Advertisement

އެޅި ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ

4 އޮކްޓޯބަރު 2021 - 20:25 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޑރ. ނަޒްލާ މުސްތަފާ: އެންމެ ރަނގަޅަށް ކޮވިޑް ކޮންޓްރޯލްވި ކަމަށް ބެލެވޭނީ ހުރިހާ ރެސްޓްރިކްޝަނެއް ދުއްވާލެވި ރާއްޖޭގެ އާބަދީގެ 85 ޕަސެންޓު މީހުން ވެކްސިން ފުރިހަމަ ކުރުމުން ކަމަށް ޑރ ވިދާޅުވޫ-- ފޮޓޯ: އެޗްއީއޯސީ


އެޅި ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ކުރެވިއްޖެ

4 އޮކްޓޯބަރު 2021 - 20:25 0

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ނަތީޖާ ފެނި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން އުފެއްދި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނޭ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.

ޑރ. ނަޒްލާ "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ވަގުތު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮންޓްރޯލް ކުރެވިފައިވާ ނަމަވެސް މިއީ އަދި އެންމެ ރަނގަޅަށް ކޮންޓްރޯލްވުން ނޫން ކަމަށެވެ.

"އެންމެ ރަނގަޅަށް ކޮންޓްރޯލްވި ކަމަށް ބެލެވޭނީ ހުރިހާ ރެސްޓްރިކްޝަނެއް ދުއްވާލެވިފައި، 80 ޕަސެންޓުން މަތި ނުވަތަ އެންމެ ދަަށްވެގެން 85 ޕަސެންޓު އާބާދީގެ ވެކްސިން ފުރިހަމަ ކުރީމަ،" ނަޒްލާ ވިދާޅުވި އެވެ.

އެހެންކަމުން ޖެހެނީ ވެކްސިނާ އެކު ފިޔަވަޅުތައް އަޅަމުން ގެންދަން ކަމަށާއި އެހެން ނޫނީ އަނެއްކާވެސް މައްޗަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"އެއީ ގާތްގަނޑަކަށް 38 ޕަސެންޓު މީހުން އެއްވެސް ޑޯޒެއް ނުޖަހާ. އޭގެ ތެރޭގައި ހައިރިސްކް މީހުން، މާބަނޑު މީހުން [ހިމެނޭ]. އަދި 12 އަހަރުން ދަށުގެ އެއްވެސް ކުއްޖަކު ވެކްސިން ނުޖަހާނެ. ދެން އުޅެނީ އަމިއްލަ ސަބަބުތަކާ ހުރެ ވެކްސިން ނުޖަހާ މީހުން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭގައި ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފަ އެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ ދޭތެރެ ދޭތެރެއިން 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ރިޕޯޓް ކުރާ ދުވަސްތައް ފާހަގަ ކުރެވެ އެވެ.

މާލެ ސަރަހައްދުގެ ކޭސްތައް އުޅެނީ 30 ނުވަތަ 40 ގަ އެވެ. މުޅި ރާއްޖެއަށް ބަލާއިރު 160 އިން މައްޗަށް ޕޮޒިޓިވް ކޭސްތައް ނާރާތާ 2 މަސްވަރު ވެދާނެ އެވެ.

ރާއްޖޭގެ ޖުމްލަ އާބާދީން ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 71.57 ޕަސެންޓު މީހުންނެވެ. އެއީ ޖުމްލަ 392،490 މީހުންނެވެ. ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 60.51 ޕަސެންޓެވެ. އެއީ 340،730 މީހުންނެވެ.

މިހާރު ޖަހާފައިވާ އާބާދީގެ ނިސްބަތަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ނަމަވެސް މާސްކް އެޅުމާއި ގައި ދުރުކުރުން ބަހައްޓަންޖެހޭނެ ކަމަށް ޑރ. ފާހަގަ ކުރެއްވި އެވެ. މިހާރު އަޅާފައިވާ ފިޔަވަޅު ތަކާއެކު އިތުރު ލުއިތަކެއް ދެވޭނީ އާބާދީގެ 80 ޕަސެންޓުން މައްޗަށް ދެ ޑޯޒް ފުރިހަމަ ކުރުމުން ނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގަ އެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 575 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 232 އަށް އަރާފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފަ އެވެ. މި ބަލީގައި މި އަހަރު ވަނީ 183 މީހަކު މަރުވެފަ އެވެ.