Advertisement

ވޯޓު ފެށުން ލަސްވުން، އޮފިޝަލުން މަދުވުން؛ އިންތިހާބާއި ގުޅޭ 30 ޝަކުވާ

28 ސެޕްޓެންބަރު 2021 - 18:52 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދަނީ: އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވަނީ ކޮށްފަ -- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު


ވޯޓު ފެށުން ލަސްވުން، އޮފިޝަލުން މަދުވުން؛ އިންތިހާބާއި ގުޅޭ 30 ޝަކުވާ

28 ސެޕްޓެންބަރު 2021 - 18:52 0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގެ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާއިރު، މިހާތަނަށް އިންތިހާބާ ގުޅިގެން 30 ޝަކުވާ ލިބިފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ މި އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވަނީ ކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު 90،000 އަށް އަރައެވެ.

އިންތިހާބާއި ގުޅިގެން ހުޅުވާލި ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި 30 ޝަކުވާއެއް މިހާތަނަށް ލިބިފައިވާ ކަމަށް އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ "އަދަދު" އަށް ވިދާޅުވި އެވެ.

އިމްތިޔާޒް ވިދާޅުވި ގޮތުގައި ޝަކުވާގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބިފައި ވަނީ ވޯޓު ލުމަށް ހުޅުވުން ލަސްވުމާއި، ވޯޓު ފޮށިތަކުގެ ކައިރީގަ ހަރަކާތްތެރިވާ އޮފިޝަލުން މަދުވުމުގެ ޝަކުވާ އެވެ. ޝަކުވާތައް އެންމެ ގިނައިން ހުށަހެޅިފައިވަނީ މާލެ ސަރަހައްދުން ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

އިންތިހާބުގައި ބައެއް ވޯޓު ފޮށިތައް ކައިރީގައި އޮފިޝަލުން މަދު ކަމުގެ ޝަކުވާ ބައެއް ކެންޑިޑޭޓުން ވެސް ވަނީ މި ނޫހާއި ހިއްސާކޮށްފަ އެވެ.

އަދި ހަމަ އެއާއެކު، ވޯޓު ލުން ބައެއް ސެންޓަރުތަކުގައި ލަހުން ފެށުމުގެ ސަބަބުން ބައެއް ފޮށިތައް ބަންދުކުރީ އެރޭ އަށެއް ޖެހި އިރު އެވެ. ރަސްމީކޮށް ވޯޓުލުން ނިންމާލަން އޮތް ގަޑިއަކީ 17:00 އެވެ. މިކަހަލަ ބައެއް މައްސަލަތައް ފާހަގަކުރެވުނުނަމަވެސް، ޖުމްލަ ގޮތެއްގައި މުޅި އިންތިހާބު ކުރިޔަށް ގޮސްފައިވަނީ އޮމާންކޮށެވެ.

އިންތިހާބާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އިއްޔެ އެވެ. ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިރޭ 8:00 އަށް ހަމަވާނެ އެވެ. އިންތިހާބާ ގުޅިގެން ޝަކުވާ ހުށަހަޅާނީ އެމްޑީޕީގެ ވެބްސައިޓުގައި ކޮށްފައިވާ އިއުލާންގެ ޝަކުވާ ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.