Advertisement

ރިޒާއަށް ދައުވާ ކުރި ފޯމުގެ ކުށެއް އިސްލާހުކުރަން ހުއްދަ ދީފި

30 ސެޕްޓެންބަރު 2021 - 14:05 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ރިޒާއަށް ދައުވާ ކުރި ފޯމުގެ ކުށެއް އިސްލާހުކުރަން ހުއްދަ ދީފި

30 ސެޕްޓެންބަރު 2021 - 14:05 0

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާއަށް އުފުލާފައިވާ އިންސާނީ ވަގުފާރި ކުރުމުގެ ދައުވާގެ ފޯމުގައި އޮޅިގެން ހަވާލާދެވިފައި އިން މާއްދާއެއްގެ އަކުރެއް އިސްލާހުކުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފިއެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތުގައި ރިޒާގެ ކުންފުނި ކަމަށްވާ އާރްއައިއެކްސް (ރިޒް ކުންފުނިން) ގެންގުޅުނު ބިދޭސީންނާމެދު އިހާނެތިކޮށް ހިތައި, އެމީހުންގެ އިންސާނީ ހައްގަށް އަރައިގަތް މައްސަލާގައި ރިޒާގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލާފަ އެވެ. އެއީ, އިންސާނީ ވަގުފާރީގެ ދައުވާގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ވަގުފާރީގެ ދައުވާ އުފުލީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި, ބިދޭސީން ރާއްޖެއަށް ޓްރެފިކްކޮށް, އެ ބިދޭސީ މަސައްކަތްތެރިންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފައިވާތީ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ. އެ މައްސަލަ ބައްލަވަނީ ގާޒީ، ދީބަނާޒް ފަހުމީ އެވެ. މި ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ މި މައްސަލާގައި ދައުވާ އުފުލާފައިވާ މެމްބަރު ރިޒާއާއި ދައުވާ ލިބޭ ހަސަން އުމަރު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްގެންނެވެ. ދައުވާ ރައްދުވާ ނަސްރުالله އުސްމާންއާއި، ދައުލަތުގެ ވަކީލުން ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވަޑައިގަތީ އޮންލައިންކޮށެވެ.

ދައުލަތުން އެދުނު މާއްދާއަށް އިސްލާހު ގެނައުމުގައި ދިފާއުގެ އިއުތިރާޒެއް ނެތް

މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ރިޒާއަށް ދައުވާ ކުރި ފޯމުގެ ކުށެއް އިސްލާހުކުރުމަށެވެ. މައްސަލައިގެ އިބްތިދާއީ އަޑުއެހުން ފަށައިގެން ކުރިއަށް ދާއިރު، ދައުވާ ފޯމު އިސްލާހުކުރުމުގެ ހުއްދަ ދެވޭނީ ހަމައެކަނި ޝަރީއަތް ކުރިއަށް ގެންދަވާ ގާޒީއަށެވެ.

އިސްލާހުކުރަން ހުށަހެޅީ ދައުވާ ކުރާ މާއްދާއެއްގެ ދަށުން ހަމާވާ ދީފައިވާ އަކުރެއްގެ ނަމްބަރެއް ބަދަލުކުރުމަށެވެ. ދައުލަތުން އެބަދަލު ގެންނަން ބޭނުންވީ، ރިޒާގެ މައްޗަށް ކުރާ ދައުވާ އިތުރަށް ތަފްސީލުކުރުމަށްޓަކައި ކަމަށް ވިދާޅުވި އެވެ. އަދި އެ މާއްދާ ބަދަލުކޮށްގެން ދައުވާގެ ރުކުނަކަށް ނުވަތަ އަސްލަކަށް ބަދަލު ނާންނާނެކަން ވެސް ފާހަގަކުރެއްވި އެވެ.

ދައުލަތުން އިސްލާހުކުރަން ހުށަހެޅި ކުށް


* ދައުވާ އުފުލާފައި ވަނީ މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަމްބަރަށް ހަވާލާދީ. "ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި، މީހަކު އެއްތަނުން އަނެއް ތަނަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުވުމުގައި، އެމީހަކު ވަކި ތަނަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ހަވާލުވުން." * ދައުވާ ފޯމު އިސްލާހު ކުރަން ހުށަހަޅަނީ ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަމްބަރަށް ހަވާލާދިނުމަށް "ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް ކުރިމަތިކުރުވައިގެން، މީހަކު އެއް ގައުމުން އަނެއް ގައުމަށް ގެންދިޔުމަށް ނުވަތަ ބަދަލުކުރުމަށް ގަސްދުގައި ރޭވުން ނުވަތަ އެއިން ކަމެއް ކުރުމަށް ގަސްދުގައި މަގުފަހިކުރުވުން؛ އަދި އެފަދަ ގާނޫނާ ހިލާފު މަޖުބޫރުކުރުވުމެއް މީހަކަށް ކުރިމަތިކުރުވައިގެން އެ މަޖުބޫރުކުރުވުމުގައި، އެމީހަކު އެހެން ގައުމަކަށް ގެންދެވުން ނުވަތަ ބަދަލުކުރެވުން ނުވަތަ ބެލުމުގެ ދަށުގައި ބެހެއްޓުން ނުވަތަ އެފަދަ މީހަކާ ހަވާލުވުން؛"

ރިޒާގެ ވަކީލުން ވިދާޅުވީ އެ އިސްލާހާއި އެކު ރިޒާގެ މައްޗަށް އުފުލާ ދައުވާ ދިރާސާކޮށް ތައްޔާރުވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

ތައްޔާރުވުމަށް ކިހާ ވަގުތެއް ބޭނުންވާނެތޯ ގާޒީ ދީބަނާޒް ސުވާލުކުރެއްވުމުން ދިފާއީ ވަކީލް އަލީ ސައީދު އެދިވަޑައިގަތީ ދެ ހަފްތާގެ މުއްދަތެއް ދިނުމަށެވެ.

މިކަމުގައި ދައުލަތާއި ދިފާއުގެ އިއުތިރާޒެއް ނެތުމުން ގާޒީ ނިންމެވީ ދައުވާ ފޯމަށް އިސްލާހު ގެނެއުމުގެ ހުއްދަ ޕްރޮސެކިއުޓަރުންނަށް ދިނުމަށެވެ.

ދައުލަތުގެ ހެކިވެރިއަކަށް ބިދޭސީއެއް، ހާޒިރުކުރެވޭނެ ދުވަހެއް މިއަދުވެސް ކަނޑަނޭޅުނު!

ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރުމަށްޓަކައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްޑީ ރާޝިދް މިޒީ ކިޔާ ބިދޭސީއެކެވެ. ބަންލަދޭޝްއަށް ނިސްބަތްވާ އެ މީހާގެ ހެކިބަސް ނެނގޭނެ ދުވަހެއް ދައުލަތަށް މިއަދުގެ އަޑުއެހުމުގައި ވެސް ޝަރީއަތަށް ބުނެނުދެވުނެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ވެސް އެ ހެކިވެރިޔާ ހާޒިރު ކުރެވޭނެ ދުވަހަކާއި ގުޅޭގޮތުން ގާޒީ ސުވާލުކުރައްވާފައި ވެ އެވެ. އެ ދުވަހު ވެސް ދައުލަތުން ވިދާޅުވީ އޭނާ މިވަގުތު މާލޭގައި ނެތުމުން ޝަރީއަތަށް ސީދާ ހާޒިރު ކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށެވެ.

ދައުލަތުގެ ވަކީލުން ބުނީ އޭނާ ހުރީ ރިސޯޓަކަށް ތަރައްގީކުރަމުން އަންނަ ފަޅު ރަށެއްގައި ކަމަށެވެ. އަދި އޭނާ އަށް ވަޒީފާ ލިބިފައިވަނީ ވަރަށް ފަހުން ކަމަށްވާތީ މިވަގުތު މާލެ އަންނަ ދަތިކަމަށް އޭނާއާ ހަވާލާދީ ވަކީލުން ބުންޏެވެ. އެކަމަކު ކައިރި ރަށެއްގެ ކޯޓަކަށް ހާޒިރުކޮށްގެން އޭނާގެ ހެކި ބަސް ވީ އެންމެ އަވަހަކަށް ނެގޭތޯ މަސައްކަތްކުރާނެ ކަމަށް ވަކީލުން ބުނެ އެވެ.

ކޯޓުގެ އިންތިޒާމްތަކާ ގުޅިގެން ދިފާއީ ވަކީލުގެ ކަންބޮޑުވުން

މިއަދުގެ އަޑުއެހުމުގައި ކޯޓުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުން ދިފާއީ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެއީ ދައުވާ ރައްދުވާ ދެ ފަރާތާއި، ދެ ވަކީލުން ދުރުގައި ތިބެން ޖެހުމުންނެެވެ. އަދި ދެ ވަކީލުންނަށް ޝަރީއަތް ކުރިއަށް ދާއިރު މަޝްވަރާ ކުރަން ދަތިވާ ކަމަށް ވެސް ބުންޏެވެ. މަޝްވަރާކުރަން ފުރުސަތު ދޭން ގާޒީ 10 މިނެޓަށް ޝަރީއަތް މެދުކަނޑާލެއްވި އެވެ.

ދިފާއީ ވަކީލުން އެދުނީ ދެން އަންނަ އަޑުއެހުމެއްގައި ދައުވާ ރައްދުވާ ދެމީހުންނާއި، ދެ ވަކީލުން އެއް މޭޒެއްގައި ތިބެވޭ ގޮތް ހަމަޖައްސައިދިނުމަށެވެ.

މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު 26 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރެވެ.