Advertisement

އިރާނުގެ ނިޔުކްލިއާ ޕްރޮގްރާމުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފި: އިޒްރޭލް

28 ސެޕްޓެންބަރު 2021 - 14:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އދ. ގެ އާއްމު މަޖިލީހުގައި ތަގްރީރު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


އިރާނުގެ ނިޔުކްލިއާ ޕްރޮގްރާމުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފި: އިޒްރޭލް

28 ސެޕްޓެންބަރު 2021 - 14:06 0

އދ.، އެމެރިކާ (ސެޕްޓެމްބަރު 28) - އިރާނުގެ ނިޔުކްލިއާ ޕްރޮގްރާމް ހުއްޓުވަން ކުރާ މަސައްކަތުގައި އެ ގައުމުން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށާއި އެކަމަކު އިރާނުން "ނިޔުކްލިއާ" ބޮމަކާ ހަމައަށް ދިޔުމުގެ ފުރުސަތު ނުދޭނެ ކަމަށް އިޒްރޭލުން ބުނެފި އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ފުރަތަމަ ފަހަރަށް ތަގުރީރު ކުރައްވަމުން އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ތުހުމަތު ކުރެއްވި ގޮތުގައި ފާއިތުވި ދެ ތިން އަހަރުގެ ތެރޭގައި އިރާނުން ވަނީ ނިޔުކްލިއާ ހަކަތަ އުފެއްދޭ ކެޕޭސިޓީ ވަރަށް ބޮޑަށް އިތުރުކޮށް ހަތިޔާރު އުފައްދަން ބޭނުންވާ ޔުރޭނިއަމް މުއްސަނދި ކުރެވޭނެ ގޮތްތައް ފަހިކޮށްފަ އެވެ.

"އިރާނުގެ ނިޔުކްލިއާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމް މި އޮތީ މުހިއްމު ހިސާބަކަށް އައިސްފައި. ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފި،" މިދިޔަ ޖޫން މަހު ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ބެނެޓް ވިދާޅުވި އެވެ.

ރައްދުގައި އިރާނުން ބުނީ އިޒްރޭލަކީ "ޝިކާރައަކަށްވެފައިވާ ކުށެއް ނެތް" ގައުމެއްގެ ގޮތުގައި ދެއްކުމަށް ބެނެޓް މަސައްކަތް ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން މެދުއިރުމަތީގެ ނިޔުކްލިއާ ހަތިޔާރު ނެތް ޒޯނެއް ކަނޑައަޅަން ބައިނަލްއަގްވާމީ މުޖުތަމައިން ކުރި މަސައްކަތަށް ހުރަސް އެޅީ އިޒްރޭލުން ކަމަށް ތުހުމަތުކޮށް، ފަލަސްތީނުގެ ބިންތަކަށް އަރައިގެން އުޅޭތީ ވެސް އިރާނުން ފާޑުކިޔުން އަމާޒުކުރި އެވެ.

އިރާނުން ތަކުރާރުކޮށް ބުނެފައި ވަނީ އެ ގައުމުގެ ނިޔުކްލިއާ ޕްރޮގްރާމުގެ ބޭނުމަކީ ހަކަތަ ނުވަތަ ކަރަންޓު އުފެއްދުން ކަމަށެވެ. އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ މަޝްވަރާ ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ ބައެއް ހަރަކާތްތައް މަޑު ޖައްސާލުމުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތަކަށް ލުއިދޭން އެއްބަސްވީ 2015 ވަނަ އަހަރު އެވެ.

ނަމަވެސް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2018 ގައި އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލެއްވުމާއެކު އިރާނުން ވެސް ނިޔުކްލިއާ މަސައްކަތް އަލުން ފެށި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އެއްބަސްވުން އަލުން ތަންފީޒު ކުރުމަށެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތައް ވަކި ހިސާބަކުން ވަނީ ހުއްޓިފަ އެވެ.

އެމެރިކާ އާއި އިރާނާއެކު 2015 ވަނަ އަހަރު ހެދި ނިޔުކްލިއާ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރި އެހެން ގައުމުތަކަކީ ޗައިނާ، ރަޝިއާ، ޖަރުމަނު، ފްރާންސް އަދި އިނގިރޭސި ވިލާތެވެ.