Advertisement

ކޮޕް26: މުއްސަނދި ގައުމުތަކުން ފައިސާ ނުދޭން އުޅޭ ކަމުގެ ތުހުމަތު

10 ނޮވެންބަރު 2021 - 07:28 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެފްރިކާގެ ގައުމެއް ކަމަށްވާ މޮޒަމްބީކް އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ


ކޮޕް26: މުއްސަނދި ގައުމުތަކުން ފައިސާ ނުދޭން އުޅޭ ކަމުގެ ތުހުމަތު

10 ނޮވެންބަރު 2021 - 07:28 0

މޫސުމީ ބަދަލާ ހެދި ފަގީރު ގައުމުތަކަށް ލިބިފައިވާ ގެއްލުންތަކަށް ފައިސާގެ ބަދަލު ދިނުމާ ދެކޮޅަށް މުއްސަނދި ގައުމުތަކުން އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފި އެވެ.

ސްކޮޓްލޭންޑުގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި ނާޒުކު ގައުމުތަކުން ބުނެފައި ވަނީ ލިބިފައިވާ ގެއްލުމަށް ބަދަލު ދިނުމާ މެދު ގޮތެއް ނިންމުން މުހިއްމު ކަމަށެވެ.

މީގެ ކުރިން ޕެރިސްގައި 2015 ވަނަ އަހަރު ބޭއްވި ކޮޕް21 ސަމިޓުގައި ވެސް ގައުމުތަކުން އެކަމަށް އެއްބަސްވި އެވެ. ނަމަވެސް ފައިސާ ދޭނެ ގޮތަކާއި ދޭނީ ކޮން ބަޔެއް ކަމަށް ކަނޑައަޅާފައެއް ނުވެ އެވެ.

މޫސުމީ ބަދަލުގެ ސަބަބުން ގައުމުތަކަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުމަށް މުއްސަނދި ގައުމުތަކުން ޒިންމާ ނަގާކަށް ބޭނުމެއް ނުވެ އެވެ.

ނަމަވެސް ތަރައްގީވަމުންދާ ގައުމުތަކުން ބުނާ ގޮތުގައި މިހާރު ދުނިޔެ އަށް ކުރަމުންދާ މޫސުމީ ބަދަލުގެ އަސަރަށް ޒިންމާވާން ޖެހެނީ މުއްސަނދި ގައުމުތަކެވެ. އެއީ އެހެން ގައުމުތަކަށް ވުރެ ކުރިން އަދި ގިނައިން އެ ގައުމުތަކުން ޖައްވަށް ކާބަން ބޭރުކޮށްފައި ވާތީ އެވެ.

"ގެއްލުމުގެ ބަދަލު ދިނުމުގެ ވާހަކަ އަކީ ތަރައްގީވެފައިވާ ގައުމުތަކުން ދައްކަން ބޭނުންވާ ވާހަކައެއް ނޫން،" އެފްރިކާ ގްރޫޕުގެ އޮފިޝަލް އުމަރް ކަލޯގާ ވިދާޅުވި އެވެ.

އޭނާ އަކީ ލީސްޓް ޑިވެލޮޕްޑް ކަންޓްރީޒް (އެލްޑީސީ) ނުވަތަ އެންމެ ފަގީރު ގައުމުތަކުގެ ގްރޫޕުގައި ގިނީ ތަމްސީލް ކުރާ މަންދޫބެވެ. އެލްޑީސީގައި 46 ގައުމު ހިމެނޭ އިރު ގިނައިން ހިމެނެނީ އެފްރިކާގެ ގައުމުތަކެވެ.

"މަޝްވަރާތަކުގައި އަޅުގަނޑުމެން ތަކުރާރުކޮށް ބުނަމުން މި ދަނީ މުއްސަނދި ގައުމުތަކުގެ މޫސުމީ ބަދަލަށް ފައިސާ ދިނުމުގެ ކަރުދާސްތަކުގައި ވަކި ކޮލަމެއްގެ ދަށުން ގެއްލުމުގެ ބަދަލު ދިނުން ހިމަނަން ވާނެއޭ. އެއީ މުޅި ދުނިޔޭގައި ވެސް މޫސުމީ ބަދަލާ ހެދި މިހާރު ގައުމުތަކަށް ގެއްލުންވަމުން ދާތީވެ."

"ސިއްރުން ކުރިއަށް ގެންދާ ބައްދަލުވުންތަކުގައި މުއްސަނދި ގައުމުތަކުން އެކަމަށް އެއްބަސްނުވުމަކީ ވަރަށް ދެރަ ކަމެއް. ވަކިން ހާއްސަކޮށް މި ގައުމުތަކަކީ ދެ ފުށް ފެންނަ މަޝްވަރާއަކަށް ބާރު އަޅަމުންދާ ގައުމުތައް."

އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ ރިޕޯޓެއްގައިވާ ގޮތުން 2019 ވަނަ އަހަރު މުއްސަނދި ގައުމުތަކުން މޫސުމީ ބަދަލާ ގުޅިގެން ދިން ފައިސާގެ 25 ޕަސެންޓަކީ އެޑެޕްޓޭޝަނަށް ދިން ފައިސާ އެވެ. އެއީ މޫސުމީ ބަދަލުގެ އަސަރުތަކުން ސަލާމަތް ވާން ފިޔަވަޅު އެޅުމުގެ މަޝްރޫއުތައް ހިންގުމަށެވެ.

އެ އަހަރުން ދިން ފައިސާގެ 75 ޕަސެންޓަކީ ޖައްވަށް ބޭރު ކުރާ ކާބަން ގޭސް މަދުކުރުމުގެ މަޝްރޫއުތަކަށް ދިން ފައިސާ އެވެ.

ފަގީރު ގައުމުތަކުން ބުނާ ގޮތުގައި މޫސުމީ ބަދަލުގެ އަސަރު ކުޑަކުރެވޭނެ ގޮތްތަކަށް ތަރައްގީ ގެނެވޭ ވަރަށް ވުރެ ބޮޑަށް ދަނީ ގެއްލުންވަމުންނެވެ. އެހެންވެ، އެ ގައުމުތަކުން ބޭނުންވަނީ އާބާދީތައް މުޅިން އެހެން ތަނަކަށް ބަދަލު ކުރުމަށް ނުވަތަ އަލުން ދެމެހެއްޓެނިވި ގޮތަކަށް ބިނާ ކުރުމަށް ފައިސާގެ އެހީ އެވެ.

ކުދި، ޖަޒީރާ ގައުމުތައް ހިމެނޭ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ އިސް އޮފިޝަލް ލި އޭން ރޯޕާ ވެސް ވިދާޅުވީ ގެއްލުމުގެ ބަދަލު ދިނުމަށް ވަކި ލަނޑުދަނޑިއެއް ކަނޑައަޅަން ޖެހޭ ކަމަށެވެ.

އެގޮތަށް ނިންމައިފި ނަމަ "ލޮސް އެންޑް ޑެމޭޖް" ނުވަތަ ގެއްލުމުގެ ބަދަލަށް ދޭ ފައިސާ ހިމެނޭނީ މީގެ ކުރިން މުއްސަނދި ގައުމުތަކުން ދޭން ވައުދުވި އަހަރަކު 100 ބިލިއަން ޑޮލަރުގެ އިތުރުން ދޭ ފައިސާއެއްގެ ގޮތުގަ އެވެ.

ވިހިވިހި ވަނަ އަހަރު އައުމުގެ ކުރިން އަހަރަކު 100 ބިލިއަން ޑޮލަރު ފަގީރު ގައުމުތަކަށް ދޭން ވައުދުވި ނަމަވެސް އެ ވައުދު ފުއްދާފައެއް ނުވެ އެވެ. އެހެންކަމުން މިހާރުގެ ލަނޑުދަނޑިއަކީ 2023 ގެ ކުރިން އެ ހިސާބަށް ވާސިލްވުމެވެ.

ފަގީރު ގައުމުތަކުން ކޮށްފައިވާ ތުހުމަތާ ގުޅޭ ގޮތުން މުއްސަނދި ގައުމުތަކުން މިހާތަނަށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

މިހާރު ކުރިއަށްދާ ކޮޕް26 ސަމިޓުގައި އެޑެޕްޓޭޝަނަށް އިސްކަން ދިނުމުގެ ބަދަލުގައި ކާބަން ބޭރު ކުރާ މިންވަރު މަދުކުރުމާ ގުޅޭ ވާހަކަތަކަށް މާ ބޮޑަށް ސަމާލުކަން ދޭ ކަމަށް ބުނެ ވެސް ތަރައްގީވަމުންދާ ގައުމުތަކުން ފާޑުކިޔާފައި ވެ އެވެ.

އޭގެ އިތުރުން ބައެއް ފަގީރު ގައުމުތަކަށް ފޯރުކޮށްދިން ފައިސާގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާފައި ނުވާ ކަމަށް ބުނެ މުއްސަނދި ގައުމުތަކުގެ ފާޑުކިޔުން ވެސް އަމާޒުކޮށްފައި ވެ އެވެ.