Advertisement

ކޮޕް26: ވިހަ ގޭސް ބޭރުކުރާ އުޅަނދު ވިއްކުން ހުއްޓާލަން ބޮޑު ހަތަރު ގައުމުން އެއްބަހެއް ނުވި!

11 ނޮވެންބަރު 2021 - 07:01 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ސިޓީއެއްގައި ޓްރެފިކް ބާރު ބޮޑުވެފައި.


ކޮޕް26: ވިހަ ގޭސް ބޭރުކުރާ އުޅަނދު ވިއްކުން ހުއްޓާލަން ބޮޑު ހަތަރު ގައުމުން އެއްބަހެއް ނުވި!

11 ނޮވެންބަރު 2021 - 07:01 0

ގްލާސްގޯ، ޔޫކޭ (ނޮވެމްބަރު 10) - ވިހަ ގޭސް ބޭރު ކުރާ އުޅަނދު ވިއްކުން 2040 ވަނަ އަހަރު ހުއްޓާލަން ކޮޕް26 ސަމިޓުގައި ގައުމުތަކުން އެއްބަސްވި އިރު، އެންމެ ގިނައިން އެފަދަ އުޅަނދު އުފައްދާ ހަތަރު ގައުމުން އެއްބަސްވުމުގައި ސޮއިނުކުރަން ނިންމައިފި އެވެ.

އެއްބަސްވުމުގައި ސޮއިކުރި ގައުމުތަކުން ވައުދުވީ 2040 ވަނަ އަހަރުން ފެށިގެން ހަމައެކަނި "ޒީރޯ އެމިޝަންސް" އުޅަނދު ވިއްކުމަށެވެ. އޭގެ އިތުރުން ބޮޑެތި މާކެޓުތަކުގައި އެ އަމާޒަށް ވާސިލްވާނީ 2035 ވަނަ އަހަރުގެ ކުރިން ކަމަށް ކަނޑައަޅާފައި ވެ އެވެ.

"ޒީރޯ އެމިޝަން" އުޅަނދު އުފައްދައި، އެފަދަ އުޅަނދު ބޭނުން ކުރުމަކީ އާދައަކަށް ހެދުމަށް ސަރުކާރުތަކަށް އެހީވާނެ ކަމަށާއި 2030 ވަނަ އަހަރު އައުމުގެ ކުރިން ހުރިހާ ގައުމެއްގައި ވެސް އަގުހެޔޮކޮށް އެފަދަ އުޅަނދު ލިބޭނެ ގޮތް ހަދަން އެއްބަސްވުމުގައި ވެ އެވެ.

ނަމަވެސް ދުނިޔޭގައި އެންމެ ގިނައިން ވިހަ ގޭސް ބޭރު ކުރާ އުޅަނދުތައް ވިއްކާ ހަތަރު ގައުމު ކަމަށްވާ ޗައިނާ، އެމެރިކާ ޖަޕާން އަދި ޖަރުމަނުވިލާތުން އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެ އެވެ.

އޭގެ އިތުރުން އެންމެ ބޮޑެތި ކުންފުނިތައް ކަމަށްވާ ޓޮޔޯޓާ، ވޮލްކްސްވޭގަން، ރެނޯލްޓް ނިސާން އަދި މިޓްސުބިޝީ އިން ވެސް އެއްބަސްވުމުގައި ސޮއިކޮށްފައެއް ނުވެ އެވެ.

އެއާ ހިލާފަށް، މީގެ ކުރިން ވެސް ތިމާވެއްޓާ ރައްޓެހި އުޅަނދު އުފައްދަން ވައުދުވެފައިވާ، ފޯޑް، މާސިޑީޒް ބެންޒް، ޖެނެރަލް މޮޓޯޒް އަދި ވޮލްވޯ ކާޒް އިން އެއްބަސްވުމުގައި ސޮއިކުރި އެވެ.

ދަތުރުފަތުރުގެ ނިޒާމުން ޖައްވަށް އެންމެ ގިނައިން ވިހަ ގޭސް ބޭރު ކުރަނީ އެއްގަމު އުޅަނދުތަކުންނެވެ. އެއީ އިންސާނުން ޖައްވަށް ދޫކުރަމުންދާ ކާބަން ގޭހުގެ 20 ޕަސެންޓެވެ.

ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އިސްކަން ދިނުމަށް ބޮޑެތި ގައުމުތަކާއި ކުންފުނިތަކުން އެއްބަސްވެފައި ނުވާތީ ތިމާވެއްޓާ ގުޅޭ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ފޮސިލް ފިޔުލް ހުއްޓާލާ ނަމަ އެއަށް އަޅުގަނޑުމެން ބަރޯސާވުން ހުއްޓާލަން ޖެހޭ. އޭގެ މާނައަކީ އެފަދަ އުޅަނދުތަކުން އިލެކްޓްރިކް އުޅަނދުތަކަށް ބަދަލުވުން،" ގްރީންޕީސް އިން ބުންޏެވެ.