Advertisement

އެސްއީޒެޑުގެ ފުރަތަމަ ހުއްދަ ފްލޯޓިން ސޯލާ ނިޒާމެއްގެ ބިޔަ މަޝްރޫއެއް ހިންގަން ދޫކޮށްފި

24 އޭޕްރީލް 2024 - 19:42 0

އަމަން ހަލީމް

އަމަން ހަލީމް

ސޯލާ ޕެނަލްތަކެއް: މި ދައުރުގެ ތެރޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިއާދަކުރަނިވި ވަސީލަތްތަކުން ހޯދުމަކީ ސަރުކާރުގެ އަމާޒެއް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އެސްއީޒެޑުގެ ފުރަތަމަ ހުއްދަ ފްލޯޓިން ސޯލާ ނިޒާމެއްގެ ބިޔަ މަޝްރޫއެއް ހިންގަން ދޫކޮށްފި

24 އޭޕްރީލް 2024 - 19:42 0

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ދޫކުރާ ފުރަތަމަ ހުއްދަ، ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް ހިންގަން، މިއަދު ދޫކޮށްފި އެވެ.

އެސްއީޒެޑު ގާނޫނުގެ ދަށުން އިކޮނޮމިކް މިނިސްޓްރީގައި އުފައްދާފައިވާ ބޯޑް އޮފް އިންވެސްޓްމަންޓްސް މި ހުއްދަ ދޫކުރީ ކެނެޑާގެ އަބްރަކްޒަސް ޕަވާ ކޯޕް އަށެވެ. އެ ކުންފުނިން މި ޕްރޮޖެކްޓު ހިންގަނީ ސަންގްރޯ ޕަވާ ސްޕްލައި ކޯ ލިމިޓެޑާ ގުޅިގެންނެވެ.

އަބްރަކްޒަސް އާއި ސަންގްރޯ ގުޅިގެން ހިންގަން ހުށަހަޅާފައިވާ މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން 150 މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިގެން ދާނެ އެވެ. އަދި ބެޓަރީ ސިސްޓަމަކާ އެކީ މި ނިޒާމު މައި ގްރިޑާ ގުޅާލެވޭނެ އެވެ.

މި ހުއްދަ ދިނުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ މި ހުއްދައިގެ ދަށުން ކުރެވޭނެ މަސައްކަތްތަކަކީ އެސްއީޒެޑު ގާނޫނުގައި ބުނާ ގޮތުގެ މަތިން އިތުރު ދިރާސާ އާއި އެސެސްމަންޓުތައް ހެދުން ކަމަށެވެ. އެއަށް ފަހު ދެ ފަރާތުން މަޝްވަރާކޮށްގެން ފަހުގެ ހުށަހެޅުމާ ހަމައަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސަރުކާރުން ބުނީ މިއީ މި ދައުރުގެ ތެރޭގައި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތައަށް ހަދަން މި ސަރުކާރުން ގެންގުޅޭ އަމާޒަށް ވާސިލުވާން އެހީތެރިވެދޭނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

މި ޕްރޮޖެކްޓާ ގުޅޭގޮތުން އަބްރަކްޒަސްގެ ސީއީއޯ ކޯލްޓާ އީޑީ ކެނެޑާގެ މީޑިއާއަކަށް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނިން މި ހުށަހެޅުން ހުށަހެޅީ ވަރަށް ގިނަ ގޮތްގޮތުން ބަލާފައި ރާއްޖެއަށް ހާއްސަކޮށްގެން ކަމަށެވެ. އަދި މި ޕްރޮޖެކްޓު ވެގެންދާނީ ރާއްޖޭގެ ހަކަތައިގެ ސިނާއަތް އިންގިލާބުކޮށް، އެެހެން ސިނާއަތްތައް ވެސް ކުރިއަރައިދިއުމުގެ މެދުވެރިއަކަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ކެނެޑާގެ އަބްރަކްޒަސްއަކީ އިއާދަކުރަނިވި ހަކަތައިގެ ސިނާއަތުގައި ކުރިއަރަމުން އަންނަ، ޓެކްނޮލޮޖީ އާއި ފަންނީ ގޮތުން ފުންނާބު އުސް ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެކަނި ވެސް އެ ކުންފުނިން ވަނީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ހިންގަން ކެނެޑާ ސަރުކާރުގެ އަށް ބިލިއަން ޑޮލަރުގެ އަގު ހުރި ޕްރޮޖެކްޓުތައް ކާމިޔާބުކޮށްފަ އެވެ.

މި ކުންފުނިން ރާއްޖޭގައި ހިންގާ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވެވޭނެ އެވެ. މިހާރު ރާއްޖޭގައި ހުރި އެންމެ ބޮޑު ސޯލާ ހަކަތައިގެ ނިޒާމު ކަމުގައިވާ، ހުޅުމާލެ ހައިވޭގައި ހުންނަ ސޯލާ ހަކަތައިގެ ނިޒާމަކީ ފަސް މެގަވޮޓުގެ ކަރަންޓު އުފައްދާ ނިޒާމެކެވެ.