Advertisement

ބާސެލޯނާ އިން ދެން ޕެޑްރީ ވިއްކާނީ އެއް ބިލިއަން ޔޫރޯ އަށް!

15 އޮކްޓޯބަރު 2021 - 10:09 0


ބާސެލޯނާ އިން ދެން ޕެޑްރީ ވިއްކާނީ އެއް ބިލިއަން ޔޫރޯ އަށް!

15 އޮކްޓޯބަރު 2021 - 10:09 0

ބާސެލޯނާ (އޮކްޓޫބަރު 15) - ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ގޮންޒާލޭޒްގެ ކޮންޓްރެކްޓް އާކުރާއިރު ރިލީސް ކްލޯސްއެއްގެ ގޮތުގައި އެއް ބިލިއަން ޔޫރޯ ހަމަޖައްސައިފި އެވެ.

މިއަދުގެ ވަގުތެއްގައި އުމުރުން 18 އަހަރުގެ ޕެޑްރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާއާ އެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރާނެ އެވެ. މިއާ އެކު އެ މުއްދަތުގެ ކުރިން އެހެން ޓީމަކުން ޕެޑްރީ ގަންނަނަމަ ކޮންޓްރެކްޓްގައި ބުނާގޮތުން އެއް ބިލިއަން ޔޫރޯ (1.16 ބިިލިއަން ޑޮލަރު) ބާސެލޯނާ އަށް ދައްކަން ޖެހޭނެ އެވެ.

ޕެޑްރީގެ އިތުރުން މި ވަގުތު ސްޕެނިޝް ލީގުގައި އެއް ބިލިއަން ޔޫރޯގެ ރިލީސް ކްލޯސް އެއް ހިމަނާފައިވާ ކޮންޓްރެކްޓެއްގައި ހުރީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާ އެވެ.

މިދިޔަ އަހަރު އޮގަސްޓް މަހު ލަަސް ޕަލްމާސް ދޫކޮށް ރަސްމީކޮށް ބާސެލޯނާއާ ގުޅުމަށް ފަހު ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އަށް 53 މެޗު ކުޅެދީފަ އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާ ޖޯޒީގައި އެންމެ ގިނަ މެޗު ކުޅުނީ ޕެޑްރީ އެވެ.

ޕެޑްރީ އަކީ މި ފަހަރުގެ ޔޫރޯގެ ސެމީ ފައިނަލުގައި ކުޅުނު ސްޕެއިން ޓީމާއި އޮލިމްޕިކްސް އިން ރިހި މެޑަލް ހޯދި ސްޕެއިންގެ 23 އަހަރުން ދަށުގެ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.

ޔޫރޯ އިން ހޮވާލެވުނު ޓީމުން ޕެޑްރީ އަށް ފުރުސަތު ލިބުނުއިރު، މި ފަހަރުގެ ބެލޮންޑިއޯ އަށް ކަނޑައެޅި 30 ކުޅުންތެރިންގެ ޝޯޓްލިސްޓްގައި ވެސް ޕެޑްރީ ހިމެނެ އެވެ.

ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމަށް ޖުމްލަ އެއްކޮށް 73 މެޗު ކުޅެފަ އެވެ. މިއީ ސީޒަން ކަލަންޑަރަށް ބަލާނަމަ ޒުވާން ކުޅުންތެރިއެއް އެންމެ ގިނަ މެޗު ކުޅުނު ފަހަރެވެ. އެހެންވެ، ދާދި ފަހުން ސްޕެއިން ގައުމީ ޓީމާއި ބާސެލޯނާ އިން މަޝްވަރާ ކުރުމަށް ފަހު ވަނީ ޕެޑްރީ އަށް ކުރު ޗުއްޓީއެއް ދީފަ އެވެ.