Advertisement

މަރަޑޯނާގެ ހަނދާނުގައި ބާސެލޯނާ އާއި ބޮކަ ޖޫނިއަސް ހާއްސަ މެޗަކަށް

26 އޮކްޓޯބަރު 2021 - 07:33 0


މަރަޑޯނާގެ ހަނދާނުގައި ބާސެލޯނާ އާއި ބޮކަ ޖޫނިއަސް ހާއްސަ މެޗަކަށް

26 އޮކްޓޯބަރު 2021 - 07:33 0

ބާސެލޯނާ (އޮކްޓޫބަރު 26) - ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ހަނދާނުގައި އޭނާ ކުރިން ކުޅުނު ދެ ކްލަބް ކަމަށްވާ ސްޕެއިނުގެ ބާސެލޯނާ އާއި އާޖެންޓީނާގެ ބޮކަ ޖޫނިއާސް ހާއްސަ މެޗެއް ކުޅެން ނިންމައިފި އެވެ.

ބޮކަ ޖޫނިއާސް އާއި ބާސެލޯނާ ކުޅޭ "މަރަޑޯނާ ކަޕް" މެޗު އޮންނާނީ އަންނަ ޑިސެމްބަރު މަހު 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާދުގަ އެވެ.

މިދިޔަ އަަހަރުގެ ނޮވެމްބަރު މަހު 25 ވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން މަރުވި މަަރަޑޯނާގެ ހަނދާނުގައި މެޗެއް ކުޅެން ބާސެލޯނާ އާއި ބޮކަ ޖޫނިއާސް އިން މީގެ ކުރިން ވެސް ވަނީ މަޝްވަރާތަކެއް ކޮށްފަ އެވެ. އެކަމަކު އެ ފަހަރު ޕްލޭން ކުރި ގޮތަށް ކަންތައްތައް ކުރިއަށް ނުދިޔަ އެވެ. މި ފަހަރު މެޗު ސައުދީގައި ކުޅޭ ގޮތަށް ހަމަޖެހިގެންދިއުމަކީ ދެ ކްލަބަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެެކެވެ.

މަރަޑޯނާ އެންމެ ފުރަތަމަ އޭނާ ކްލަބް ފުޓްބޯޅަ ކެރިއަރުގައި ކުޅުނީ އާޖެންޓީނޯސް ޖޫނިއާސް އަށެވެ. އެއީ 1976 އިން 1981 އަށެވެ. އޭގެ ފަހުން އޭނާ ވަނީ 1981 އާއި 1982 ވަނަ އަހަރު ބޮކަ ޖޫނިއާސް އަށް ފުރަތަަމަ ފަހަރަށް ކުޅެފަ އެވެ.

ސްޕެއިނުގައި 1982 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު 7.6 މިލިއަން ޑޮލަރަށް މަރަޑޯނާ ވަނީ ސްޕެއިނުގެ ގަދަބާރު ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ.

ބާސެލޯނާގައި ހުރެ ކޮޕަ ޑެލް ރޭ އާއި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކުރި މަރަޑޯނާ އަކީ އެލް ކްލަސިކޯ މެޗުގެ ތާރީހީ ހަނދާނަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ. މަރަޑޯނާ އަކީ އެލް ކްލަސިކޯ މެޗެއްގައި ބާސެލޯނާ ޖޯޒީގައި ކުޅެނިކޮށް ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ތަރުހީބު ދިން ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ ފަދަ ތަރުހީބެއް ދެން ރެއާލް ސަޕޯޓަރުން ދިން ބާސެލޯނާގެ ކުޅުންތެރިންނަކީ ރޮނާލްޑީނިއޯ އާއި އަންދްރެސް އިނިއެސްޓާ އަށެވެ.

އަނިޔާ އާއި ސަސްޕެންޝަން އަދި ދަނޑުމަތީގައި ހިނގި މާރާމާރީގެ އެކި ކަންކަމުގެ ސަބަބުން ބާސެލޯނާގައި މަރަޑޯނާގެ އަސްލު ކުޅުން ނުދެއްކި އޭނާ އަށް ޖެހުނީ 1984 ވަނަ އަހަރު ބާސެލޯނާ ދޫކޮށްލާށެވެ. ބާސެލޯނާ ދޫކޮށް މަރަޑޯނާ ދެން ފެނުނީ އިޓަލީގެ ނަޕޯލީންނެވެ. އޭނާ ވަނީ 1984 އިން 1991 އަށް ނަޕޯލީ އަށް ކުޅެދީފަ އެވެ.

އޭގެ ފަހުން ސްޕެއިނުގެ ސެވިއްޔާ އާއި އާޖެންޓީނާގެ ނެވެލްސް އޯލްޑް ބޯއީސް އަށް ވެސް އެއް އަހަރު ކުޅެދިނުމަށް ފަހު 1995 ވަނަ އަހަރު ބޮކަ ޖޫނިއާސް އަށް ބަދަލުވި އެވެ. ބޮކަ ޖޫނިއާސް އަށް ދެ އަހަރު ކުޅެދިނުމަށް ފަހު 1997 ވަނަ އަހަރު ކުޅުން ހުއްޓާލި އެވެ. ޕްރޮފެޝަނަލް ފުޓުބޯޅަ އިން މަރަޑޯނާ ރިޓަޔާ ކުރީ 37 ވަނަ އުފަން ދުވަހު އެވެ.