Advertisement

ދިވެހި ދަނޑުވެރި އުފެއްދުންތަކަށް މާކެޓުން ޖާގަ ހޯދައިދޭން މަސައްކަތްކުރާނަން: ރައީސް

16 އޮކްޓޯބަރު 2021 - 00:18 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ޖަލްސާގައި ވާހަކަދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް


ދިވެހި ދަނޑުވެރި އުފެއްދުންތަކަށް މާކެޓުން ޖާގަ ހޯދައިދޭން މަސައްކަތްކުރާނަން: ރައީސް

16 އޮކްޓޯބަރު 2021 - 00:18 0

ރާއްޖޭގައި އުފެއްދޭ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ އިތުރުކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓުން ޖާގަދިނުމަށް މަސައްކަތްކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ރާއްޖޭގައި އުފެއްދޭ ބާވަތްތައް ބޭރުން އިމްޕޯޓުކުރުން މަދުކުރަން ސަރުކާރުން އަމާޒުހިފާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގައި މިގޮތަށް ހެއްދޭނެ 17 ބާވަތެއް އެބަހުރި ކަމަށާއި އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން އެބާވާތްތައް ފާހަގަކޮށް، މިބާވަތްތައް ރާއްޖެއަށް ބޭނުންވާ ވަރަށް އުފެއްދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމަކީ އަމާޒެވެ.

ރާއްޖޭގެ ރިސޯޓުތަކުން ބޭނުންވަނީ އެ ބާވަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން ކަމަށާއި އެ ޔަގީންކަށް ދެވިއްޖެ ނަމަ ރިސޯޓުތަކަށް ސަޕްލައި ކުރުމުގެ ފުރުސަތު ދިވެހި ދަނޑުވެރިންނަށް އެބައޮތް ކަން ރައީސް ފާހަގަކުރެއްވި އެވެ.

އަދި ދަނޑުވެރިންނަށް މާކެޓުގައި ފުރުސަތުތައް ފަހިކޮށްދީ ހަމަ އަގު ހޯދައިދިނުމަށް މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި އެެވެ.

އެގޮތުން، މިހާރުވެސް އެގްރޯނެޓް އަދި އެސްޓީއޯ އެގްރިސެންޓަރު މެދުވެރިކޮށް ދިވެހި އުފެއްދުންތައް މާކެޓަށް ނެރުމުގެ މަސައްކަތްކުރާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދަނޑުވެރިންނަށް ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން މީހުން ދިރިއުޅޭ ރަށްރަށުން އެކަމަށް ބޭނުންވާ ބިން ނުލިބޭކަމުގެ ޝަކުވާ ދިވެހި ދަނޑުވެރިންގެ ހުރިކަން ފާހަގަކުރައްވާ ރަށު ކައުންސިލްތާކާއެކު އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި މިހާރަށް ވުރެ ފަސޭހައިން ބިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވަނީ ރާއްޖޭ ފަދަ ބިން ކުޑަ ގައުމެއްގައި ދަނޑުވެރިކަން ކުރާއިރު ޒަމާނީ ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން، ރާއްޖޭގެ ބިން ކުޑަ ނަމަވެސް ދިރާސާތައް ކޮށް، ރަނގަޅު ޕްލޭނެއް އެކުލަވާލެވިއްޖެ ނަމަ ޒަމާނީ ޓެކްނޮލޮޖީއާ އެކު ރާއްޖެއަށް ބޭނުންވާ ކާނާގެ ބާވަތްތައް ހެއްދޭނެ ކަމުގެ އުންމީދު އެބަ އޮތްކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުން މުހިންމު ކަމަށާއި ދަނޑުވެރިކަން ކުރިއެރުވިއްޖެ ނަމަ ޖީޑީޕީގެ ނިސްބަތުން ދަނޑުވެރިކަންކުރާ ހިއްސާ އިތުރުވެގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ރައީސް ފާހަގަކުރައްވަ އެވެ.