Advertisement

ހާލަތު އިތުރަށް ދެނެގަންނަން އަގުއޭރޯގެ ހިތުގެ ޓެސްޓްތަކެއް ހަދަނީ

1 ނޮވެންބަރު 2021 - 08:50 0


ހާލަތު އިތުރަށް ދެނެގަންނަން އަގުއޭރޯގެ ހިތުގެ ޓެސްޓްތަކެއް ހަދަނީ

1 ނޮވެންބަރު 2021 - 08:50 0

ބާސެލޯނާ (ނޮވެމްބަރު 1) - ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ނޭވާލާން އުނދަގޫވެގެން ބަދަލުކުރަން ޖެހުނު ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯގެ ހިތުގެ އިތުރު ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސެލޯނާ އަށް ބަދަލުވި އުމުރުން 33 އަހަރުގެ އަގުއޭރޯ ފުރަތަމަ ފަހަރަށް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ އަލަވޭސް މެޗެވެ. އަގުއޭރޯ ބާސެލޯނާ އަށް ޖަހައިދިން ފުރަތަމަ ގޯލު ކާމިޔާބުކުރީ ރެއާލް މެޑްރިޑް ކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ އެވެ.

އަލަވޭސް މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ. އެ މެޗަށް ފަހު ބާސެލޯނާ އިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކާޑިއަކް ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި އަގުއޭރޯގެ ފުރަތަމަ ޓެސްޓްތަކުން އޭނާގެ ހިތުގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ފާހަގަކުރެވި، މިހާރު ނިންމާފައިވަނީ ހާލަތު އެންމެ ފުރިހަމަަ އަށް ދެނެގަންނަން ހިތުގެ ޓެސްޓްތަކެއް ހެދުމަށެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަގުއޭރޯގެ އުމުރުން 12 އަހަރުގައި ވެސް ވަނީ ހިތުގެ މައްސަލައެއް ދިމާވެގެން ފަރުވާދީފަ އެވެ. މި ފަހަރު ވެސް އަގުއޭރޯ އަށް ނޭވާލާން އުނދަގޫވީ ކުރިން ވެސް ފާހަގަކުރެވިފައިވާ މައްސަލަ އަކުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އަލަވޭސްއާ 1-1 އިން އެއްވަރުވި މެޗުގައި ބާސެލޯނާގެ ހެޑް ކޯޗެއްގެ ޒިންމާ ނެގި ސާޖީ ބަރްހުއާން ސްޕެއިންގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ޓެސްޓްތައް ނިމުމުން އަގުއޭރޯއާ ބެހޭ ފުރިހަމަ މައުލޫމާތު ކްލަބުން ރަސްމީކޮށް ހާމަކުރާނެ ކަމަށެވެ.