2 ނޮވެންބަރު 2021 - 07:59 0
2 ނޮވެންބަރު 2021 - 07:59 0
ބާސެލޯނާ (ނޮވެމްބަރު 2) - ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ސިއްހީ ހާލަތު އެންމެ ރަނގަޅުކަމަށް ނުފެންނާތީ އިތުރު ފަރުވާ އަށް ކުރިއަށް އޮތް ތިން މަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އުމުރުން 33 އަހަރުގެ އަގުއޭރޯ ފުރަތަމަ ފަހަރަށް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ހޮނިހިރު ދުވަހުގެރޭ އަލަވޭސްއާ ދެކޮޅަށެވެ.
އަލަވޭސް މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއަކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލްގައި އެޑްމިޓްކުރުމަށް ފަހު އަގުއޭރޯގެ ހިތުގެ ޓެސްޓްތަކެއް ހަދައި ބާސެލޯނާ އިން ވަނީ ރޭ އިތުރު ބަޔާނެއް ނެރެފަ އެވެ.
ބާސެލޯނާ އިން ބުނީ އަގުއޭރޯގެ ޓެސްޓްތަކުގެ ނަތީޖާއިން ދައްކާގޮތުގައި އޭނާގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަގުއޭރޯގެ ހާލަތު ޑޮކްޓަރުން ގާތުން ބަލަމުން ގެންދާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"އޭނަ (އަގުއޭރޯ)ގެ ފަރުވާ އާއި ރިކަވަރީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ކުރިއަށްދާއިރު އެ މުއްދަތުގައި އޭނާ އަށް އަރާމްކުރަން ފުރުސަތު ދޭންޖެހޭ. އެހެންވީމަ މެޗުތަކުން އޭނަ (އަގުއޭރޯ) ނުފެންނާނެ،" ބާސެލޯނާގެ އޮފިޝަލަކު ސްޕެއިނުގެ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފަ އެވެ. މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލަ އަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.
އެކަމަކު، ބާސެލޯނާގެ އޮފިޝަލް ބުނީ އަގުއޭރޯގެ މި ހާލަތާ ބެހޭ ސީދާ މައުލޫމާތެއް ދެވޭނީ ޑޮކްޓަރުން ކުރިއަށް އޮތް މަސްތަކުގައި ހަދާ އިތުރު ޓެސްޓްތަކަށް ފަހު ކަމަށެވެ.
މިދިޔަ މެއި މަހު ބާސެލޯނާ އަށް ބަދަލުވި އަގުއޭރޯ އަށް އެ ކްލަބާ ގުޅުމަށް ފަހު މެޗެއް ކުޅެން ވެސް ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. އެއީ ޕްރީ ސީޒަނުގައި ދިމާވި އަނިޔާއެއްގެ ސަަބަބުންނެވެ.
އަގުއޭރޯ ފުރަތަމަ ފަހަރަށް ބާސެލޯނާ ޖޯޒީގައި ކުޅުނު މެޗަކީ މިދިޔަ މަހު 17 ވަނަ ދުވަހު ވެލެންސިއާ އަތުން 3-1 އިން ބާސެލޯނާ މޮޅުވި މެޗުގަ އެވެ. އަގުއޭރޯ ބާސެލޯނާ އަށް ކާމިޔާބު ކޮށްދިން ހަމައެކަނި ގޯލު ޖެހީ ރެއާލް މެޑްރިޑް ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެ އެވެ.
Comment