Advertisement

ގައުމީ ބީޗްވޮލީބޯޅަ ޗެމްޕިއަންކަން ޑެންޒޯ އާއި ކޯކޭ އަށް

4 ނޮވެންބަރު 2021 - 00:22 0

ޑެންޒޯ (ކ) އާއި ކޯކޭ (ވ): ފައިނަލް މެޗަށް ފަހު ޓްރޮފީ ހިފައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ގައުމީ ބީޗްވޮލީބޯޅަ ޗެމްޕިއަންކަން ޑެންޒޯ އާއި ކޯކޭ އަށް

4 ނޮވެންބަރު 2021 - 00:22 0

ފައިނަލުގައި ފަހަތުން އަރައި ތަޖުރިބާކާރު ޕެއާ އަޝްފާގު އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބަލިކޮށް އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އިން މިރޭ ހޯދައިފި އެވެ.

މި ފަހަރުގެ ބީޗް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ އިން ވަނީ ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިކޮށްފަ އެވެ. މެޗަކުން ބަލިނުވެ، އައްކަޅޭ އާއި ކުޑަކާއްޓެ ފައިނަލުގެ ޖާގަ ހޯދި ނަމަވެސް މިރޭގެ ފައިނަލުގައި ކާމިޔާބެއް ނުހޯދުނެވެ. ކޯކޭ އާއި ޑެންޒޯ ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. ދެ ސެމީ ފައިނަލު މެޗުން މޮޅުވެގެން ފައިނަަލަށް އައި ރޫހު މިރޭގެ ފައިނަލުގައި ވެސް ދެއްކި އެވެ. ޑެންޒޯ އާއި ކޯކޭގެ ޕެއާ ފައިނަލް ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ.

ހުޅުމާލެ ބީޗްވޮލީބޯޅަ ކޯޓުގައި މިރޭ ކުޅުނު ފައިނަލްގެ ފުރަތަމަ ސެޓު އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ އިން ގެންދިޔައީ 21-18 އިންނެވެ. މި ސެޓުގައި ޖުމްލަކޮށް ބަލާއިރު، ކޮންޓްރޯލް ނަގައިގެން ކުޅުނީ އައްކަޅޭ އާއި ކުޑަކާއްޓެގެ ޕެއާ އިންނެވެ. މި ސެޓުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން 14-14 އިން އެއްވަރުކުރި ނަމަވެސް އެ ފޯމުގައި ސެޓުގެ ފަހު ބައިގައި ނުކުޅެވި މި ސެޓު ގެއްލުނީ އެވެ.

ފައިނަލް މެޗުގެ ތެރެއިން ކުޑަކާއްޓެ (ކ) ބޯޅަ ފޮނުވާލާއިރު ކޯކޭ ބްލޮކްކުރަން މަސައްކަތް ކުރަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ފުރަތަމަ ސެޓު ގެއްލިފައި އޮތުމުން ދެ ވަަނަ ސެޓަށް ނުކުމެ ކުރިން ސެޓުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ކޯކޭ އާއި ޑެންޒޯ ހިތްވަރު ދެއްކި އެވެ. އައްކަޅޭ އާއި ކުޑަކާއްޓެ ކައިރިން ލިބޭ ފުރުސަތުތަކުގެ ފައިދާނަގައި ޑެންޒޯ އާއި ކޯކޭ ދެ ވަނަ ސެޓުގެ ތެރޭގައި ހަ ޕޮއިންޓަށް ވެސް ލީޑުނެގި އެވެ.

ޓައިމްއައުޓް ނަގައިގެން ދެ ޓީމުން ވެސް ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރިއިރު، ސެޓުގެ ފަހު ކޮޅުގައި ޑެންޒޯ އާއި ކޯކޭގެ ރަނގަޅު ޝޮޓްތަކާ އެކު އެ ޕެއާ އިން 18-21 އިން މި ސެޓު ގެންގޮސް އެއްވަރުކުރި އެވެ.

ނަތީޖާ ނެރެން ކުޅުނު ސެޓުގައި ޑެންޒޯ އާއި ކޯކޭގެ ފަރާތުން ފެނުނީ ތަފާތު ރަނގަޅު ކުޅުމެކެވެ. ދެ ވަނަ ސެޓުގައި ދެއްކި ކުޅުން އެ ޕެއާ އިން ތިން ވަނަ ސެޓުގައި ވެސް ތަކުރާރުކުރި އެވެ.

ތިން ވަނަ ސެޓުގައި ޑެންޒޯ އާއި ކޯކޭގެ ޕެއާ އިން ހަ ޕޮއިންޓުގެ ލީޑެއް ނެގި އެވެ. ރަނގަޅު ވަގުތުތަކުގައި އެޓޭކްކޮށްގެން އައްކަޅޭ އާއި ކުޑަކާއްޓެ މެޗުގެ ތެރެއަށް ވަދެވޭތޯ ބެލި ނަމަވެސް ރަނގަޅު ފޯމުގައި ކުޅެ ޑެންޒޯ އާއި ކޯކޭ ފަހު ސެޓު 09-15 އިން ގެންގޮސް މެޗުން މޮޅުވީ އެވެ. ފުރަތަމަ ފަހަރަށް ގައުމީ ފައިނަލުގައި ކުޅެ ތަށި ހޯދީ އެވެ.

މިއަދު ހަވީރު ކުޅުނު އަންހެން ޑިވިޝަނުގެ ފައިނަލުން މޮޅުވެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަރީޝާ (އަރީ) އާއި އައިޝަތު އިމްތިނާން (ނާން)ގެ ޕެއާ އިންނެވެ.

އަރީ އާއި ނާންގެ ޕެއާ އޯޕަން ޑިވިޝަންގެ އަންހެން ބައި ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ. ފައިނަލުގައި އަރީ އާއި ނާންގެ ޕެއާއާ ދެކޮޅަށް ކުޅުނީ ފާތިމަތު ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާ އެވެ.

ފައިނަލް މެޗަށް ފަހު އަރީ (ކ) އާއި އިމްތިނާން ޓްރޮފީ ހިފައިގެން.-- ފޮޓޯ: ރާއްޖެ އެމްވީ


ފުރަތަމަ ސެމީގައި އަރީ އާއި ނާންގެ ޕެއާ ވަނީ ޖޫޒާން އާއި މާޖިދާގެ ޕެއާ ފަސޭހައިން ބަލިކޮށްފަ އެވެ. އެކަމަކު، ފައިނަލުގައި ޖޫޒާން އާއި މާޖިދާ ވަނީ ރަނގަޅު ފައިޓެއް ދީފަ އެވެ.

ފައިނަލުގެ ފުރަތަމަ ސެޓު ގެންދިޔައީ ވެސް މާޖިދާ އާއި ޖޫޒާންގެ ޕެއާ އިންނެވެ. އެއީ 22-20 އިންނެވެ. އެކަމަކު، ދެން ކުޅުނު ދެ ސެޓުގައި ކުޅުން ރަނގަޅުކޮށް އަރީ އާއި ނާން ވަނީ މެޗުން މޮޅުވެފަ އެވެ. އަރީ އާއި ނާންގެ ޕެއާ އިން ސެޓުތައް ގެންދިޔައީ 11-21 އާއި 08-15 އިންނެވެ.

އޯޕަން ޑިވިޝަނުގެ އަންހެން ތިން ވަނަ އަށް ދިޔައީ އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއާ އެވެ. އަދި ފިރިހެން ތިން ވަނަ އަށް ދިޔައީ އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ)ގެ ޕެއާ އެވެ.

އަންހެން 23 އަހަރުން ދަށުގެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު އަފާފް ނިޒާމާއި ނަރީމާ އިދުރީސްގެ ޕެއާ އެވެ. އަފާފާއި ނަރީމާގެ ޕެއާ ފައިނަލުގައި ސީދާ ދެ ސެޓުން މޮޅުވީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާ އިބްރާހިމްގެ ޕެއާއާ ވާދަކޮށެވެ. ސެޓުތައް ގެންދިޔައީ 21-18 އާއި 21-14 އިންނެވެ.

ފިރިހެން 23 އަހަރުން ދަށުގެ ތަށި އުފުލާލީ އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއާ އެވެ. ފައިނަލުގައި މުހައްމަދު އަމާން އަސްލަމް އާއި ހަސަން ސަމީހްގެ ޕެއާ އަތުން ނާފިއު އާއި ޝާމިލްގެ ޕެއާ މޮޅުވީ 21-08 އާއި 21-10 އިން ސެޓުތައް ގެންގޮސްގެންނެވެ.

މިރޭ ކުޅުނު ނަވާރަ އަހަރުން ދަށުގެ ފިރިހެން ބައިގެ ފައިނަލުގައި ހައިލަމް ހަސަން އާއި މާއިޝް އަހުމަދުގެ ޕެއާ ބައްދަލުކުރީ މައުޒޫން ނިޔާޒާއި ޝާއިން އަބްދުﷲގެ ޕެއާއާ އެވެ. މި މެޗު ތިން ސެޓަށް ދިޔައިރު، ޗެމްޕިއަންކަން ހޯދީ ހައިލަމް އާއި މާއިޝްގެ ޕެއާ އިންނެވެ. މެޗުގެ ސެޓުތައް ދިޔައީ 24-26، 21-08 އަދި 15-11 އިންނެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން އައި މެދުކެނޑުމަށް ފަހު ވޮލީބޯލް އެސޯސިއޭޝަން އިން މި ގޮތަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ މުބާރާތެވެ. މުބާރާތުގެ މެޗުތައް ފުރަތަމަ މާލޭ ބީޗްވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ ނަމަވެސް ސެމީ ފައިނަލާ ހަމައިން މެޗުތައް ކުޅުނީ ހުޅުމާލެ ރެޑްބުލް ޕާކްގައި ހުންނަ ބީޗްވޮލީބޯޅަ ކޯޓުގަ އެވެ.