Advertisement

އަސާސީ އުޖޫރަ ކަނޑައެޅީ އިގުތިސާދާއި ވިޔާފާރިތަކުގެ ހާލަތަށް ބެލުމަށް ފަހު: މިނިސްޓަރު

8 ނޮވެންބަރު 2021 - 13:47 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

އަސާސީ އުޖޫރައިގެ ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މިއަދު ސޮއިކުރައްވަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ


އަސާސީ އުޖޫރަ ކަނޑައެޅީ އިގުތިސާދާއި ވިޔާފާރިތަކުގެ ހާލަތަށް ބެލުމަށް ފަހު: މިނިސްޓަރު

8 ނޮވެންބަރު 2021 - 13:47 0

ބޯޑުން ދިން ލަފަޔަށް ވުރެ ޕްރައިވެޓް ސެކްޓަރުގެ އަސާސީ އުޖޫރަ ކުޑަކޮށް ކަނޑައެޅީ ރާއްޖޭގެ މިހާރުގެ އިގުތިސާދާއި ވިޔަފާރިތަކުގެ ހާލަތު ވަޒަންކޮށް ބެލުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މަސައްކަތްތެރިންގެ އަސާސީ އުޖޫރަ ކަނޑައަޅައި މިއަދު އިއުލާނުކުރި ނަމަވެސް، މިނިސްޓަރު ފައްޔާޒު ވިދާޅުވީ މި ވާހަކަ އަކީ މީގެ ވިއްސަކަށް އަހަރު ކުރިން، ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތް ފެށިގެން އައިއިރު އެންމެ ބާރަށް ދެކެވުނު އެއް ވާހަކަ ކަމަށާއި މިކަން ކަނޑައެޅިގެން މިދިޔައީ މާ ލަހުން ކަމަށެވެ.

އޭރު މިނިމަމް ވޭޖެއް ކަނޑައެޅުނު ނަމަ މިއަދު މި ދިމާވި ގޮންޖެހުންތަކާ ކުރިމަތިލާން ނުޖެހުނީސް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުދި ވިޔަފާރިތަކުން މަހަކަށް 4،500ރ.، މެދު ފަންތީގެ ވިޔަފާރިތަކާއި ޕަބްލިކް ސެކްޓަރުގެ ވަޒީފާތަކަށް 7،000ރ. އަދި ބޮޑެތި ވިޔަފާރިތަކަށް 8،000ރ. އެވެ.

ބޯޑުން ލަފާދީފައިވާ އަދަދުތައް ރަނގަޅު ކަމަށާއި، ނަމަވެސް ރާއްޖޭގެ މިއަދުގެ އިގްތިސާދީ ހާލަތައް ބަލައި ދެ ދާއިރާއެއްގެ އުޖޫރަ އަށް ބަދަލުގެންނަން ޖެހުނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ބޯޑުގެ ލަފައާ އެއް ގޮތަށް ކަނޑައަޅަންޖެހޭ ކަމަށް ހީވެފައި އޮތަސް، އިތުރު ދިރާސާކުރުމަށް ފަހު އެ އަދަދުތަކަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވެވި އެވެ.

ބޯޑުން ދިން ލަފާފައި ކުދި ފަންތީގެ ވިޔަފާރީގެ އަސާސީ މުސާރަ އަށް 5،000ރ. ކަނޑައަޅާފައި އޮތަސް، މިނިސްޓަރު ކަނޑައެޅުއްވީ 4،500ރ. އެވެ. އަދި ބޮޑެތި ވިޔަފާރިތަކުގެ އަސާސީ މުސާރައިގެ ގޮތުގައި 8،900ރ. ކަނޑައެޅުމަށް ލަފާ ދިން ނަމަވެސް، މިނިސްޓަރު ކަނޑައެޅުއްވީ 8،000ރ. އެވެ.

ވަޒީފާގެ ބާޒާރުގައި ހުރި މައްސަލަތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ކަނޑައަޅާފައިވާ އަދަދުތަކުގެ ސަބަބުން ވިޔަފާރިތަކަށް އަދި މުވައްޒަފުންނަށް ވެސް ރަނގަޅުވާނެ ކަމަށާއި، ވަޒީފާތަކުގައި ދިވެހިން ހަރުނުލާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކުދި ވިޔަފާރިތަކުގެ މިނިމަމް ވޭޖް ކަނޑައެޅީ "ކައިޓްޒް އިންޑެކްސް" ބޭނުންކޮށްގެން

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ އާބާދީއަކީ 191،270 އެވެ. އޭގެ ތެރެއިން 60 ޕަސެންޓަކީ ފިރިހެނުންނެވެ.

ވަޒީފާގެ ބާޒާރުގެ މިހާރުގެ އެވްރެޖް އުޖޫރައަކީ މަހަކަށް 7،396ރ. ގައި ކަމަށާއި ނަމަވެސް އަސާސީ މުސާރަ އުޅެނީ 3،000ރ. އާއި 5،500ރ. އާ ދެމެދުކަމަށް މިނިސްޓްރީން ބުނެ އެވެ.

މިއަދު އިއުލާނުކުރި އަސާސީ އުޖޫރަތައް ކަނޑައެޅުމުގައި ކުދި ވިޔަފާރިތަކުގެ އަސާސީ އުޖޫރަ ކަނޑައެޅުމަށް ކައިޓްޒް އިންޑެކްސް ބޭނުންކޮށްފައިވާނެ ކަމަށާއި ބޮޑެތި ވިޔަފާރިތަކަށް މިނިމަމް ވޭޖް ކަނޑައެޅުމުގައި 'ނީޑް ބޭސްޑް އެޕްރޯޗެެއް' ގެންގުޅުނު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

ކައިޓްޒް އިންޑެކްސް އަކީ ކޮބާ؟


ކައިޓްޒް އިންޑެކްސް އަކީ މިނިމަމް ވޭޖް ކަނޑައަޅަން ގައުމުތަކުން އާންމުކޮށް ބޭނުންކުރާ މިންގަނޑެވެ. މި އިންޑެކްސްގައި އެގައުމެއްގެ އެވްރެޖް އުޖޫރައިގެ އެންމެ ކުޑަވެގެން 44 ޕަސެންޓު ވާންޖެހޭނީ އަސާސީ މުސާރަ އަށެވެ.

މިހާރު ވެސް ބޮޑެތި ވިޔަފާރިތަކުގެ އެވްރެޖް މުސާރައަކީ 7،745ރ. ކަމަށާއި މި އަދަދު 8،000ރ. އަށް ބޮޑުކުރީ، ވޭޖް ގްރޯތު ރޭޓް ތިން ޕަސެޓަށް އިތުރުކޮށްގެންނެވެ.

މިއަދު ކަނޑައަޅައި އިއުލާނުކުރެވުނު އަދަދު ތަކާއެކު މުވައްޒަފުންގެ މުސާރައަށް ސަރުކާރުން 610 މިލިއަން ރުފިޔާ އިތުރަށް ކުރަން ޖެހޭނެ އެވެ. އަދި މިއަދަދުގެ ފައިދާ 15،400 މުވައްޒަފުންނަށް ކުރާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ 5،100 މުވައްޒަފުންނަށް މިނިމަމް ވޭޖާ އެކު ފައިދާ ކުރާނެ ކަމަށާއި މި އަދަދާއެކު 90 މިލިއަން ރުފިޔާގެ އިމްޕެކްޓެއް ކުންފުނިތަކަށް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް 352 މިލިއަން ރުފިޔާގެ އިމްޕެކްޓެއް އަންނާނެ ކަމަށް ލަފާކޮށްފައިވާ އިރު، މިނިމަމް ވޭޖާއެކު އެ ސިނާއަތުގައި މަސައްކަތްކުރާ 13،000 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ އެވެ.