Advertisement

ފިޗްގެ ރޭޓިންގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުމާއި އުއްމީދު

29 އޮކްޓޯބަރު 2021 - 10:26 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރާއްޖޭގެ ފިޗް ރޭޓިން މައްޗަށް ޖެހިލާފައިވާ އިރު، ފިޗުން މިގޮތަށް ނިންމާފައި ވަނީ ރާއްޖޭގެ އިގުތިސާދު އާރާސްތުވެ ކުރިއަރަން ފަށާފައިވާތީ. -- ފޮޓޯ:ހުސައިން ވަހީދު/އަދަދު


ފިޗްގެ ރޭޓިންގައި ރާއްޖޭގެ އިގްތިސާދަށް ކުރިއެރުމާއި އުއްމީދު

29 އޮކްޓޯބަރު 2021 - 10:26 0

ފިޗް ރޭޓިންގްސް ގައި ދިވެހިރާއްޖޭގެ ރޭޓިން "ސީސީސީ" އިން "ބީ" އަށް ކުރިއަށް ޖެހިއްޖެ އެވެ.

ފިޗުން ރާއްޖޭގެ ލޯންގް-ޓާމް ފޮރިންކަރަންސީ އިޝުއާ ޑިފޯލްޓު ރޭޓިން (އައިޑީއާރް) ކުރިއަށް ޖައްސާފައި ވަނީ ރާއްޖޭގެ އިގުތިސާދު އާރާސްތުވަމުން އަންނަމުންދާތީ އެވެ. ފިޗުން ވަނީ ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު "ސްޓޭބަލް" ވަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ ފިޗް އަކީ ދުނިޔޭގެ އެންމެ ބޮޑު އަދި އެންމެ އިތުބާރު ހިފޭ އެއް ކްރެޑިޓް ރޭޑިން އޭޖެންސީ އެވެ.

ރާއްޖޭގެ އައިޑީއާރް ރޭޓިން ކުރިއަށް ޖެހުމުގައި ކުރިން ލަފާކުރެވުނު ވަރަށް ވުރެ އަވަހަށް އަދި ބޮޑަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައިގެން ދިއުން ބޮޑު ރޯލެއް އަދާކޮށްފައިވާކަމަށް ފިޗުން ބުނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރެވެމުންދާ މިންގަނޑު ރަނގަޅުވެ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދެއްކޭނެ ކަމަށް ބެލެވޭ ރޭޓު ރަނގަޅުވާނެކަން ވެސް ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތަަށް އައި ލޮޅުމުން އަރައިގަނެވި ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރުން 70 އިންސައްތައާ ގާތްކުރާ އަދަދަށް މިހާރު ސިނާއަތް އާރާސްތުވެފައި ވާކަމަށް ވެސް ފިޗުން ފާހަގަކުރެ އެވެ.

އަންނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދި ބަލިމަޑުކަމުގެ ކުރިން ހުރި މިންވަރުން 80 އިންސައްތަ ރިކަވާ ވާނެ ކަމަށް ފިޗުން ލަފާކުރާ އިރު 2023 ވަނަ އަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 100 އިންސައްތަ ރިކަވާ ވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ރާއްޖޭގެ ބޭރުގެ ދަރަނީގެ ވަރަށް ބޮޑު ބައެއް 2026 އަށް ހަމަވާ ސްކޫކުގެ މައްސަލަ ހަމަޔަކަށް އެޅުމުން ހަމަޖެހިފައިވާ ކަމަށް ފިޗުން ބުނެ އެވެ. ނަމަވެސް އަދިވެސް ރީފައިނޭންސިން ރިސްކު މަތިކަމަށް ފާހަގަކުރެ އެވެ.

ފައިނޭންސިން ހޯދުމުގައި ރާއްޖެއިން މަލްޓިލެޓެރަލް އަދި ބައިލެޓެރަލް ފަރާތްތަކުގެ އެހީ ބޭނުންވާނެ ކަމަށް ފިޗުން ބުނެ އެވެ.

ފިޗުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތް މިއަހަރު 29.4 އިންސައްތަ އިތުރުވާނެ އެވެ. އަދި އަން އަހަރު ޖީޑީޕީ 10 އިންސައްތަ ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.