1 ނޮވެންބަރު 2021 - 13:02 0
މުބާރާތުގައި އިއްޔެ ކުޅުނު މެޗެއްގެ ތެރެއިން ޝަހާ (ވ) އާއި މަރިޔަމްގެ ޕެއާ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
1 ނޮވެންބަރު 2021 - 13:02 0
މިހާރު ކުރިއަށްދާ ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގައި މިހާތަނަށް ކުޅެވުނު މެޗުތަކުގައި 10 ޕެއާއެއް ފެށުން ރަނގަޅުކޮށްފި އެވެ.
މި ފަހަރުގެ މުބާރާތުގައި އޯޕަން ޑިވިޝަނުގެ އަންހެން/ފިރިހެން ކެޓަގަރީއެއްގެ އިތުރުން ފިރިހެން 23 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކެޓަގަރީއެއް ކުރިއަށް ދެ އެވެ. އޯޕަން އަންހެން ޑިވިޝަނުގައި 10 ޕެއާ އެއް ވަނީ ދެ ގްރޫޕަކަށް ބަހާލައިފަ އެވެ. އަދި ފިރިހެން ޑިވިޝަނުގައި ވަނީ އަށް ޕެއާއެއް ދެ ގްރޫޕަކަށް ބަހާލައިފަ އެވެ.
ތޭވީސް އަހަރުން ދަށުގެ ފިރިހެން އަށް ޕެއާ އެއް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޝަން ކުރިއަށްދަނީ ހަތަރު ޕެއާއެއްގެ މެދުގަ އެވެ.
މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދާ ބީޗްވޮލީ ބޯޅަ މުބާރާތުގެ އޯޕަން އަންހެން ޑިވިޝަނުގެ ގްރޫޕް އެކެއްގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ އައިމިނަތު އަރީޝާ އާއި އައިޝަތު އިމްތިނާންގެ ޕެއާ ވަނީ އަނެއް ބުރަށް ހޮވިފަ އެވެ. ގްރޫޕް ދޭއްގައި އައިމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއާ ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. ގްރޫޕް ދޭއްގައި އޮތް ޖޫޒާން ޒަރީރާއި އައިޝަތު މާޖިދާގެ ޕެއާ ވަނީ އިއްޔެ ކުޅުނު މެޗުން ޒާހިދާ އަބްދުލް ލަތީފާއި އައިޝަތު އަބްދުއްރައްޒާގުގެ ޕެއާ އަތުން ބަލިވެފަ އެވެ.
ފިރިހެން އޯޕަން ޑިވިޝަނަށް ބަލާއިރު، ނުވަ ފަހަރަށް ބީޗް ވޮލީބޯޅަ ޗެމްޕިއަންކަން ހޯދާފައިވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަޝްފާގު އާދަމް (އައްކަޅޭ)ގެ ޕެއާ ވަނީ ފިރިހެނުންގެ ދެ ވަނަ ގްރޫޕްގައި މިހާތަނަށް އެ ޕެއާ އިން ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. މި ގްރޫޕްގައި އޮތް އަހުމަދު މުހައްމަދާއި މުހައްމަދު އަލީގެ ޕެއާ ވެސް އޮތީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ.
ފިރިހެން ޑިވިޝަނުގެ ފުރަތަމަ ގްރޫޕްގައި އާދަމް ނަސީމް (އެޑަމް) އާއި ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) ވަނީ ކުޅުނު ދެ މެޗުން މޮޅުވެފަ އެވެ. މިއީ މަންކޭ ކަކުލުގެ އޮޕަރޭޝަނަށް ފަހު ކުޅޭ ފުރަތަަމަ މުބާރާތެވެ. މި ގްރޫޕްގައި އޮތް އަދްނާން އަބްދުލް ހަމީދާއި އަލީ ޝިމާލްގެ ޕެއާ ވަނީ ކުޅުނު ހަމައެކަނި މެޗުން މޮޅުވެފަ އެވެ.
ތޭވީސް އަހަރުން ދަށުގެ ޑިވިޝަނުގައި ކުޅުނު މެޗުތަކުން މޮޅުވެ ޓީމުތަކުން ވަނީ އަނެއް ބުރަށް ދަތުރުކޮށްފަ އެވެ. އެ ގޮތުން ފުރަތަމަ ގްރޫޕުން މުހައްމަދު އަމާން އަސްލަމް އާއި ހަސަން ސަމީހުގެ ޕެއާ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައިވާއިރު، އެ ގްރޫޕްގެ ދެ ވަނަ ލިބުނީ އަހުމަދު މުޒުލިފާއި މާދިހު މުހައްމަދުގެ ޕެއާ އަށެވެ. އެއީ ކުުޅުނު ތިން މެޗުން ދެ މެޗު ކާމިޔާބު ކޮށްގެންނެވެ.
ދެ ވަނަ ގްރޫޕްގައި އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއާ ވަނީ ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ އާރިޒް މުހައްމަދާއި މުހައްމަދު މިމްރާހު ހަސަން (މިންމި)ގެ ޕެއާ އެެވެ. އެއީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެގެންނެވެ.
ނަވާރަ އަހަރުން ދަށުގެ ކެޓަގަރީން ދެ ޕެއާ އެއް ވަނީ ކުޅުނު މެޗުތަކުން މޮޅުވެފަ އެވެ. އެއީ މައުޒޫން ނިޔާޒާއި ޝާއިން އަބްދުﷲގެ ޕެއާ އާއި ހައިލަމް ހަސަން އާއި މާއިޝް އަހުމަދުގެ ޕެއާ އެވެ.
މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.
Comment