Advertisement

ފާޓީގެ ގޯލާއި ބާސެލޯނާގެ މޮޅު ހާއްސަކުރީ އަގުއޭރޯ އަށް

3 ނޮވެންބަރު 2021 - 12:10 0


ފާޓީގެ ގޯލާއި ބާސެލޯނާގެ މޮޅު ހާއްސަކުރީ އަގުއޭރޯ އަށް

3 ނޮވެންބަރު 2021 - 12:10 0

ކިއޭވް، ޔޫކްރެއިން (ނޮވެމްބަރު 3) - ޗެމްޕިއަންސް ލީގުގައި ރޭ ޔޫކްރެއިންގެ ޑިނަމޯ ކިއޭވް އަތުން 1-0 އިން ބާސެލޯނާ އިން ހޯދި މޮޅު އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ހާއްސަކުރާ ކަމަށް މެޗުގައި ބާސެލޯނާގެ ގޯލު ޖަހައިދިން ޒުވާން ތަރި އަންސޫ ފާޓީ ބުނެފި އެވެ.

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު އަގުއޭރޯގެ ސިއްހީ ހާލަތު އެންމެ ރަނގަޅުކަމަށް ނުފެންނާތީ އިތުރު ފަރުވާ އަށް ވަނީ ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފަ އެވެ.

އަގުއޭރޯ ހިތުގެ މައްސަލަތަކެއް ފާހަގަކުރެވި އޭނާގެ ޓެސްޓްތަކެއް ކުރިއަށް އޮތް ތިން މަސް ދުވަހު ކުރިއަށް ގެންދާނެ އެވެ.

ރޭ ކިއޭވްގައި ކުޅުނު މެޗުގައި ޑިނަމޯ ކޮޅަށް ބާސެލޯނާ އިން ގޯލު ޖެހީ މެޗުގެ 70 ވަނަ މިނިޓްގަ އެވެ. ފާޓީ ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މަތީ ދާގަނޑަށެވެ. ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު، ފާޓީ ވަނީ އަގުއޭރޯގެ "ގޯލު ސެލެބްރޭޝަނެއް" ކޮޕީކޮށްފަ އެވެ.

މެޗަށް ފަހު މޮވިސްޓާ އަށް ދިިން އިންޓަވިއުއެއްގައި ފާޓީ ބުނީ މިއީ މުޅި ޓީމު އަގުއޭރޯއާ އެކުގައި ވާން ޖެހޭ ވަގުތު ކަމުގައި ދެކޭ ކަމަށެވެ.

"ގޯލު ހާއްސަކުރަނީ ކުން (އަގުއޭރޯ) އަށް. މި މޮޅު ވެސް ހާއްސަކުރަނީ އޭނަ އަށް. މިއީ އަހަރެންނާއި މުޅި ޓީމުން ވެސް އަގުއޭރޯއާ އެކު ހުންނަން ޖެހޭ ވަގުތެއް،" ދާދި ފަހުން 19 ވަނަ އުފަން ދުވަސް ފާހަގަކުރި ފާޓީ ބުންޏެވެ.

ޑިނަމޯ އަތުން ލިބުނު މޮޅަކީ ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ކުރިއަށްދާން އާ ހިތްވަރެއް ލިބިގެންދިޔަ މެޗެކެވެ. މުބާރާތުގެ އަނެއް ބުރުގެ ޖާގައެއް ހޯދަން ބާސެލޯނާ އިން ޖެހޭނީ މި މަހު 23 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބެންފީކާ ބަލިިކުރާށެވެ. އެ އަށް ފަހު ގްރޫޕްގެ ފަހު މެޗުގައި ބާސެލޯނާ ކުޅެން ޖެހޭނީ ރަށުންބޭރުގައި ބަޔާން މިއުނިކާ އެވެ. ބަޔާން ވަނީ ބާކީ ދެ މެޗު އޮއްވައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ.