Advertisement

އިހުގެ ހަނދާނާއި ސަމާސާއިން އުފަންވި އިގްލޫ ޑިޒައިން ސްޕޭސް

16 ނޮވެންބަރު 2021 - 07:37 0

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

އަހުމަދު އިގްނާޒު (އިގޫ)


އިހުގެ ހަނދާނާއި ސަމާސާއިން އުފަންވި އިގްލޫ ޑިޒައިން ސްޕޭސް

16 ނޮވެންބަރު 2021 - 07:37 0

އެތައް ކަމެއްގެ ފަރުވާއެއް ކަމަށް ދިވެހިން ދެކުނު ކޯރާޑި ތެޔޮ ފުޅީގެ އާ ބްރޭންޑިންއެކެވެ. ރުއްސަން މާމަ އާއި ކާފަ ގެނެސްދިން މީރު ކިރު މެޓަ އާއި އެއިޓް މެޓަ އެވެ. ހަނދާނާ ގުޅިފައިވާ ބޫމާ އެވެ. މިއީ އަހުމަދު އިގްނާޒު (އިގޫ) އޭނާގެ އިންސްޓަގްރާމް ޕޭޖް، "އިގްލޫ ޑިޒައިން ސްޕޭސް"ގައި ޒަމާނީ ކުލަތަކާ އެކު އާކޮށްދޭ ހަނދާންތަކެވެ.

މި ޑިޒައިންތަކުން ދައްކުވައިދޭ ހިތްގައިމު ކަމާ އެއްވަރަށް އިގޫގެ ހަޔާތުގެ ވާހަކަތައް ހިތްގައިމެވެ. ހަޔާތުގައި ނާއުއްމީދުވެ، ދެ އަތް އުރާލައިގެން ހުރުމަކީ ހައްލެއް ނޫންކަމަށް ވިސްނަން ބޭނުންވާ މީހުންނަށް އިގޫގެ ހަޔާތުގެ ފަސާނާ ފުދެ އެވެ. ނ. ހޮޅުދުށް އުފަން އުމުރުން 27 އަހަރުގެ މި ޒުވާނާ، ސްކޫލް ދުވަސްވަރުން ފެށިގެންވެސް ރިއަލިސްޓިކް ޕޯޓްރެއިޓްސްތަކަށް ގަޔާވި އެވެ. ފަންސުރުން ކުރަހަން ފެށި އިގޫ، ޑިޖިޓަލް އާޓްގެ ދާއިރާއަށް ލޯ ހުއްޓި އަމިއްލަ އަށް އެކަން ހޯދާބަލައި ތަޖުރިބާ ކުރުމުގެ ޝައުގުވެރިކަން އުފެދުނެވެ.  

އިގޫގެ ބައެއް މަސައްކަތް ތަކުގެ ތެރެއިން އެއާޕޮޑް


އޭ ލެވެލްއާ ހިސާބަށް ރަށު ސްކޫލް އިން ކިޔެވިއިރު, މިގޮތަށް ކުރެހުމުގެ މަސައްކަތް ފެށީ 2003ގައި އަލަށް ކޮމްޕިއުޓަރެއް ލިބި ކޮރަލް ޑްރޯއާ ކުޅެން ފެށި ހިސާބުންނެވެ. މިހާރު އެއްޗެއް ދަސްކޮށްލަން ޔޫޓިއުބްގެ ޓިއުޓޯރިއަލެއް ބަލާލުމުގެ ނަސީބު ލިބިފައި އޮތަސް، އޭރު ޔޫޓިއުބް ވުޖޫދު ނުވެ އެވެ. ކަމެއް ދަސްކުރަން ބޭނުން ވަނީ ޝައުގާއި ހިތްވަރުކަން އިގޫ ދައްކައިދިނެ އެވެ. ޔޫޓިއުބް ވެސް ނެތް ޒަމާނެއްގައި، އަދި ދަސްކުރަން އެއްވެސް ތަނަކަށް ނުގޮސް، ކޮރަލް ޑްރޯ ބޭނުންކުރަން ދަސްކުރީ އޭގެއާ ކުޅެ، އަޖުމަ ބަލައިގެންނެވެ.

"ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނެގި ކޮރަލް ޑްރޯގެ ބޭސިކް ދަސްކޮށް ބޭނުންކުރަން. ދެން ފެށީ ކުރިން ފަންސުރުން ކުރަހާފައި ހުންނަ އެކި އެއްޗހި ކޮމްޕިއުޓަރުން ކުރަހަން. އެ ހިސާބުން އަސްލު މިކަން ފެށުނީ. އޭރުއްސުރެ ހަމަ ހުރިހާ ކަމަކަށްވެސް އަދިވެސް ބޮޑަށް މި ބޭނުންކުރަނީ ހަމަ ކޮރަލް ޑްރޯ،" އިގޫ ކިޔައިދިނެވެ.  

މިވަގުތު އިގޫ ހުރީ ފައިނޭންސިންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހެދުމަށްޓަކައި ލަންކާގަ އެވެ. މީހުންނަށް އޭނާގެ މަސައްކަތްތައް ފެންނާނެ ހެން ޕޭޖެއް ހެދުމުގެ ހިޔާލު އައީ މިދިޔަ އަހަރުގެ އޮގަސްޓްގައި ލަންކާ ލޮކްޑައުން ކުރުމުން ވީ ފޫހިންނެވެ. އިގޫގެ ޕޭޖުގައި އޭނާގެ އަމިއްލަ ބައެއް ކުރެހުންތަކާއި, މިހާތަނަށް ތައްޔާރުކޮށްފައިވާ އެކި ލޯގޯތަކާއި, އެހެން މީހުންގެ މަސައްކަތުން އިންސްޕަޔާވެ ތައްޔާރުކޮށްފައިވާ ބައެއް ފަރުމާތަކާއި އެހާރާ މިހާރު ގެ އެކި ޑިޒައިންތައް އެއްކޮށް ދައްކުވައިދީފައި އެވެ. 

އިގޫގެ ބައެއް މަސައްކަތްތަކުގެ ތެރެއިން ކޯރާޑި ތެޔޮ


މިގޮތުން އިގޫގެ ބައެއް ކުރެހުންތަކުން ނުވަދިހައިގެ އަހަރުތަކުގައާ އަދި ދެހާހުގެ ކުރީކޮޅުގައިވެސް އަހަރެމެންގެ ތެރެއަށް މަގުބޫލު އެހެންނަމަވެސް މިހާރު އާންމުކޮށް ލިބެން ނުހުންނަ އެތައް ތަކެއްޗެއްގެ ފޮނި ހަނދާންތަކެއް އާކޮށްދެ އެވެ. މީގެ ތެރޭގައި އެންމެ ކުރިން އަހަރެމެން ޖަހައި އުޅުނު ރަތް ފުށްދަޅާއި, ކުޑައިރު ސްކޫލަށް ގެންދިޔަ ފުހޭ ރަބަރުން ފެށިގެން ހިތާނީ ތަކުގައި އެންމެ މަޝްހޫރު ބްރިކް ގޭމް ކުޅޭ ގޭމް ބޯއީ އާއި، އައިސް ޕޮޕްސްގެ އިތުރުން ސުޕާ ބަބުލްގަމް "ބޫމާ" ހިމެނެ އެވެ.

މިއިން ކޮންމެ ކުރެހުމަކީވެސް ޅަދުވަސްވަރާ ގުޅިފައިވާ ހަނދާންތަކަކަށް ވުމުން މި ފޮޓޯތަކަށް ރިއެކްޓްކޮށް ކޮމެންޓްކޮށް ޝެއާކުރާ މީހުން މަދެއް ނޫނެވެ. އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެކައްޗަކީ އަހަރެމެންގެ ތެރޭގައި އެތައް ޒަމާންތަކެއް ވަންދެން ބޭނުންކުރެވެމުން އަންނަ ބައެއް އާންމު ތަކެތި ޒަމާނީ ކުލަތަކާއި އެކީ އިގޫ ގެނެސްދީފައި ހުންނަ ގޮތެވެ. މިގޮތުން އެންމެ ފޯރިގަދަވި އެކައްޗަކީ މަޝްހޫރު ޕޮޕް އާޓިސްޓް ކާންޔޭ ވެސްޓްގެ ކުރެހުމަކާއި އެކު އިގޫ ރީޑިޒައިންކޮށްފައިވާ ޔޭޔޭ ކޮފީ ޕެކެޓެވެ.

އިގޫގެ ބައެއް މަސައްކަތްތަކުގެ ތެރެއިން


ހަމައެޔާއެކު ފެލިވަރު މަސްދަޅެއް ތެރެއިން ފެންނަ ސޫޝީ ރޯލްސް ފާހަގަކޮށްލެވެ އެވެ. ކޮފީ އެއް ބޯލުމަށް ދިޔަ ކޮފީ ޝޮޕްއަކުން ފެނުނު ޕާން ފެނިގެން އުފެދުނު ހިޔާލުން، އިގޫ ޑިޒައިންކޮށްލީއެޕަލް އެއާޕޮޑެކެވެ. ސްޕްރިންގްލްސް ޗިޕްސް ދަޅުގައި ތެލުލި ބަނބުކެޔޮ ހުންނަ ފޮޓޯއާއި, ފޯސްޓާ ކްލާކް ފުޅީގައި އޮލިވްއޮއިލްއިން ތައްޔާރުކުރާ ތެލުލި ރިހާކުރުގެ ފޮޓޯއާއި, ޑޮރީޓޯސް ޕެކެޓުން ބަޖިޔާ ލިބެން ހުރި ފޮޓޯތަކަކީވެސް އެކި އުމުރުގެ މީހުން ހެއްވާލި އަދި ވައިރަލްވި ފޮޓޯތަކެވެ.

މަސައްކަތް ކުރާ ވަރަކުން ހިޔާލު ތަނަވަސްވެ މޮޅެތި އެކި ކޮންސެޕްޓްތަކުން ސިކުނޑި ފުރާލާއިރު އެ ހުރިހާ އެއްޗެއް ވެސް ފުރަތަމަ އިގޫ ނޯޓްކުރެ އެވެ. އެއަށްފަހު އެންމެ ގުޅޭ ދެ އެއްޗެއް އެއްކޮށްލާ ޑިޒައިން ކުރުމުގެ މަސައްކަތް ފެށެނީ އެއަށްފަހު އެވެ.  

އިގޫގެ ބައެއް މަސައްކަތްތަކުގެ ތެރެއިން އެއިޓް މެޓާ


ކުރެހުމާއި މި ފަންނުގައި އާއިލާގެ އެއްބާރުލުމާއި ސަޕޯޓް އަބަދުވެސް އިގޫ އަށް ލިބެ އެވެ. އޭނާގެ ކާފަ ހަދައި އުޅުނު ކެރަމް ބޯޑުތަކުގައި ކުރަހާ އުޅުމުގެ ތެރެއިން މި ފަންނުގައި ކުރިއަށްދާން ލިބުނު ހިތްވަރު އަބަދުވެސް ހަނދާން ހުންނަ ކަމަށް އިގޫ ބުންޏެވެ.   

"ކާފައަކީ އަސްލު ވަރަށް ކްރިއޭޓިވް މީހެއް. ވަރަށް މޮޅަށް ވަޑާންކުރި މާވަޑިއެއް. ކާފަގެ ކޮޓަރިއަށް ވަން ކޮންމެ އިރަކުވެސް ކޮންމެވެސް ތަފާތު އުފެއްދުމެއް ދައްކާލާނެ. ކެރަމް ބޯޑާއި, އެނބުރޭ އުނދޯއްޔާއި, އެކި ފަރުމާތަކަށް ހަދާފައިވާ ގޮނޑި މޭޒުވެސް،" 2019 ވަނަ އަހަރު ނިޔާވި ކާފަގެ ހަނދާންތައް ހިއްސާކުރި އެވެ.

ސެމްސަންގެ ގެ އޮފިޝަލް ވިތު ގެލެކްސީ ފޮޓޯގްރަފީ ގައިޑް "ނެއިލް ދަ ނެގެޓިވްސް" ގައި ހިމެނުނު އިގޫގެ ފޮޓޯއެއް


ޝައުގުވެރިކަމާއެކު ފެށި ޑިޒައިންކުރުމުގެ މަސައްކަތުން މިއަދު އިގޫ އަށް އާމްދަނީ ވެސް ލިބެ އެވެ. ޑިޒައިންކުރުމުގެ އިތުރުން މިއީ މޮޅު ފޮޓޯގްރާފަރެކެވެ. މިހާތަނަށް އޭނާ ނަގާފައިވާ ހަތަރު ފޮޓޯއެއް ސެމްސަންގްގެ ރަސްމީ އެކި ޕޭޖުތަކާއި ގައިޑްތަކުގައި ހިމެނިފައި އެވެ. އިގޫގެ މުޅި ހަޔާތަކީ ވެސް ޒުވާނުންނަށް މިއަދު ނަމޫނާއެކެވެ. ކުރިއަށް ދިއުމަށް ބޭނުންވާ މީހުންނަށް ރަނގަޅު ފިލާވަޅެކެވެ.