ހުސްވެފައިވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗުގެ މަގާމަށް އިސްމާއިލް މަހްފޫޒް (އިންމަ) ހަމަޖައްސައިފި އެވެ.
ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އިންމަ ސަސްއާ އެކު މިއަދު ސޮއިކުރީ ކުރިއަށް އޮތް ސީޒަނަށެވެ.
ފުރަތަމަ ޑިވިޝަނުގައި ދެ ވަނަ ސީޒަނެއްގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ސަސް އަށް މިދިޔަ ސީޒަނުގައި ދެ ކޯޗުން އިރުޝާދުދިނެވެ. އެއީ ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި ދެ ކޯޗުން ކަމަށްވާ އަހުމަދު ނާޝިދު (ނާދު) އާއި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.
މިދިޔަ ސީޒަން ފަށައިގެން ހަ މެޗަށް ފަހު ސަސްގެ ކޯޗުކަމުން ނާދު ވަކިވިއިރު، ދެން ބާކީ ބައިގައި އެ ޓީމަށް ކޯޗުކޮށްދޭން ޕްރޯ ލައިސަންސް ކޯޗު މޯހަން ހަވާލުވީ ތިން އަހަރަށް ކޮންޓްރެކްޓް ހަދައިގެންނެވެ. އެކަމަކު، ދާދި ފަހުން ސަސް އިން ވަނީ މޯހަންއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލައިފަ އެވެ. އޭގެ ފަހުން މޯހަން ވަނީ ކުރިއަށް އޮތް ސީޒަނަށް ލީގު ޗެމްޕިއަން މާޒިޔާއާ ހަވާލުވެފަ އެވެ.
މިހާރު ދިވެހި ފުޓްބޯޅައިގައި ވަރުގަދަ ބާރު މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރަން ފެށިއިރު އެ ޓީމާ ހަވާލުވެ ހުރީ އިންމަ އެވެ. މެނޭޖްމަންޓްގެ ޕްލޭނާ އެއްގޮތަށް އަހަރުން އަހަރަށް މާޒިޔާ ޓީމު ވަރުގަދަކޮށް ޓީމު ފުރަތަމަ ޑިވިޝަނުގައި ފައިތިލަ ސާބިތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި އެ ކްލަބް ކުރިއަރައިގެން އައީ އިންމަގެ ބެލުމުގެ ދަށުންނެވެ.
އިންމަގެ ކޯޗުކަމުގައި މާޒިޔާ އިން ހޯދި ހަމައެކަނި ކާމިޔާބީ އަކީ 2012 ވަނަ އަހަރުގެ އެފްއޭ ކަޕް އެވެ.
ދަ ގްރާންޑޭގެ މެޗެއްގެ ތެރެއިން އިންމަ: ކުރިއަށް ސީޒަނުގައި ފެންނާނީ ސަސްގެ ބެންޗުން.-- ފޮޓޯ: އަދަދު ފައިލް ފޮޓޯ
އިންމަ މާޒިޔާ ދޫކޮށްލީ 2014 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅުގަ އެވެ. ފަހުން މަގާމުން އަމިއްލަ އަށް ވަކިވިއިރު، އިންމަ ދެން ފެނުނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭރު އެސިސްޓަންޓެއްގެ ގޮތުގައި ހުރިއިރު، ދެ ފަހަރެއްގެ މަތިން ހެޑް ކޯޗެއްގެ ޒިންމާ ވެސް އަދާކުރި އެވެ.
ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ދޫކޮށް 2017 ވަނަ އަހަރުގެ ސީޒަން ފަހުކޮޅުގައި ދެ ވަނަ ފަަހަރަށް މާޒިޔާއާ ހަވާލުވެ، 2018 ވަނަ އަހަރުގެ ސީޒަނުގައި އިންމަ ވަނީ އެ ޓީމަށް ކޯޗުކޮށްދީފަ އެވެ.
މާޒިޔާގެ ކޮންޓްރެކްޓް ފުރިހަމަކޮށް އެ ޓީމާ ވަކިވުމަށް ފަހު އިންމަ ވަނީ 2019 ވަނަ އަހަރު ދަ ގްރާންޑޭގެ ކޯޗުގެ މަގާމާ ހަވާލުވެފަ އެވެ. މިދިޔަ ދެ ސީޒަނުގައި އިންމަ ހުރީ ދަ ގްރާންޑޭގެ ކޯޗުގެ މަގާމުގަ އެވެ.
ދާދި ފަހުން އިންމަ ވަނީ ވަގުތީ ގޮތުން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެއީ މިދިޔަ މަހު މާލޭގައި ކުރިއަށްދިޔަ އުރީދޫ ސާފް ޗެމްޕިއަންޝިޕްގަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގަތަރުގައި ގައުމީ ޓީމުން ކޭމްޕްކުރިއިރު، އޭރުގެ ހެޑް ކޯޗު އަލީ ސުޒޭން ކޮވިޑަށް ޕޮޒިޓިވްވުމުން 10 ވަރަކަށް ދުވަހު ގަތަރުގައި ގައުމީ ޓީމުގެ ކޭމްޕް ލީޑުކުރީ އިންމަ އެވެ.
Comment