރަތަމަ އިވެލުއޭޝަނުން ފެއިލްވެފަ އެވެ. އަދި ބާކީ ހުރި ބިޑުތަކުގެ ތެރެއިން ފަހު މަރުހަލާގައި ގިނަ ބިޑުތައް ފެއިލްވީ ހުރިހާ ދާއިރާއަކުން 65 ޕަސެންޓަށް ވުރެ މަތިން މާކްސް ނުލިބޭތީ އެވެ.

    ފުރަތަމަ ބުރުގައި ރަށްތަކަށް ހުށަހެޅި ބިޑުތަކުގެ ތެރެއިން ކާމިޔާބު ބިޑެއްގެ ޝަރުތު ހަމަވީ ހއ. މަޑުލުއަށް މަފްހާ ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިޑާއި ށ. ކަކާއެރިޔަދޫއަށް ޒީރޯ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ބިޑެވެ.

    އެކަމަކު ބިޑު ކާމިޔާބުކުރި ފަރާތްތަކާ ރަށްތައް ހަވާލުކުރި ކަމެއް އެގްރިކަލްޗާ މިނިސްޓްރީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. މިކަމާ ގުޅިގެން މިނިސްޓްރީގެ ބަހެއް ހޯދަން ކުރި މަސައްކަތް މިނިސްޓްރީގެ މީޑިއާ އޮފިސަރު ފޯނަށް ޖަވާބު ނުދެއްވާތީ ވަނީ ނާކަމިޔާބުވެފަ އެވެ.