26 އޭޕްރީލް 2024 - 11:31 0
އަހުމަދު އާއިދު
ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި ބޭއްވި ދެވަނަ ބައްދަލުވުމުގެ ތެރެއިން : މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިން ކޮށް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
26 އޭޕްރީލް 2024 - 11:31 0
މި ސަރުކާރުން ތުރުކީއާއެކު އެކުލަވާލަމުންދާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ދަށުން، ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓް ކުރާ 214 ބާވަތަކުން ޓެރިފް ކަނޑާލުމަށް ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ތުރުކީއާއެކު ހިލޭ ވިޔަފާރީގެ އެއްބަސްވުމެއް ހަދަން ދިވެހި ސަރުކާރުން މަސައްކަތް ފެށީ މިދިޔަ މަހު އެވެ. ޓެރިފް ކަނޑާލަން ސަރުކާރުން އެދިފައިވަނީ މި އެއްބަސްވުން އެކުލަވާލަން ދެ ގައުމުގެ އިސް އޮފިޝަލުން ބޭއްވި ދެވަނަ ބައްދަލުވުމުގަ އެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ސުން ޕަސެންޓުގައި ތުރުކީއަށް އެތެރެކުރުމަށް ހުށަހެޅި ބާވަތްތަކުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ ބައްދަލުވުމުގައި ރާއްޖޭގެ އުފެއްދުންތައް ތުރުކީއަށް އެތެރެކޮށް ވިއްކުމުގައި ލުއި ގޮތްތަކެއް ހޯދޭނެ މަގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.
"ތުރުކީއަށް ރާއްޖެއިން މުދާ އެތެރެކުރުމުގެ އިންތިޒާމްތައް ފަސޭހަކޮށް، އެއްވެސް ޓެރިފަކާއި ނުލާ މުދާ އެތެރެކުރެވޭނެ މަގު ފަހިކޮށްދިނުމަށް ރާއްޖެއިން އެދިފައިވާނެ،" މިނިސްޓަރު ލިޔުއްވާފައިވެ އެވެ.
ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭގޮތުން ދެ ސަރުކާރުގެ ދެމެދުގައި ބޭއްވި ދެވަނަ ބައްދަލުވުމުގެ ތެރެއިން : މި ބައްދަލުވުން ކުރިއަށް ގެންދިޔައީ އޮންލައިން ކޮށް - ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ތުރުކީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ދަށުން އެންމެ ގާތް ގުޅުން ބާއްވާ އެއް ގައުމެވެ. އެގޮތުން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރު ކުރެއްވީ ވެސް ތުރުކީއަށެވެ.
އެ ގައުމާއެކު ބާއްވާ ގާތް ގުޅުމުގެ ދަށުން ތުރުކީގެ ކުންފުންޏަކުން ދިވެހި އަސްކަރިއްޔާއަށް މިލިޓަރީ ޑްރޯންތަކެއް ވެސް ގެނެސްފައިވާއިރު، އިންޑިއާއާ އެކު ޖެހިފައިވާ މައްސަލަތަކުގެ ތެރެއިން ތުރުކީން ރާއްޖެއަށް ބޭނުންވާ ވަރަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެއްބަސްވެފައިވާ ކަމަށް ވެސް ޖެނުއަރީ މަހު ރައީސް ވިދާޅުވި އެވެ.
ނަމަވެސް، ފެބްރުއަރީ މަހު އަންނާނެ ކަމަށް ބުނި ތުރުކީގެ ކާޑު ޝިޕްމަންޓު މިހާތަނަށް ރާއްޖެއަށް ފޯރާފައެއް ނުވެ އެވެ.
Comment