Advertisement

ނަޝީދު އިންތިހާބުގައި ވާދަކުރައްވާނީ ނިޒާމު ބަދަލުކުރަން

25 އޮކްޓޯބަރު 2021 - 14:07 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މޭ ހައެއް ހަމަލާއަށް ފަހު ދެ ރައީސް ސޯލިހާ ރައީސް ނަޝީދު ރަސްމީކޮށް ކުރެއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން. އެ ބައްދަލުވުމުގައި ވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި. -ފޮޓޯ: ރައީސް އޮފީސް


ނަޝީދު އިންތިހާބުގައި ވާދަކުރައްވާނީ ނިޒާމު ބަދަލުކުރަން

25 އޮކްޓޯބަރު 2021 - 14:07 0

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މަޝްހޫރު "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއު އެއްގައި ނަޝީދުގެ ސިޔާސީ ކުރިމަގާއި ނިޒާމު ބަދަލުކުރުމުގެ ވިސްނުމާ ގުޅޭގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ އާ ގާނޫނު އަސާސީ ފަރުމާކުރީ ގިނަ ބަރުލަމާނީ ސިފަތަކާއެކު ކަމަށެވެ.

ނަމަވެސް، އެންމެ ފަހު ވަގުތު އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި ރިޔާސީ ނިޒާމެއް ގާއިމުކުރީ ކަމަށެވެ.

އޭގެ ސަބަބުން، ފާއިތުވި 13 ވަރަކަށް އަހަރުގެ ތެރޭގައި ވެރިކަން ހިންގުމުގައި ދެ ބާރުގެ ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ހާމަވެގެން ގޮސްފައިވާކަމަށް ނަޝީދު ވިދާޅުވި އެވެ.

އެގޮތުން، އޮމާންކަމާއެކު ގާނޫނުއަސާސީ އިސްލާހުކުރެވޭނެ ގޮތެއްގެ މަޝްވަރާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކުރެވޭ ކަމަށާއި، އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ވިސްނުން ވެސް ގުޅެނީ ނިޒާމު ބަދަލުކުރުމުގެ މަސައްކަތާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

"ރިޔާސީ ކެންޑިޑޭޓަކަށް ވާން އަޅުގަނޑު ގަސްތުކުރިޔަސް އެކަން ކުރާނީ ނިޒާމު ބަދަލުކުރަން. ސިޔާސީ ގޮތުން ދެން އަޅުގަނޑު ނުކުންނާނީ ބަދަލެއް ގެންނަން. އެއީ ވެދާނެ ފެންނަ ނުފެންނަ ވޯޓަކަށް ވެސް. ނޫނީ ރިޔާސީ އިންތިހާބަށް ވެސް،" ނަޝީދު ވިދާޅުވި އެވެ.

އަމިއްލަ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ނުވިސްނާކަމަށް ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ވަރަށް ގިނަ މަސައްކަތް ކުރައްވައިފި ކަމަށާއި އެކަމަކު އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ވަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ، އަސާސީ ބިންގާތައް އެޅުމުން، އަޅުގަނޑުގެ އަމިއްލަ ސިޔާސީ ކުރިމަގަށް ވުރެ މުހިންމުވާނީ ގައުމުގެ ސިޔާސީ ކުރިމަގުކަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ބޭނުން ވަނީ 2023 ގެ އިންތިހާބު ނުބާއްވައި ބަރުލަމާނީ ނިޒާމަކުން ވެރިކަން ހިންގަން ފެށުމަށެވެ. އެ ނިޒާމުގައި އެމަނިކުފާނު ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ރަސްމީކޮށް ރައީސް ސޯލިހުގެ އަރިހުން އޮތީ އެދިވަޑައިގެންފަ އެވެ.

ރައީސަށް ފޮނުއްވި މެސެޖުގައި ނަޝީދު ކުރިން އެދިވަޑައިގެންގައި އޮތީ 2023 ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި އާ ސަރުކާރެއް ހޮވުމުގެ ރިޔާސީ އިންތިހާބު އެ އަހަރު ނުބޭއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޖެހިގެން އަންނަ 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްދާއިރު, ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ.

އެކަމަކު ރައީސް ސޯލިހް މިހާތަނަށް ތަކުރާރުކޮށް ދެއްވި ޖަވާބަކީ ނިޒާމުގެ ވޯޓުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ.