Advertisement

އުތުރުތިލަފަޅު އެއްބަސްވުން ދޭން މަޖިލީހުން އެދިއްޖެ

12 އޮކްޓޯބަރު 2021 - 10:35 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު. -ފޮޓޯ: އިންޑިއާ ފޮރިން މިނިސްޓްރީ


އުތުރުތިލަފަޅު އެއްބަސްވުން ދޭން މަޖިލީހުން އެދިއްޖެ

12 އޮކްޓޯބަރު 2021 - 10:35 0

އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދޭން ވެފައިވާ އެއްބަސްވުން ހޯދަން ރައްޔިތުންގެ މަޖިލީހުން އެދިފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ކަމުގެ ތުހުމަތުކުރެވޭ ކަމަށް ބުނެ، އެ އެއްބަސްވުންތަކުގެ ތަފްސީލް ހޯދަން ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ އިދިކޮޅު މެމްބަރު އާދަމް ޝަރީފެވެ.

އެއްބަސްވުންތަކުގެ ސަބަބުން ރާއްޖެ އާއި އިންޑިއާދެމެދު ޒަމާނުއްސުރެ އޮތް ރަހުމަތްތެރިކަމާއި އިންޑިއާ ކަނޑުގެ ރައްކާތެރިކަން ވެސް ގެއްލިގެން ހިނގައިދާނެ ކަަމަށް ޝަރީފްގެ ހުށަހެޅުމުގައި ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ނެތްކަން ކަށަވަރުކުރުމުގެ ގޮތުން އިންޑިއާއާއެކު ސޮއިކުރި ޔޫޓީއެފްގެ އެއްބަސްވުމާއި ހައިޑްރޮގްރޮފީ އަދި ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމުގެ އަސްލު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ (241) ކޮމިޓީއާ ހިއްސާކުުރުމަށް އެ ސިޓީގައި އެދިވަޑައިގެންފައި ވެ އެވެ.

މެއި 6 ވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ނަޝީދު އަވާހަރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު، ފުރަތަމަ ފަހަރަށް މިއަދު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޖަލްސާ ފައްޓަވަމުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާއެކު ވެފައިވާ އެއްބަސްވުންތައް ހޯދަން އާދަމް ޝަރީފް އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އެގޮތުން، އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ޑޮކްޔާޑަކާއި ބަނދަރެއް އެޅުމަށް އިންޑިއާ ސަރުކާރާއެކު ހެދިފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުގެ އަމީންއާންމު މިއަދު ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާކަމަށް ނަޝީދު ހާމަކުރެއްވި އެވެ.

"އެ އެގްރީމަންޓުގައިވާ ހުރިހާ އަކުރެއް އޮޅުންފިލުވާދެވޭތޯ އެ ކޮމިޓީ [241] އިން ބައްލަވައި ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ އެއްވެސް ހާލެއްގައި ފޮރުވިފައިވާ ސިއްރެއް ނޫން ކަމަށާއި އެ ދޭދޭ ގައުމަކާއެކު ދިވެހި ދައުލަތުން ހަދާފައިވާ އެއްބަސްވުމެއް ކަމަށެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައި މިދިޔަ ފެބްރުއަރީ މަހު ސޮއި ކުރުމާއެކު އެކަމުގެ އެއްވެސް ތަފްސީލެއް ހާމަނުކުރާތީ އިދިކޮޅުން އިސްވެ ކަންބޮޑުވުންފާޅުކުރި އެވެ.

އޭގެ ފަހުން، އެ އެއްބަސްވުމުގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމެއް ލީކުކޮށްލިއިރު، އެ ތަނުގައި އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބެވޭނެ މާއްދާއެއް ހިމެނިފައިވާކަމަށް ބުނުމާއެކު އެ ކަންބޮޑުވުންތައް އިތުރަށް ބަންޑުންވި އެވެ.

ނަމަވެސް، އެއީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށާއި، ބޭރު ގައުމެއްގެ ސިފައިންނަށް ރާއްޖޭގައި ހަތިޔާރާއެކު އުޅެވޭ ފަދަ އެއްވެސް މާއްދާއެއް ހިމަނާފައިނުވާނެ ކަމަށް ސަލާމަތީ ބާރުތަކުގެ އިސްވެރިން ވަނީ ޔަގީންކަން ދެއްވައިފަ އެވެ.