Advertisement

ލަންކާގައި ތިބި ދިވެހި ސަޕޯޓަރުންގެ "ފޯރިލާ" އިން ޖޯޝު!

9 ނޮވެންބަރު 2021 - 06:37 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

"ފޯރިލާ" ލަވައިގެ ޝޫޓިންގެ ތެރެއިން --ފޮޓޯ: ޝާނީ


ލަންކާގައި ތިބި ދިވެހި ސަޕޯޓަރުންގެ "ފޯރިލާ" އިން ޖޯޝު!

9 ނޮވެންބަރު 2021 - 06:37 0

ސްރީ ލަންކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕް ބައިވެރިވާ ދިވެހި ގައުމީ ޓީމަށް ފޯރި ދިނުމަށްޓަކައި ހާއްސަ ލަވައެއް އެ ގައުމުގައި ތިބި ދިވެހި ސަޕޯޓަރުން ނެރެފި އެވެ. ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި ކައްކުވާލަދޭ މި ލަވައަކީ ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހިންގެ ކޮމިއުނިޓީއެއް ކަމުގައިވާ "ކޮލަމްބޯ ދިވެހިންގެ ފޯރި" އިން ނެރުނު ލަވަ އެކެވެ.

"ފޯރިލާ"ގެ ނަމުގައި ހޮނިހިރު ދުވަހު ރިލީޒްކުރި ލަވައިގައި ޖުމްލަ 25 ފަންނާނަކު ލަވަ ކިޔައިފައިވެ އެވެ. މީގެ ތެރޭގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ހަންނާނު, ޝާނީ އަދި ފަޒީލް ހިމެނެ އެވެ.

ލަވައިގެ މިޔުޒިކް ކޮމްޕޯސް ކޮށްދީފައިވަނީ އިބްރާހިމް ނިފާރު (ތިއްތި) އެވެ. ލަވައިގެ ލިރިކްސް ލިޔެފައިވަނީ މޫސާ ރަމީޒެވެ. މުޅި ލަވައިގެ މަސައްކަތް މި ޓީމުން ފުރިހަމަކޮށްފައި ވަނީ އެންމެ ފަސް ދުވަހުގެ ތެރޭގަ އެވެ.

"ފޯރިލާ " ލަވައިގެ ވީޑިއޯ--


ލަވައިގެ ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ ލަންކާގައި އަލަށް މި މަސައްކަތް ކުރަން ފެށި ލިޔެލާ ޕްރޮޑަކްޝަންގެ ފަރާތުންނެވެ. ކުދި ބޮޑު ޒުވާނުންނާ އެކީ ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ލަވައިގެ ވީޑިއޯގައި ފެނިގެންދެ އެވެ.

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށް ފަހު ލަވަ ކިޔަން ފެށި، ޝާނީ ބުނި ގޮތުގައި ދިވެހިރާއްޖޭގައި މި ވަގުތު ދިރިނޫޅުނަސް މިފަދަ ގައުމީ ކަމެއްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި ރޭ ކުޅެން ހަމަޖެހިފައި އޮތަސް، މުބާރާތް ފެށުން މިއަދަށް ފަސްކުރީ ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.