Advertisement

ތިން ވަނަ ކްއާޓާގައި އެމްޓީސީސީގެ އާމްދަނީ އިތުރުވެއްޖެ

1 ނޮވެންބަރު 2021 - 12:46 1

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

މިނިމުނު ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ކުންފުނީގެ ސާފު ފައިދާ ދިޔައީ ދަށަށް. -- ފޮޓޯ:ހުސައިން ޝަޔާހް/އަދަދު


ތިން ވަނަ ކްއާޓާގައި އެމްޓީސީސީގެ އާމްދަނީ އިތުރުވެއްޖެ

1 ނޮވެންބަރު 2021 - 12:46 1

ނިމުނު ކުއާޓާގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ލިބުނު އާމްދަނީ އިތުރު ވެއްޖެ އެވެ.

މި އަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީގެ އާމްދަނީ އިތުރުވި ނަމަވެސް ސާފު ފައިދާ ދަށަށް ގޮސްފައި ވަނީ ވިޔަފާރި ކުރުމުގެ ހަރަދު ބޮޑުވުމުންނެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ އެކުންފުނީގެ ތިން ވަނަ ކުއާޓާ ރިޕޯޓު ދައްކާގޮން 485 މިލިއަން ރުފިޔާގެ އާމްދަނީއެއް ކުންފުންޏަށް ވަނީ ލިބިފަ އެވެ. މިއީ ދެ ވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި ލިބުނު 423 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު 62 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދެ ވަނަ ކުއާޓާގައި ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 63 މިލިއަން ރުފިޔާ ލިބުނު އިރު، ތިން ވަނަ ކުއާޓާގައި ލިބުނު ސާފު ފައިދާގެ އަދަދު ވަނީ 56 މިލިއަން ރުފިޔާއަށް ދަށަށް ގޮސްފަ އެވެ.

ތިން ވަނަ ކުއާޓާގައި އެމްޓީސީސީގެ އޮޕަރޭޓިން ޕްރޮފިޓްވެސް ދެ ވަނަ ކުއާޓާއާ އަޅާބަލާ އިރު ދަށެވެ. ދެ ވަނަ ކުއާޓާގައި އޮޕަރޭޓިން ޕްރޮފިޓްގެ ގޮތުގައި 83 މިލިއަން ރުފިޔާ ލިބުނު އިރު، މި ނިމުނު ކުއާޓާގައި ލިބިފައި ވަނީ 71 މިލިއަން ރުފިޔާ އެވެ.

ކުންފުނީގެ އާނިން ޕާ ޝެއާވެސް ވަނީ 7.84 ރުފިޔާއިން 6.92 ރުފިޔާއަށް ދަށްވެފަ އެވެ.

އަހަރުގެ ތިން ވަނަ ކުއާޓާގައި އެމްޓީސީސީގެ ވިޔަފާރި ކުރުމުގެ ހަރަދު ވަނީ 410.8 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. ދެ ވަނަ ކުއާޓާގައި މިއަދަދު ހުރީ 333.6 މިލިއަން ރުފިޔާގަ އެވެ.

އެމްޓީސީސީން ވަނީ ތިން ވަނަ ކުއާޓާގައި އިތުރު 449 މުވައްޒަފުން ނަގާފަ އެވެ. ދެ ވަނަ ކުއާޓާ ނިމުނު އިރު އެކުންފުނީގައި މަސައްކަތްކުރަމުން ދިޔައީ 2،487 މުވައްޒަފުންނެވެ. ތިން ވަނަ ކުއާޓާ ނިމުނު އިރު މުވައްޒަފުންގެ އަދަދު ވަނީ 2،936ށް އިތުރުވެފަ އެވެ.

އެޑްމިނިސްޓްރޭޓިވް އެކްސްޕެންސްގެ ގޮތުގައި މިދިޔަ ކުއާޓާގައި 46.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ދެ ވަނަ ކުއާޓާގައި އެޑްމިނިސްޓްރޭޓިވް އެކްސްޕެންސްގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 39.2 މިލިއަން ރުފިޔާ އެވެ.

ތިން ވަނަ ކުއާޓާގައި އިތުރު 15 ޕްރޮޖެކްޓެއްގެ މަސައްކަތާ އެމްޓީސީސީން ހަވާލުވި އިރު، 10 ޕްރޮޖެކްޓެއްގެ މަސައްކަތް އެއްކޮށް ނިންމައި އިތުރު 10 ޕްރޮޖެކްޓުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މިދިޔަ ކުއާޓާގައި އެމްޓީސީސީން 96 ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު، ދެ ވަނަ ކުއާޓާގައި ކުރިއަށްގެންގޮސްފައި ވަނީ 86 ޕްރޮޖެކްޓެއްގެ މަސައްކަތެވެ.