Advertisement

ޖީލެއް ބިނާ ކުރި މުދައްރިސުން: ލޯތްބާއި ހިއްވަރުން ހޯދި ކާމިޔާބީ

ފައުޒިއްޔާ މަހުމޫދު (ކ-1) އަންވަރު އިބްރާހިމް (ކ-2) ޝީލާ ފިލިޕް (ވ-1) އަބްދުﷲ އަހުމަދު (ވ-2)


ޖީލެއް ބިނާ ކުރި މުދައްރިސުން: ލޯތްބާއި ހިއްވަރުން ހޯދި ކާމިޔާބީ

6 އޮކްޓޯބަރު 2021 - 12:07 0

އާއިޝަތު މިހުނާ ނާސިހް
އާމިނަތު އިބްރާހިމް

އާއިޝަތު މިހުނާ ނާސިހް

އަދި

އާމިނަތު އިބްރާހިމް

"އަޅުގަނޑު ކިޔަވައިދޭން ފެށީ އައްޑިހަ ދޭއްގައި. އެހެންވީމަ އަންނަ އަހަރަށް ސާޅީސް ފުރޭނެ. އެންމެ ގިނަ ދުވަސް މިވީ އަމީނިއްޔާގަ. އެހެންވީމަ، އަމީނިއްޔާގައި އެކަނި ވެސް އަޅުގަނޑު ކިޔަވައިދިން ކުދިން ވަރަށް ގިނަ ވާނެ. އޭގެ ތެރެއިން ވަރަށް ގިނަ ދަރިވަރުންގެ ކުދިންނަށް މިހާރު އަޅުގަނޑު އެބަ ކިޔަވައިދެން. އެކުދިން ކްލާހަށް އައިސް ބުނާނެ، ސާ އޭ އަޅުގަނޑުގެ މަންމަ އަށް ވެސް ކިޔަވައިދިނީ. އެއީ ވަރަށް ތަފާތު އުފަލެއް ލިބޭ ވަގުތެއް."

އަމީނިއްޔާާ ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ޓީޗަރު، އަބްދުﷲ އަހުމަދު ނުވަތަ އަބްދުﷲ ސާ، އެ ސްކޫލުގައި ކިޔަވައިދޭން ފެށިތާ އަންނަ އަހަރަށް ތިރީސް ފުރޭނެ އެވެ. އެކަމަކު 1982 ވަނަ އަހަރު، މަޖީދުގޭ ކިނާރާ ޓިއުޝަން ކިލާހުން ފެށި މި އާދަޔާ ހިލާފު ދަތުރަށް ސާޅިސް އަހަރު ފުރެން އަންނަ އިރު އަދިވެސް އޭނާގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. މަސައްކަތަށް ގަޑި ޖެހުމެއް ނެތެވެ. ފޫހިވުމެއް ނެތެވެ. ކިޔަވައިދިނުމަކީ އޭނާގެ ޖޯޝެވެ. އަމުދުން ރިޓަޔާކުރުމުގެ ހިޔާލެއް ނުވެސް ނެތެވެ.

"ޓީޗަރެއްގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކިޔަވައިދިނުމަށް އެ ޓީޗަރެއްގެ ހިތުގައި އޮންނަ ލޯތްބާއި ޝައުގުވެރިކަން. އެ ޝައުގުގައި މެނުވީ ކުދިން މޮޅު ބަޔަކަށް ނުހެދޭނެ، ރަނގަޅަށް ތައުލީމު ނުދެވޭނެ،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ ސަރ: އޭނާ ވަނީ އަމީނިއްޔާ ސްކޫލުގެ ލީޑިން ޓީޗަރުގެ ވަޒީފާ ވެސް ގިނަ އަހަރުތަކެއް ވަންދެން އަދާކޮށްފައި


އޭނާ އަށް މިދިޔަ ތިރީހަކަށް އަހަރު ހާސިލުކުރެވުނު އެންމެ އަގުހުރި ކާމިޔާބީ އަކީ ބެލެނިވެރިންގެ އިތުބާރެވެ. ދަރިވަރުންގެ ފަރާތުން ލިބޭ ލޯތްބެވެ. އަދި ދަރިވަރުން ވަގުތަށް ދޭ އިސްކަމާއި ދިވެހި ބަސް ފަދަ މާއްދާއަކަށް ފޫހިވިޔަ ނުދޭން ކެނޑިނޭޅި ކުރާ މަސައްކަތަކީ ކާމިޔާބީގެ އެންމެ ބޮޑު ސިއްރު ކަމަށް އަބްދުﷲ ދެކެ އެވެ.

"ބަރާބަރަށް ގަޑިއަށް ދިއުމަކީ އަޅުގަނޑު ވަރަށް ބޮޑަށް ބާރުއަޅާ ކަމެއް. ކުދިން ކުރާ މަސައްކަތް ބަލައި އެކުދިންނަށް ހިއްވަރުދިނުމަކީ އަޅުގަނޑު ލޯބިކުރާ ކަމެއް،" އޭނާ ބުންޏެވެ.

"އެހާރާއި މިހާރާ ބަލާއިރު، ކުރީގަ ކުދިން ކިޔެވުމަށް ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަކު މިހާރު، ކިޔަވައިދިނުމަށް ގެންގުޅެން ޖެހޭ އެޕްރޯޗް ތަފާތު. މިހާރުގެ ކުދިންނަށް ކިޔަވައިދެވޭނީ އެކުދިން ކުޑަކޮށް ހައްލުވާލައިގެން. މޮޅު ފެށުމަކާއި މޮޅު ރޭވުމެއް އެކުދިންގެ ޝައުގުވެރިކަން އަތުލުމަށް އެބަ ބޭނުންވޭ."

އަބްދުﷲ ފާހަގަކުރީ ޒަމާނާއި ދައުރު ބަދަލުވެގެން އައި އިރު ވަގުތާ އެކު އޭނާގެ ކިޔަވައިދިނުމުގެ ސްޓައިލާއި ގޮތް ވެސް ބަދަލުކުރަން އިސްކަންދޭންޖެހުނު މިންވަރެވެ. އަދި ޝައުގުވެރިކަމާއެކު އެ ބަދަލުތަކަށް ހޭނެން ކުރި މަސައްކަތާއި އޭގެ ސަބަބުން ސްކޫލާއި ބެލެނިވެރިންގެ މެދުގައި ގަދަރުވެރި މުދައްރިސެއްގެ ލަގަބު އޭނާ އަށް ލިބުނު ގޮތެވެ.

ޝީލާ ފިލިޕް (ޝީލާ މިސް)


މަޖީދިއްޔާ ސްކޫލުގެ އެންމެ ގިނަ ދުވަސްވީ ބޭރު މުދައްރިސް، ޝީލާ ފިލިޕް، އިންޑިއާގެ ކެރެލާ އިން ރާއްޖެއަށް އައީ މީގެ 22 އަހަރު ކުރިންނެވެ. ތާޖުއްދީން ސްކޫލާއި ގިޔާސުއްދީން ސްކޫލުގައި ފުރަތަމަ ތިން އަހަރު ހޭދަކުރުމަށްފަހު މަޖީދިއްޔާ ސްކޫލާ ގުޅުނު އިރުވެސް ރާއްޖޭގެ މާހައުލާއި ކުދިންގެ މިޒާޖާއި އަހުލާގު ދަސްކުރުމުގައި ގިނަ އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

"ކެރެލާގައި ވެސް އަޅުގަނޑު އުޅުނީ މުދައްރިސަކަށް. އެކަމަކު އެކޮޅުގަ ކިޔަވައިދިނުން ވަރަށް ތަފާތު. އަހުލާގު ހިފަހައްޓަން ފިޔަވަޅު އަޅަން މުދައްރިސުންނަށް އޮންނަ ދޫދިނުން މިކޮޅުގަ ނޯވޭ. އެހެންވީމަ ކުދިންގެ އަހުލާގާއި މިޒާޖަށް ހޭނުމާއި އެއާ ވިދިގެން ނަފްސާނީ ގޮތުން މީހާ ތައްޔާރުވެ އާ ހިތްވަރަކުން ފަށައިގަންނަން ކުރި މަސައްކަތްކުރަންޖެހުނު،" ޝީލާ ފާހަގަ ކުރި އެވެ.

މަޖީދިއްޔާގައި ޝީލާ މިސް އަކީ ގްރޭޑް ނުވައަކާއި ދިހައެއްގެ ހިސާބު ހެޑް ޓީޗަރެވެ. މިދިޔަ 19 އަހަރު މަޖީދިއްޔާ ސްކޫލުން ގްރޭޑް ދިހައެއް ނިންމި އެތައް ސަތޭކަ ކުދިންނެއްގެ ކާމިޔާބީގެ ފަހަތުގައި ހުރި އެކަކީ ޝީލާ އެވެ.

"މަޖީދިއްޔާ އަކީ ފަހަކާ ޖެހެންދެން ހުސް ފުރާވަރުގެ ފިރިހެން ކުދިން ކިޔެވި ސްކޫލެއް. އެއީ އުނދަގޫ ތަފާތު ތަޖުރިބާއެއް. އެކަމަކު މިދިޔަ އަހަރު ތަކުގައި ހިސާބު ފަދަ އުނދަގޫ މާއްދާއަކުން މަޖީދިއްޔާ އިން ފާހަގަކުރެވޭ ނަތީޖާ ތަކެއް ހޯދައިފި. އެއީ މެނޭޖްމަންޓުން ވެސް ދިން ސަޕޯޓުގެ ސަބަބުން،" ޝީލާ ކިޔައިދިނެވެ.

"އަޅުގަނޑުމެން ޓީޗަރުން ކުރާ ހިދުމަތަކީ، އަޅުގަނޑުމެން ނެތިދާ ދުވަހު ވެސް މީހުން ހަނދާންކުރާނެ ހިދުމަތަކަށް ހެދުމުގެ ރޫހުގައި ކުރަންވާނެ."

ނަވާރަ އަހަރުވީ ދަތުރުގައި މަޖީދިއްޔާ އަށް އައި އެންމެ ހާއްސަ ބަދަލަކީ، ދެ ޖިންސުގެ ކުދިން ކިޔަވާ ސްކޫލަކަށް، ތަން ބަދަލުކުރުމާއެކު ދަރިވަރުންނަށް އަހުލާގީ ގޮތުން އައި އާދަޔާ ހިލާފު ހެޔޮ ބަދަލު ކަމަށް ޝީލާ މިސް ބުންނެވެ. ދެ ޖިންސުގެ ކުދިންނާއެކު ކިޔަވައިދިނުމުގައި މިހާރު އޭނާ ކުރަމުންދަނީ އަނެއްކާ ވެސް ތަފާތު، ޝައުގުވެރި ތަޖުރިބާއެކެވެ.

އަންވަރު އިބްރާހިމް (އަންވަރު ސަރ)


މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ލެކްޗަރާ އަދި ޖަމާލުއްދީން ސްކޫލްގެ އަދަބީ ޓީޗަރު، އަންވަރު އިބްރާހިމްގެ ޓީޗިން ކެރިއާ ފެށުނީ ކުދިންނަށް ޓިއުޝަން ނަގައިދިނުމުގެ ތެރެއިންނެވެ. އޭރު އޭނާ އަކީ އެމްއީއެސްގެ ގްރޭޑް އަށެއްގެ ދަރިވަރެކެވެ. ބައްޕަ އާއި ބޭބެގެ ފަރާތުން މި މަސައްކަތަށް ފެނިދެނިވިއިރު ސްކޫލް ނިންމުމަށްފަހު ޖެހިގެން އައި އަހަރު އޭނާ މަސައްކަތްކުރީ މާފަންނު މަދަރުސާގައި ދިވެހި ޓީޗަރަކަށެވެ. އެއަށްފަހު އެމްއީއެސް އަދި ގިޔާސުއްދީން ސްކޫލުގައި އެސިސްޓަންޓް ދިވެހި ޓީޗަރުންކަމުން ފެށިގެން ސާނަވީ ދިވެހި ޓީޗަރުކަށް ވެސް އަންވަރު މަސައްކަތްކުރި އެވެ.

އެމްއީއެސްގެ އަދަބީ ބުސްތާނުން ފޮޅުނު އެންމެ ކާމިޔާބު އެއް މަލަކީ އޭނާ އޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމާއި ވާހަކަ ލިޔުންފަދަ އަދަބީ އެކި ފަންނުތަކުގައި އަންވަރު ނުދަންނަ މީހެއް ނުހުންނާނެ އެވެ. އެއްވަނަ ނުހޯދާ މުބާރާތެއް ނެތެވެ. ސްކޫލް ދައުރުގައި ވެސް ކިޔެވުމަށްވުރެ ބޮޑަށް އަދަބީ ކަންކަމަށް ޝައުގުވެރިކަން ހުރިއިރު، އަންވަރު ވަނީ ވާހަކަ ދެއްކުންތެރިކަމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ގައުމީ އިނާމާއި އަދަބިއްޔާތުގެ ދާއިރާއިން ޒުވާނުންގެ ގައުމީ އިނާމު ވެސް ހާސިލްކޮށްފަ އެވެ.

ކޮވިޑުގެ ތެރޭގައި މަޑު ޖެހުނު ނަމަވެސް ކޮންމެ ދުވަހެއްގެ ވެސް ރަސްމީ ގަޑީގެ މަސައްކަތް ނިމޭގޮތަށް ދެން ފެށެނީ އަދަބީ މަސައްކަތެވެ. ހެނދުނު މަސައްކަތް ފަށާ މީހާ، މަސައްކަތް ނިމި ގެއަށް އާދެވެނީ ރޭގަނޑު އަށެއް ޖަހާއިރު އެވެ. އަދި ހަފްތާ ބަންދު ދުވަސްތަކާއި އެނޫންވެސް ބަންދު ދުވަސްތަކަކީ ހޭލާހުރެގެން ކިޔެވުމާއި އެނޫން ވެސް އަމިއްލަ މަސައްކަތްތައް ކުރުމުގައި ހޭދަކުރަންޖެހޭ ވަގުތުތަކެވެ.

މި ފާއިތުވި 20 ވަރަކަށް އަހަރު ތެރޭ މި މަސައްކަތުން ލިބުނު އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އަންވަރު ފާހަގަކުރަނީ މި ދަތުރުގައި އަމިއްލަ ނަފްސަށް އައި ތަރައްގީއާ ކުރިއެރުމެވެ. ޑިގްރީ ކޯހުން އަދި މާސްޓާސް ކޯހުން ވެސް އެއްވަނަ އަންވަރަށް ލިބުނުއިރު މިއަދު އޭނާ އަތުކުރި އޮޅާލައިގެން ހުރީ ޕީއެޗްޑީ ނިންމުމަށެވެ.

އެއާއެކު އެތަށް ދަރިވަރުންނެއްގެ ކިބައިގައި އަދަބީ ހުނަރު ތަރައްގީ ކޮށް ދިވެހި އަދަބީ ގުލްޝަނުގައި ގިނަ މާތަކެއް އިންދާ މުޑުވަށް ކޮށްދެވުމަކީ ވެސް ލިބުނު ވަކި ކުޑަ ކާމިޔާބެއް ނޫނެވެ.

ފައިޒިއްޔާ މިސް: އޭނާ ވަނީ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލުކޮށްފައި


ފައުޒިއްޔާ މަހުމޫދު ސްކޫލް ނިންމުމަށްފަހު އެންމެ މަސައްކަތް ކުރީ ފޮރިން މިނިސްޓްރީގަ ވަޒީފާގަ އެވެ. ދޮޅު އަހަރަށްފަހު މިއީ އެންމެ ކުރާ ހިތްވާ ކަމެއް ނޫނޭ ހިތަށް އަރައި، އޭނާ ޓީޗިން ކޯސް ހެދީ 1985 ގަ އެވެ. އެއް އަހަރު ދުވަހުގެ އިންގްލިޝް މީޑިއަމް ޓީޗިން ފުރިހަމަ ކުރުމަށްފަހު ޖެހިގެން އައި އަހަރު ވަޒީފާ ހަމަ ޖެހުނީ ޖަމާލުއްދީން ސްކޫލުންނެވެ. އެ ފެށިގޮތަށް މި ފާއިތުވި 35 އަހަރު ފައުޒިއްޔާ ހޭދަކުރަމުންދަނީ ކިޔަވައިދިނުމުގެ ދާއިރާގަ އެވެ.

ޕްރައިމަރީ ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ފެށި ފައުޒިއްޔާ ގެ ހިތުގައި އެންމެ ހާއްސަ ލޯތްބެއް އޮތީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދީ އެކުދިންނަކީ މުޖްތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމަށެވެ. މިގޮތުން ޖަމާލުއްދީން ސްކޫލްގައި މަސައްކަތްކުރިއިރު ވެސް އޭނާ ވަނީ ޕްރިންސިޕަލްގެ އެހީއާ އެކު މިފަދަ ކުދިންނަށް ހާއްސަ އާޓް ކްލާސްތަކެއް ކާމިޔާބު ކަމާއިއެކު ހިންގާފަ އެވެ.

މިވަގުތު އިމާދުއްދީން ސްކޫލްގެ ސެން ލީޑިން ޓީޗަރުގެ މަގާމު ފައުޒިއްޔާ އަދާކުރަމުންދާއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އޭނާގެ ހިތުގައި ދެވިފައިވަނީ ވަރަށް ހާއްސަ ގަދަރަކާއި ލޯތްބެކެވެ.

"އިމާދުއްދީންގައި ސެން ހުޅުވައިގެން އުޅުނު އިރު ވަރަށް ގިނައިން އިވޭނެ އެކުދިންގެ އަޑު، ދެން ބަލާލާއިރު ވެސް ފުދޭވަރަކަށް ތަފާތު އެކުދިން އުޅޭ ގޮތް. އެހެންވެ ބަލަން ވެސް ހުރެވޭ ވަރަށް ގިނައިން އެކުދިންނަށް. ހަމަ ހިތް ޖެހުނީ އެކުދިންނާ އެކީ އުޅެން. އެކުދިންނަށް އެހީވާން. ދެން ސްޕެޝަލް ނީޑްސްގެ ޑިޕްލޮމާ އަށް ހުޅުވާލި ހިސާބުން ފެށިގެން ވަކިން ހަމަ ކިޔެވީ. ކިޔަވައިގެން 2007 ހިސާބުގައި ސެންގެ ލީޑިން ޓީޗާއެއްގޮތަށް ހާއްސަވީ،" ފައުޒިއްޔާ ކިޔައިދިނެވެ.

ސެން ކްލާސްތައް ފެށިގެން އައިއިރު އެ ކްލާސްތަކުގައި ކިޔަވައިދެނީ ކުދިންނަށް 15 އަހަރުވުމާ ހަމައަށެވެ. ނަމަވެސް މިއަދު އެ ވިސްނުން ބަދަލުވެ 21 އަހަރު ވަންދެން ވެސް ބައެއް ކުދިންނަށް ކިޔަވައިދެ އެވެ. ފައުޒިއްޔާއާ އޭނާގެ ޓީމުގެ މަގްސަދަކީ އުމުރަށް ބެލުމެއް ނެތި، އެ ސްކޫލުން ކިޔަވައިގެން ނުކުންނަ ކޮންމެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކީ ވެސް މުޖްތަމައު ބަލައިގަންނަ އަދި ހުނަރުތަކެއް ލިބިފައިވާ ކުދިންތަކަކަށް ހެދުމެވެ. މިގޮތުން ހާއްސަ ވޮކޭޝަނަލް ޓްރެއިނިންތަކެއްދީ، ފެހުމާއި، އަތްތެރި މަސައްކަތްފަދަ ތަފާތު ކަންކަން އެކުދިންގެ ގާބިލްކަން ހުންނަ ވަރަކުން އުގަންނައިދެ އެވެ.

ކިޔަވައިދިނުމުގެ ހަޔާތުގައި ގިނަ ހިތްދަތި ތަޖުރިބާތަކެއް ވެސް ފައުޒިއްޔާ ކުރަން ޖެހުނުއިރު، ކޮވިޑް-19 ގައި އޭނާގެ ދަރިވަރު މިޝްކާ ވަކިވެ ދިއުމަކީ މިހާތަނަށް އެންމެ އުނދަގޫވި އަދި ހަނދާނުން ފޮހެލަން ދަތިވި ތަޖުރިބާ ކަމަށް ފައުޒިއްޔާ ބުންޏެވެ.

"މިއަދު ކުރިމަތިން ފެނިފަ މާދަމާ ނޫނީ އަނެއް ދުވަހު އެ ނިޔާވީ. މިހާރު ވެސް ސެން ކްލާހަށް ވަންނައިރު މިޝްކާ މަތިން ވަރަށް ބޮޑަށް ހަނދާންވޭ. ކްލާސް ތެރޭގައި ވެސް މިހެން ދެކެވިފައި ހުންނަ ބައެއް ވާހަކަތައް ކަންފަތުގައި ހަމަ ގުގުމާލާ. އެއީ ހަމަ ހަނދާން ނައްތާލަން ވަރަށް ދަތި ދުވަހެއް. ހަމަ އަމިއްލަ ދަރިއެއް އަތްމަތިން ދިޔައިމަ ވީ ދެރަ އެދުވަހު ވި."

ގިނަ އަހަރުތަކެއް އެއްވެސް ފޫހިކަމެއްނެތި ކިޔަވައިދިނުމުގައި ފައުޒިއްޔާ ހޭދަކޮށްފައިވާއިރު މިހާތަނަށް އެއްވެސް ވަރަކަށް ގަޑިޖެހިފައި ނުވެ އެވެ. ދަރިންގެ ކަންކަމުގައި ބައެއް ފަހަރު ސަލާން ބުނަން ޖެހުނަސް ގިނަ ދުވަސްތަކަކަށް ދިގުދެމިގެންދާ ޗުއްޓީ އެއްހާ ހިސާބު ވެސް އޭނާ ނުނަގަ އެވެ. އަދި ފައުޒިއްޔާއަށް ވަނީ 2016 ވަނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތްކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ގައުމީ އިނާމު ވެސް ލިބިފަ އެވެ.