Advertisement

އަލަށްވިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ މިންވަރު އިތުރުވެއްޖެ

30 ސެޕްޓެންބަރު 2021 - 13:41 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މީހަކު ތުއްތު ކުއްޖަކު އުރާލައިގެން-- ފޮޓޯ: ޔުނިސެފް


އަލަށްވިހާ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ މިންވަރު އިތުރުވެއްޖެ

30 ސެޕްޓެންބަރު 2021 - 13:41 0

އެކި ސަބަބުތަކާ ހުރެ އާއިލާއަށް ނުބެލިގެން، އަލަށްވިހާ ތުއްތު ކުދިން ދައުލަތުގެ ބެލުމުގެ ނަގަންޖެހޭ މިންވަރު މިދިޔަ އަހަރު އިތުރުވެފައިވާކަމުގެ ކަންބޮޑުވުން ޗައިލްޑް ފެމިލީ ޕްރޮޓެކްޝަން ސާވީސް (ސީއެފްޕީއެސް) އިން ފާޅުކޮށްފި އެވެ.

ސީއެފްޕީއެސްއިން ބުނީ މިދިޔަ އަހަރު އެކަނި އަލަށްވިހޭ 10 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަން ޖެހުނު ކަމަށެވެ.

މިއީ އެހެން އަހަރުތަކާ އަޅާ ބަލާއިރު އިތުރު އަދަދެއް ކަމަށާއި އެގޮތަށް މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ސީއެފްޕީއެސްއިން ބުނެ އެވެ.

ސީއެފްޕީއެސް އިން "އަދަދު" އަށް ދިން އިންޓަވިއުއެއްގައި ބުނީ ދައުލަތަށް ކުދިން ނެގޭ އިރު އަލަށް ވިހާ ތުއްތު ކުދިންވެސް ހިމެނޭއިރު، އޭގެ ތެރޭގައި ގިނައީ ބެލެނިވެރިޔާ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ކުދިންގެ ރައްކާތެރިކަމަށް ނުރައްކާވެފައިވާ ކުދިން ކަމަށެވެ.

އެގޮތުން މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ކުރުމުން ލިބޭ ކުދިންނަށް ނަފުސާނީ މައްސަލަ ދިމާވާ ކަމަށް ގިނަ ދިރާސާތަކުން ދައްކަ އެވެ. މާބަނޑު ދުވަސްވަރު ބަނގުރަލުގެ ބާވަތްތައް ބޭނުން ކުރުމުން ވެސް، ލިބޭ ކުދިންގައި ސިކުނޑީގެ މައްސަލަތައް ކުރިމަތިވެ އެވެ.

"ނިއުބޯން ބޭބީސް، މިދިޔަ އަހަރު އެކަނި 10 ކުދިން ދައުލަތުން ވަނީ ނަގާފައި،"

ކާޑިފް ޔުނިވާސިޓީން ކޮށްފައިވާ ދިރާސާއަކުން ދެއްކި ގޮތުގައި މާބަނޑު ދުވަސްވަރު ކެނެބިސް ބޭނުން ކުރުމުން ލިބޭ ކުދިންނަށް ސިކުނޑީގެ މައްސަލަ ކުރިމަތިވާ ކަމަށް ނުދައްކަ އެވެ.

އަދި ދިރާސާ ކުރި 6000 އަށް ވުރެ ގިނަ ކުދިންގެ މައިން މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލު ނުކުރި ނަމަ، އޭގެ ތެރެއިން 20 ޕަސެންޓް ކުދިންނަށް ނަފުސާނީ ބަލިތައް ނުޖެހި ސަލާމަތް ވީސް ކަމަށް، ބައެއް ހޯދުންތަކުން ދައްކަ އެވެ.

ރާއްޖޭގައި ޒަމާންވީ މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުޑަކުދިންގެ އަދަދު ވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އޭގެ ތެރޭގައި ގިނައީ 15 އަހަރުން މަތީގެ ކުދިން ނަމަވެސް، އުމުރުން އެންމެ އަށް އަހަރު ކުޑަކުދިން ވެސް ޑްރަގް ބޭނުންކުރާކަމަށް އެ މިނިސްޓްރީން ހެދި އެސެސްމަންޓެއްގައި ވަނީ ބުނެފަ އެވެ.

އެއާއެކު، އެ ދިރާސާގެ އަލީގައި މުޅި ނިޒާމަށް ކޮންމެހެން ބޭނުންވެފައިވާ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން، މީހުން ތަމްރީނުކުރުމާއި، ފަރުވާދޭ ސެންޓަރުތައް ރަނގަޅަށް ހިންގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައުއަށް ނެރެވޭނެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުކުރުމުގައި މިހާރު ހުރި ގާނޫނުތަކަށް އިތުރު ބަދަލުތައް ގެންނަންޖެހޭ ކަމަށާއި، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.