2 ނޮވެންބަރު 2021 - 11:30 0
ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ
2 ނޮވެންބަރު 2021 - 11:30 0
ބެރްގާމޯ (2 ނޮވެމްބަރު) - ޔުއޭފާ ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެޓަލާންޓާ ނުކުންނައިރު، މެޗުގެ ކުރިން ޔުނައިޓަޑްގެ ކޯޗު އޮލޭ ގަނާ ސޮލްސަޔާ އަށް އެޓަލާންޓާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ތައުރީފްކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 5-0 އިން އަމިއްލަ ދަނޑުގައި ޔުނައިޓަޑް ބަލިވުމުން، ސޯލްޝެއާ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފަ އެވެ. އެ މެޗަށް ފަހު ކުރިމަތިވި ޕްރެޝަރު ކުޑަވެގެންދިޔައީ ލީގުގައި ހޮނިހިރު ދުވަހު ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 އިން ޔުނައިޓަޑް މޮޅުވުމުންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގަަސްޕެރީނީ ބުނީ ސޯލްޝެއާ އަކީ ޔުނައިޓަޑްގެ ކޯޗުކަމަށް ގާބިލް ކޯޗެއް ކަމަށާއި ޔުނައިޓަޑަށް އޭނައާއެކު ކާމިޔާބު ހޯދޭނެ ކަމަށެވެ.
"އަހަންނަށް އެއްޗެއް ބުނެވޭނީ އެ ޓީމު (ޔުނައިޓަޑް) ކުޅޭ ގޮތާއި ނެރިފައިވާ ނަތީޖާތަކަށް ބިނާކޮށް. މިދިޔަ ސީޒަންގެ ފަހުކޮޅު އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރުނު. ޕްރިމިއާ ލީގުގެ ދެވަނަ ހޯދައި، ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރުކުރި،" ގަސްޕެރީނީ ބުންޏެވެ.
"އަހަރެން ގަބޫލްކުރަނީ ސޯލްޝެއާއާ އެކު ޔުނައިޓަޑަށް ކާމިޔާބީތައް ހޯދޭނެ ކަމަށް."
ގުރޫޕް އެފްގައި މި ދެ ޓީމު ޔުނައިޓަޑްގެ ދަނޑުގައި ބައްދަލުކުރި މެޗުން ޔުނައިޓަޑް މޮޅުވީ 3-2 އިންނެވެ. ޔުނައިޓަޑުން ދެވަނަ ހާފުގައި ތިން ލަނޑު ޖެހީ ފުރަތަމަ ހާފުގައި އެޓަލާންޓާ އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ.
ގަސްޕެރީނީ ބުނީ މި ދެ ޓީމު ކުޅުނު ފުރަތަމަ މެޗާ އަޅާބަލާއިރު، މިރޭގެ މެޗު މުޅިން ތަފާތުވާނެ ކަމަށެވެ.
"ޔުނައިޓަޑް ކޮންމެ ގޮތަކަށް ނުކުތަސް، އަހަރަމެންގެ ޖެހޭނީ ވަރަށް ވަރުގަދަ ރޫހަކާ އެކު މެޗަށް ނުކުންނަން،" ގަސްޕެރީނީ ބުންޏެވެ.
ލިވަޕޫލް އަތުން 5-0 އިން ބަލިވި މެޗަށް ފަހު، ޓޮޓެންހަމްއާ ދެކޮޅަށް ޔުނައިޓަޑުން ކުޅުނީ ތިން ޑިފެންޑަރުން ލައިގެނެވެ.
މިރޭގެ މެޗުގެ ކުރިން ސޯލްޝެއާ ބުނީ ކޮންމެ ގޮތަކަށް ޓީމު ރޭވިޔަސް، ތަފާތަކަށް ވަނީ ކުޅުންތެރިން ރޭވުންތަކާ އެއްގޮތަށް ކުރާ މަސައްކަތް ކަމަށެވެ.
"އަހަންނަށް ގޭމްޕްލޭނެއް މި ވަގުތަކު ނުބުނެވޭނެ. އެކަމަކު ކޮންމެ ޕްލޭނަކަށް ކުޅުނަސް، މުހިންމީ ކުޅުންތެރިން ރޭވުންތަކާ އެއްގޮތަށް ރަނގަޅަށް މަސައްކަތް ކުރުން،" ސޯލްޝެއާ ބުންޏެެވެ.
ސޯލްޝެއާ ބުނީ މެޗުގެ ކުރިން ބައެއް ކުޅުންތެރިން ފިޓްނަސް ރަނގަޅުތޯ ބަލަންޖެހުނު ނަމަވެސް، މާ ސީރިއަސް އަނިޔާއެއް ޓީމުގެ ތެރޭގައި ނެތް ކަމަށެވެ.
އެޓަލަންޓާ ދަނޑުގައި މިރޭ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.
މަސްދަރު: ބީބީސީ
Comment