30 އޮކްޓޯބަރު 2021 - 04:10 0
ފަހު ވަގުތު ލަނޑު ޖެހުމަށް ފަހު ޑި މާރިއާ (ކ) އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
30 އޮކްޓޯބަރު 2021 - 04:10 0
ޕެރިސް (އޮކްޓޫބަރު 30) - ފްރެންޗް ލީގުގައި މިރޭ ފަހު ވަގުތު ދެ ގޯލު ޖަހައި ޕީއެސްޖީން އެންމެ ފަހުގެ ޗެމްޕިއަން ލިލް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.
މި މޮޅާ އެކު ޕީއެސްޖީ އެއް ވަނައިގައި އޮތީ 12 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލެންސަށް ވަނީ 11 މެޗުން 21 ޕޮއިންޓް ލިބިފަ އެވެ. ލިލް އޮތީ 12 މެޗުން 15 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ.
މިދިޔަ ސީޒަނުގައި ލީގު ޗެމްޕިއަންކަން ހޯދި ލިލް އިން މި ސީޒަން ފެއްޓުމުގެ ގޮތުން ކުޅުނު ފްރެެންޗް ސުޕަ ކަޕްގައި ވަނީ ޕީއެސްޖީ ބަލިކޮށްފަ އެވެ.
ލިލް އިން މިރޭގެ މެޗު ފަށައިގެން ޕީއެސްޖީ އަށް ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުން ދިޔައިރު، ލީޑުނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 31 ވަނަ މިނިޓްގައި ލިލްގެ ތުރުކީ ފޯވާޑް ބުރަކް ޔިލްމާޒް ތަނަވަސްކޮށްދިން ފުރުސަތަކުން ލިލްގެ ގޯލު ޖެހީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް ޖޮނަތަން ޑޭވިޑް އެވެ. ކެނަޑާ ގައުމީ ޓީމަށް ވެސް ކުޅޭ ޑޭވިޑް އެ ބޯޅަ ގޯލަށް ފޮނުވާލީ ޕީއެސްޖީ ކީޕަރު އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ އަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.
މިރޭގެ މެޗުގެ ތެރެއިން މެސީ ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީން މިރޭގެ މެޗަށް ނުކުތީ ކަންފަތް އިންފެކްޓްވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ކީލިއަން އެމްބާޕޭ ނުލަ އެވެ.
މިރޭގެ މެޗުގެ ދެ ވަނަ ހާފަށް ނުކުމެ ޕީއެސްޖީން ވަނީ ލިއޮނަލް މެސީގެ ބަދަލުގައި މައުރޯ އިކާޑީ ކުޅެން އަރުވައިފަ އެވެ. މިއީ ލޯބިވެރިޔާ އާއި މައްސަލަ ޖެހުނު ފަހުން ޓީމާ ދުރުގައި ހުރުމަށް ފަހު އަލުން ޓީމާ ގުޅި އިކާޑީ ކުޅުނު ފުރަތަމަ މެޗެވެ. އަނެއް ކޮޅުން މެސީ މިހާތަނަށް ފްރެންޗް ލީގުގެ ފަސް މެޗުގައި ކުޅުނުއިރު އަދި ގޯލެއް ނުޖެހެ އެވެ.
މި މެޗުން ޕީއެސްޖީ މޮޅުވުމުގެ އެންމެ ބޮޑު ކްރެެޑިޓެއް ހައްގުވަނީ އެންހެލް ޑި މާރިއާ އަށެވެ. މެޗުގެ 74 ވަނަ މިނިޓްގަައި ޕީއެސްޖީން އެއްވަރުކުރި ގޯލު ކެޕްޓަން މާކުއީނިއޯސް ޖެހީ ޑި މާރިއާ ދިން ބޯޅައަކުންނެވެ. އަދި މެޗު ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޕީއެސްޖީ މޮޅުކޮށްދިން ގޯލު ޖެހީ ޑި މާރިއާ އެވެ. މި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ނޭމާ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މި މޮޅަކީ ކުޅުންތެރިން ކޮންފިޑެންސް ނަގާނުލައި އެއް ފެންވަރަކަށް 90 މިނިޓްގައި ކުރި މަސައްކަތުން ހޯދި ހައްގު ކާމިޔާބެއް ކަމަށެވެ. އަދި ލިލް ކަހަލަ ވަރުގަދަ ޓީމެއް ކައިރިން ފަހަތުން އަރައި މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.
Comment