26 އޮކްޓޯބަރު 2021 - 10:10 0
ސްރީ ލަންކާގެ ޗެސް ޗެމްޕިއަން ސަޗިނީ އިންޓަވިއު ދެނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
26 އޮކްޓޯބަރު 2021 - 10:10 0
ސިކުނޑި ތަނަވަސްކޮށް ބެހެއްޓުމަށްޓަކައި އެކި މީހުން ކުރަނީ އެކި ކަންކަމެވެ. ހިތްހަމަޖެހިލައިގެން ހުންނަން ކުރާހިތްވާ މަސައްކަތެއް ކުރާ މީހުން ނޫނީ ކުޅިވަރު ކުޅޭ މީހުން ވެސް އުޅެ އެވެ. މީގެ ތެރެއިން ސިކުނޑި އަށް އެންމެ ބޭނުންތެރި ކުޅިވަރެއް ނަގާނަމަ ދުނިޔޭގެ ގިނަ ބަޔަކު އިއްތިފާގުވާ ކުޅިވަރަކީ ރާޒުވާ (ޗެސް) އެވެ. މިއީ މުޅި ދުނިޔޭގައި އެކި ދާއިރާތަކުގައި އެކި ގިންތިތަކުގައި ވެސް ވިސްނުން ތޫނު މީހުންގެ ކުޅިވަރެއްގެ ގޮތުގައި އޮތީ މަޝްހޫރުވެފަ އެވެ.
ދުނިޔޭގެ ޗެމްޕިއަން، ސްރީލަންކާގެ "ޗެސް ކުއީން"، ސަޗިނީ ރަނަސިންހޭ ގަބޫލުކުރާ ގޮތުގައި ރާޒުވާ އަކީ ވަކި އުމުރަކަށް އޮތް ކަމެއް ނޫނެވެ. މިއީ މުޅި ދިރިއުޅުމުގައި ވެސް މުހިއްމު ބޭނުންތަކެއް ހިފިދާނެ ފައިދާހުރި ކުޅިވަރެކެވެ.
ސަޗިނީ ރާއްޖެ އައީ އިންޓަ އޮފީސް ޗެސް މުބާރާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޓީމަށް ކުޅުމަށެވެ. އެމްޕީއެލް އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އިންޓަ އޮފީސް ރާޒުވާ މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ، ފުރިހަމަ ރެކޯޑަކާ އެކު އެވެ. އެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާއެއް އޮތީ 2011 ވަނަ އަހަރު ވިމެން އިންޓަނޭޝަނަލް މާސްޓާ ޓައިޓަލް ހާސިލްކުރި ސަޗިނީ އެވެ.
ސަޗިނީ އިންޓަވިއު ދެނީ: އޭނާ ވަނީ ޗެސްގެ ބޭނުންތައް ރަނގަޅަށް ކިޔައިދީފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ސަޗިނީ "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ރާޒުވާ ކުޅެން ފެށީ އުމުރުން ހަތަރު އަހަރުގައި ކަމަށެވެ. އަދި އޭނާ އެންމެ ފުރަތަމަ ވެސް ބެލީ ވާދަވެރި މާހައުލެއްގައި އޭނާގެ ގޭމް މަތިކުރަން ކަމަށް ބުންޏެވެ.
ސަޗިނީ ރާޒުވާ ކުޅޭތާ މިހާރު 23 ވަރަކަށް އަހަރުވެފައިވާއިރު، ތަޖުރިބާގެ އަލީގައި އެއްޗެއް ބުނާ ކަމަށް ވާނަމަ ރާޒުވާ އަކީ ވަކި އުމުރަކަށް ވަކި ޖިންސަކަށް ހާއްސަވެފައި އޮންނަން ޖެހޭ ކަމެއް ނޫން ކަމަށް ސަޗިނީ ފާހަގަކޮށްފައިވެ އެވެ.
"އަހަރެންގެ އުމުރުން ހައެއް ނޫނީ ހަތް އަހަރުގައި ވާދަކުރިން 10 ނޫނީ 14 އަހަރާ ދެމެދުގެ ކުދިންނާ. ދެން އަހަންނަށް 10 އަހަރުވިއިރު އަހަރެން ވާދަކުރިން އެ އަށް ވުރެ ބޮޑު މީހުންނާ. ޗެސް އަކީ އެހެން ކުޅިވަރުތައް ގޮތަށް އުމުރުފުރާ އަކަށް އޮންނަ ކަމެއް ނޫން. މީގެ ހުނަރު ހުރިއްޔާ ކޮންމެ ލެވަލެއްގައި ވެސް ވާދަކުރަންވީ،" އުމުރުން 13 އަހަރުގައި އެންމެ ފުރަތަމަ ލަންކާގެ އަންހެން ޗެމްޕިއަންކަން ހޯދި ސަޗިނީ ބުންޏެވެ.
ސަޗިނީ ވަނީ ޖުމްލަ އެއްކޮށް ހަަތަރު ފަހަރަށް ލަންކާގެ އަންހެން ޗެމްޕިއަންކަން ހޯދައިފަ އެވެ.
ދުނިޔޭގެ ލެވަލަށް ބަލާއިރު 12 އަހަރުގެ ކުދިން ޗެސްގެ ގްރޭންޑް މާސްޓާސްގެ ގޮތުގައި ތިބިކަން ފާހަގަކޮށް ސަޗިނީ ބުނީ ރާޒުވާ އަކީ ދިރިއުޅުމުގެ މުހިއްމު ބޭނުންތަކަށް އެކި ގޮތްގޮތުން ބޭނުން ހިފިދާނެ ކަމެއް ކަމަށެެވެ.
ރާޒުވާ އަކީ އަކީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ކަންތައްތަކުގައި ޝާމިލުވެ އުޅޭއިރު ކަންކަން ނިންމުމުގައި މުހިއްމު ބޭނުމެއް ހިފިދާނެ ކުޅިވަރެއް ކަމަށް ސަޗިނީ ބުންޏެވެ. އޭނާ ފާހަގަކުރާގޮތުގައި ރާޒުވާގެ ސަބަބުން ހަމަޖެހި، ފޯކަސް ކޮށްގެން ރަނގަޅު ވަގުތުގައި ދެން ކަންތައް ވާނެ ގޮތަކަށް ވިސްނައި އެ އަށް ފަހު ނިންމުންތައް ނިންމަން ދަސްވާ ކަމަށެވެ.
އަހަންނަށް ޗެސް އަކީ މެޑިޓޭޝަން އެއް (ސިކުނޑި އަށް ދެވޭ ރަނގަޅު ފަރުވާއެއް). އެއީ ވަރަށް ސިކުނޑި ތަނަވަސްވޭ ހަގީގަތުގައި ޗެސް (ރާޒުވާ) ކުޅޭއިރު، ސިކުނޑި ޑިވެލޮޕް ވާން ވެސް ފުރުސަތު ލިބޭ -- ސަޗިނީ
ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ސްކޫލްގައި ވެސް ޗެސް ކިޔަވައިދެ އެވެ. ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ސްކޫލްގައި ހާއްސަ ސަމާލުކަމެއް ދީގެން ކަންތައްތައް އުނގަނައިދިނުމުގެ ބޭނުމުގައި ޗެސް ކިޔަވައިދެ އެވެ. މީގެ ތެރޭގައި ލަންކާ އާއި ރާއްޖެ ވެސް ހިމެނެ އެވެ. ސަޗިނީ ދެކޭ ގޮތުގައި ރާޒުވާ އަކީ ކިޔެވުމުގައި ވެސް ބޭނުންކުރެވިދާނެ ރަނގަޅު ހަތިޔާރެކެވެ.
"އަހަރެމެންގެ ސިކުނޑި ކިހާ ވަރަކަށް މަސައްކަތް ކުރެވިދާނެތޯ. އެ އަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ކުރިއެރުމެއް ލިބޭ ޗެސް (ރާޒުވާ) ކުޅެގެން،" ސްރީ ލަންކާގެ ރަޝިއަން ސެންޓަރުން ޗެސް ކުޅުމުގެ ތަމްރީންތައް ޒުވާން އުމުރުގައި ހާސިލްކުރި ސަޗިނީ ބުންޏެވެ.
ހުޅުމާލޭ ޗެސް އާކޭޑްގައި އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން ސަޗިނީ ކުދިންނަށް ބުނެދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
ސަޗިނީ ވަނީ ރާޒުވާ ކުޅުމުގެ ފައިދާ ސްކޫލުގައި ނެގޭނެ ގޮތުގެ މިސާލެއް ކިޔައިދީފަ އެވެ.
"މިހާރު މިސާލަކަށް ބަލަމާ ޓެސްޓެއް ހަދަން އިށީނދެގެން މި އިންނަނީ ތިނެއް ނޫނީ ހަތަރު ގަޑިއިރު ވަންދެން އެއްތަނެއްގައި އިށީނދެގެން މި އިންނަނީ. ޗެސް އިން އެބަ ކިޔައިދޭ މި ގޮތަށް އެއްތަނެއްގައި އިށީދެނގެން އިންނަން ޖެހުނަސް ފޯކަސް ގެއްލުވާނުލައި މަސައްކަތް ކުރަން. މިއީ ސީދާ ސްކޫލުން ދަސްވާނެ ކަމެއް ނޫން. އެއީ އާންމުކޮށް ސްކޫލްތަކުގައި 45 ވަރަކަށް މިނިޓް ފަހުން އެއް ކްލާހެއް ނިމި ދެން މި ދެނީ ބްރޭކެއް،" ސަޗިނީ ބުންޏެވެ.
މީގެ ކުރިން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ސަޗިނީ އަށް ވަނީ ރާއްޖޭގެ ޗެސް ކުޅުންތެރިން ފެނިފަ އެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖޭގައި ތަފާތު ލެވަލްގެ ޗެސް ކުޅުންތެރިން އެބަތިބި އެވެ.
މި ފަހަރު އިންޓަ އޮފީސް މުބާރާތަށް އައިސް ހުރިއިރު، ސަޗިނީ އަށް ފެނުނު ރާއްޖޭގެ ރާޒުވާގެ "ބޮޑު މަންޒަރަކީ" ބައިނަލްއަގުވާމީ މުބާރާތެއްގެ ތަޖުރިބާއެއް ނެތި ވެސް ރާއްޖޭގައި މަތީ ފެންވަރުގެ ރާޒުވާ ކުޅުންތެރިން ތިބި ކަމެވެ.
ރާއްޖޭގެ ޗެސް އެސޯސިއޭޝަންގެ ދައުވަތަކަށް ހުޅުމާލޭ ޗެސް އާކޭޑްގައި އިއްޔެ ހަވީރު ސަޗިނީ ވަނީ ކުޑަކުދިންނަށް ސެޝަނެއް ނަގައިދީފަ އެވެ. ގިނަ ކުދިންތަކެއް ބައިވެރިވި މި ސެޝަންގައި ސަޗިނީ ވަނީ ޗެސްއާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ދީފަ އެވެ.
އުމުރުން 27 އަހަރުގެ ސަޗިނީ ބުނީ އޭނާ ގާތުގައި ރާއްޖޭގެ ޗެސް އެސޯސިއޭޝަނުން ސެޝަނެއް ނަގައިދޭން އެދުމުން ވަރަށް އުފާވި ކަމަށެވެ. އަދި އޭނާގެ ތަޖުރިބާތައް ހިއްސާކޮށްލަން ފުރުސަތު ލިބުމަކީ ކުރިއަށް އޮތްތަނުގައި މި ކުޅިވަރަށްޓަކައި ރަނގަޅު މެސެޖެއް ދޭން ލިބުނު ފުރުސަތެއްގެ ގޮތުގައި ދެކި ސަޗިނީ ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ.
ސަޗިނީ ދޭން ބޭނުންވާ މެސެޖަކީ އަންހެނުން ހުއްޓާނުލައި ޝައުގުވެރިކަމާ އެކު ޗެސް އިން ކުރިއަށްދާން ޖެހޭކަމެވެ.
"އަހަންނަށް ފެނޭ އަންހެން ކުދިން ވަކި ހިސާބަކަށް ދިޔައީމަ (ޗެސް ކުޅުން) ހުއްޓާލާތަން. ހާއްސަކޮށް އޭ ލެވަލް އަށް ފަހު ނޫނީ 18 އަހަރުވީމަ ސްކޫލް ނިމުނީމަ. އެހެން ދޫކޮށްލުމުގެ ބަދަލުގައި ޗެސް އަކީ ވަކި އުމުރަކަށް ނުބަލައި ކުޅެވޭނެ ގޭމެއް،" ސަޗިނީ ބުންޏެވެ.
"މިސާލަކަށް ބަންގްލަދޭޝްގައި އުޅޭ ރާނީ ހަމީދު ކިޔާ ޗެސް ކުޅުންތެރިއެއް. އަހަންނަށް ހީވާ ގޮތުގައި އޭނަ އަށް 84 އަަހަރު. އަދިވެސް އޭނަ އަންނަނީ ކޮމަންވެލްތު ގޭމްސް ފަދަ ބައިނަލްއަގުވާމީ އެކި މުބާރާތްތަކުގައި ވާދަކުރަމުން. އަހަރެން ވިސްނައިދޭން ބޭނުންވަނީ ކޮންމެ އަންހެން ކުއްޖަކަށް ވެސް ހުއްޓައިނުލައި ޗެސް އިން ކުރިއަށް ދެވިދާނެކަން،"
ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ހުރިހާ ގައުމަކުން ވެސް އެކި ދާއިރާތަކުން އެއް ގައުމު އަނެއް ގައުމަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. އުމްރާނީ ތަރައްގީ އާއި ކުޅިވަރުގެ ރޮނގުން ވެސް ސާކްގެ ގައުމުތައް އޮތީ ގުޅިލާމެހިފަ އެވެ. ޗެސް ކުރިއެރުވުމުގައި ވެސް ގައުމުތައް ގުޅިގެން މުހިއްމު ކަންތައްތަކެއް ކުރެވިދާނެ ކަމަށް ސަޗިނީ ގަބޫލުކުރެ އެވެ.
"ހަމައެކަނި ޗެސް ކުޅުންތެރިންނަކަށް ނޫން. ޗެސް ކޯޗިން ދެން ޗެސް އާބިޓްރިން އާއި އޮގަނައިޒިިން ވެސް ރަނގަޅުވާނެ ގައުމުތައް ގުޅިގެން މަސައްކަތް ކުރާނަމަ. އިންޑިއާ ކަހަލަ ގައުމުތަކާ ވެސް ގުޅާލެވިދާނެ. އެއް ގައުމު އަނެއް ގައުމާ ގުޅިގެން މެޗުތަކެއް ނޫނީ ފްރެންޑްލީ މުބާރާތެއް ކުޅެގެން ކުުރިއަށް ދާނަމަ ތަޖުރިބާތައް ހިއްސާކުރެވި ޑިވެލޮޕްވާން ފުރުސަތު ލިބޭނެ،" ސަޗިނީ ބުންޏެވެ.
ރާއްޖެ އައިސް ރަނގަޅު ކާމިޔާބެއް ހޯދައި މުހިއްމު ތަޖުރިބާތަކެއް ކޮށްލަން ފުރުސަތު ފަހިކޮށްދިނީތީވެ، ސަޗިނީ ވަނީ އެމްޕީއެލް އަށް ޝުކުރު އަދާކޮށްފަ އެވެ.
Comment