Advertisement

އިންތިހާބާ ދިމާކޮށް އެމްޓީސީސީން ވަޒީފާތަކެއް އުފެއްދުމަށްފަހު އެޕްލައި ކުރަން ދިނީ އެންމެ 24 ގަޑިއިރު!

18 އޭޕްރީލް 2024 - 13:32 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އެމްޓީސީސީގެ ސީއީއޯ އަބްދުالله ޒިޔާދު އެ ކުންފުނީގެ މުވައްޒަފުންތަކަކާ އެކު. މީގެ ތެރޭގައި ގިނަ ވަޒީފާތަކަކީ އަތޮޅު ތެރޭ އެމްޓީސީސީ ސައިޓުތަކަށް ނަގާ ވަޒީފާތަކެއް --- ފޮޓޯ: އެމްޓީސީސީ


އިންތިހާބާ ދިމާކޮށް އެމްޓީސީސީން ވަޒީފާތަކެއް އުފެއްދުމަށްފަހު އެޕްލައި ކުރަން ދިނީ އެންމެ 24 ގަޑިއިރު!

18 އޭޕްރީލް 2024 - 13:32 1

ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވަޒީފާއަށް އެދި ހުށަހެޅުމަށް އެންމެ 24 ގަޑިއިރު ދިނުމަށް ފަހު ގިނަ އަދަދެއްގެ ވަޒީފާއަށް މީހުން ނެގުމަށް އިއުލާނުކޮށްފި އެވެ.

އެމްޓީސީސީން އެޕްރީލް މަހުގެ ތެރޭގައި ގިނަ ވަޒީފާތަކަކަށް އިއުލާނުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަތޮޅު ތެރޭ ރަށްތަކުގައި އެ ކުންފުނިން ދޭ ހިދުމަތްތަކާއި ޕްރޮޖެކްޓުތަކަށް ބޭނުންވާ ވަޒީފާތަކެވެ.

މި މަހުގެ 12 އިން ފެށިގެން މިއަދާ ހަމައަށް އެކި ދުވަސް މަތިން އިއުލާނުކޮށްފައިވާ ވަޒީފާތަކަށް ކުރިމަތިލުމަށް ދީފައި ވަނީ އެންމެ 24 ގަޑިއިރެވެ.

އެޕްރީލް 17, ގެ 19:06 އެމްޓީސީސީން ވަނީ 30 ވަޒީފާއަކަށް އިއުލާނުކޮށްފަ އެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ އިއުލާނުގައިވާ ގޮތުން އެޕްރީލް 18, ގެ 23:59 ގަ އެވެ.

ބަސް ޑްރައިވަރުން ހޯދުމަށާއި, ފެރީ ކެޕްޓަނުންނާއި, އެޑްމިނިސްޓްރޭޓިވް އޮފިސަރުންނާއި, ސައިޓް ސުޕަވައިޒަރުން އަދި އެހެނިހެން މަސައްކަތްތަކަށް ވެސް ކުރިތިލާން ދީފައި ވަނީ އެއް ދުވަހެވެ. ބައެއް ހާލަތްތަކުގައި ފުރިހަމަ 24 ގަޑިއިރު ވެސް ކުރިމަތިލާން ދީފައި ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެންމެ ދެ ދުވަހަށް ވެފައިވާއިރު ގިނަ ވަޒީފާތަކަކަށް އެމްޓީސީސީގެ އިތުރުން ސަރުކާރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކުން ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކުން ވެސް ވަނީ އިންތިހާބަށް އަމާޒުކޮށް ސަރުކާރުން ވަޒީފާ ބަހަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.