Advertisement

އާ ބިލު ނުލިބޭކަމަށް ވިދާޅުވިއިރު، 25 އަށް ވުރެ ގިނަ ބިލު ނުނިމި!

20 އޮކްޓޯބަރު 2021 - 11:46 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މީގެ ކުރިން މަޖިލީހަށް މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލިސް


އާ ބިލު ނުލިބޭކަމަށް ވިދާޅުވިއިރު، 25 އަށް ވުރެ ގިނަ ބިލު ނުނިމި!

20 އޮކްޓޯބަރު 2021 - 11:46 0

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިންވަނަ ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމި ބިލުތަކުގެ ތެރެއިން ގިނަ ބިލުތައް އަދި ނުލިބޭތީ ތަޅުމުގައި މެމްބަރުން ކުރާނެ މަސައްކަތެއް ނެތް ކަމުގެ ޝަކުވާ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިިދިޔަ އޯގަސްޓު މަހުގެ 16 ވަނަ ދުވަހު ފެށުނު މަޖިލީހުގެ ތިން ވަނަ ދައުރަށް އެކި ދާއިރާތަކުން ޖުމްލަ 32 ބިލެއް ހުށަހަޅަން ނިންމައި ލިސްޓެއް އާންމުކުރި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން އަދި މިހާތަނަށް ހުށަހަޅާފައިވަނީ އެންމެ ހަތަރު ބިލު ކަމަށެވެ.

"މި ބިލުތައް މި ދައުރުގައި މަޖިލީހަށް ލިބޭނެ ކަމަކަށް އަޅުގަނޑަށް ލަފައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ދައުރުތަކުން ވާރުތަވި ބިލުތައް ގިނަ

ނަޝީދު މިހެން ވިދާޅުވިއިރު، މަޖިލީހުގެ ތިންވަނަ ދައުރު ފެށިގެން އައިއިރު ވެސް ބިލުތައް ނުލިބި ލަސްވެގެން ތަޅުމުގެ މަސައްކަތް ކުރުކޮށްލަން ޖެހުނެވެ.

އާ ބިލުތަކެއް ނުލިބިގެން ހާއްސަކޮށް މި ހިނގާ ތިންވަނަ ދައުރުގައި ޝަކުވާ ބޮޑުވެފައިވާއިރު، މީގެ ކުރީގެ ދައުރުތަކުން ވާރުތަކޮށް، މަޖިލީހަށް ނުނިންމި ގިނަ ބިލުތަކެއް އެބަހުއްޓެވެ.

ކޮވިޑާއެކު ދިމާވި ގޮންޖެހުންތަކުގެ ސަބަބުން، ފުރަތަމަ ދައުރުގައި ނުނިމި ހުރި 25 ބިލަކާއި ދެވަނަ ދައުރުގައި ހުށަހެޅުނު 16 ބިލަކާއެކު ޖުމްލަ 41 ބިލެއްގެ މަސައްކަތް ކުރެވުނުއިރު، އެ ދައުރުގެ ތެރޭގައި ނިންމިފައިވަނީ ނުވަ ބިލެއްގެ މަސައްކަތެވެ.

އެ ނުވަ ބިލުގެ ތެރޭގައި ގެމަނަފުށި ދާއިރާގެ މެންބަރު އަހުމަދު ސައީދު ހުށަހަޅުއްވައި، އަނބުރާ ނެންގެވި ދެ ބިލެއް ވެސް ހިމެނެ އެވެ.

މިކަމުގައި ބަންޑާރަ ނައިބުގެ އޮފީހުން އެއްޗެއް ބުނަން ބޭނުންނުވި ނަމަވެސް، މަޖިލީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 19 ވަނަ މަޖިލީހަށް ޖުމްލަ 102 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅި އެވެ.

އޭގެ ތެރެއިން، 75 ބިލަކީ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ބިލުތަކެވެ.

އެގޮތުން ބަލާއިރު، މަޖިލީހުގެ އެކި މަރުހަލާތަކުގައި މިހާރު ވެސް 27 ބިލެއްގެ މަސައްކަތް އެބަކުރިއަށްދެ އެވެ.

އޭގެ ތެރޭގައި 2019 ވަނަ އަހަރުގެ ތެރޭގައި ހުށަހެޅުނު ޖަމިއްޔާތަކުގެ ބިލާއި، އެއްމެދު އިމާރާތުގެ ބިލުގެ އިތުރުން ގައުމީ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީސްގެ ބިލު ވެސް ހިމެނެ އެވެ.

އެ ތިން ބިލުގެ މަސައްކަތް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.

އޭގެ އިތުރުން، ލާމަރުކަޒީ ނިޒާމު ހިންގުމަށް ސަރުކާރުން މިދިޔަ އަހަރު ހުށަހެޅި ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ވެސް އަދި އޮތީ ތަޅުމާ ހަމައަށް ނުގޮސް ކޮމިޓީ މަރުހަލައިގަ އެވެ.

އާ ބިލުތައް ނުލިބޭނެކަމަށް ނަޝީދު ލަފާކުރެއްވިއިރު، ސަރުކާރުން ދަނީ އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅަން ތައްޔާރުވަމުންނެވެ.

އެގޮތުން، މި މަހުގެ ނިޔަލަށް ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓު ހުށަހެޅުމުން، ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭ ތިން ވަނަ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ކުރިއަށްދާނީ ބަޖެޓު ފާސްކުރުމުގެ މަސައްކަތެވެ.