Advertisement

އައިސްލޭންޑު ޕާލިމެންޓުން އަންހެނުންނަށް ލިބުނު މެޖޯރިޓީ ގެއްލިއްޖެ

27 ސެޕްޓެންބަރު 2021 - 15:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އައިސްލޭންޑުގެ ބޮޑު ވަޒީރު ކެޓްރިން ޖަކޮބްސްޑޮޓިރް.-- ފޮޓޯ: ގެޓީ އިމޭޖަޒް


އައިސްލޭންޑު ޕާލިމެންޓުން އަންހެނުންނަށް ލިބުނު މެޖޯރިޓީ ގެއްލިއްޖެ

27 ސެޕްޓެންބަރު 2021 - 15:22 0

އައިސްލޭންޑުގެ އާއްމު އިންތިހާބަށް ފަހު ޔޫރަޕުގެ ޕާލިމެންޓަކަށް ފުރަތަމަ ފަހަރަށް ފިރިހެނުންނަށް ވުރެ ގިނައިން އަންހެނުން ހޮވިފައިވާ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އަލުން ވޯޓު ގުނުމުން އަންހެނުންނަށް ލިބުނު މެޖޯރިޓީ ގެއްލިއްޖެ އެވެ.

ޕާލިމެންޓުގެ 63 ގޮނޑީގެ ތެރެއިން 30 ގޮނޑި ލިބުނީ އަންހެނުންނަށެވެ. އެއީ 47.6 ޕަސެންޓެވެ. ކުރިން އިއުލާނު ކުރި ނަތީޖާއިން ދެއްކި ގޮތުގައި 33 ގޮނޑިއާ އެކު އަންހެނުންނަށް 52 ޕަސެންޓު ލިބިފައި ވެ އެވެ.

ޔޫރަޕުގެ އެއްވެސް ގައުމެއްގެ ޕާލިމެންޓުގައި މިހާތަނަށް 50 ޕަސެންޓަށް ވުރެ އިތުރަށް އަންހެން މެމްބަރުން ހިމެނިފައެއް ނުވެ އެވެ. އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ޑޭޓާ ދައްކާ ގޮތުގައި ސްވިޑަން ޕާލިމެންޓުގައި 47 ޕަސެންޓު އަންހެނުން ތިބެ އެވެ.

ވޯޓު އަލުން ގުނުމުން އިތުރު ހަ އަންހެނަކަށް ޕާލިމެންޓު ގޮނޑި ކަށަވަރުވި ނަމަވެސް، މެޖޯރިޓީ ލިބުނީ ފިރިހެނުންނަށެވެ.

ބައެއް އެހެން ގައުމުތަކާ ހިލާފަށް އައިސްލޭންޑުގެ ޕާލިމެންޓުގައި އަންހެނުންނަށް ވަކި އަދަދެއްގެ ގޮނޑި ހާއްސަކުރަން ގާނޫނުން ލާޒިމެއް ނުކުރެ އެވެ. ނަމަވެސް ބައެއް ސިޔާސީ ޕާޓީތަކުގެ އުސޫލުގައިވާ ގޮތުން ވަކި އަދަދަކަށް އަންހެން ކެންޑިޑޭޓުން ނެރެން ޖެހެ އެވެ.

އައިސްލޭންޑު ޕާލިމެންޓުގައި އަންހެނުންނަށް މެޖޯރިޓީ ލިބޭނެ ކަމަށް ކުރިން ބެލެވުމާއެކު، އެއީ ތާރީހީ ކާމިޔާބެއްގެ ގޮތުގައި އެކި ފަރާތްތަކުން ފާހަގަކުރަން ފެށި އެވެ.

އެގޮތުން އައިސްލޭންޑުގެ ރައީސް ގުޑްނީ ޖޮހަނެސަން އާރްޔޫވީ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ އުފާވެރި ހަބަރެއް ކަމަށާއި އައިސްލޭންޑު ޕާލިމެންޓުގައި އަންހެނުންނަށް މެޖޯރިޓީ ލިބުމަކީ ޔޫރަޕުގައި އަލަށް ހިނގި ކަމެއް ކަމަށެވެ.

އުތުރު ޔޫރަޕުގައި އޮންނަ އައިސްލޭންޑަކީ ޒަމާނުއްސުރެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އިސްކަންދޭ ގައުމެކެވެ. ފާއިތުވި 12 އަހަރު ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެންމެ ހަމަހަމަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ އައިސްލޭންޑެވެ.

އެ ގައުމުގައި އަންހެނުންނާ ފިރިހެނުންނަށް "ޕޭރެންޓެލް" ޗުއްޓީ ދެނީ ތަފާތު ކުރުމެއް ނެތި އެއް ވަރަކަށެވެ. އޭގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ މުސާރަ ހަމަހަމަވާން ޖެހޭނެ ކަމަށް 1961 ގައި އެ ގައުމުގައި ހެދި ގާނޫނުން ކަނޑައަޅާފައި ވެ އެވެ.

މުޅި ދުނިޔެއިން ވެސް އެންމެ ފުރަތަމަ އަންހެން ރައީސަކު އިންތިހާބު ކުރީ ވެސް 1980 ގައި އައިސްލޭންޑުންނެވެ.

އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ބުނާ ގޮތުގައި ދުނިޔޭގެ ފަސް ގައުމެއްގެ ޕާލިމެންޓުގައި މަދުވެގެން 50 ޕަސެންޓުގެ ގޮތުގައި މި ވަގުތު އަންހެނުން ތިބެ އެވެ. އެއީ ރުވާންޑާގެ 61 ޕަސެންޓް، ކިޔުބާގެ 53 ޕަސެންޓް، ނިކަރަގުއާގެ 51 ޕަސެންޓް އަދި މެކްސިކޯ އާއި ޔޫއޭއީގެ 50 ޕަސެންޓެވެ.

އައިސްލޭންޑުގެ ބޮޑު ވަޒީރު ކެޓްރިން ޖޭކޮބްސްޑޮޓިރްގެ ކޯލިޝަނަށް މެޖޯރިޓީ ގޮނޑި ކާމިޔާބު ކުރެވުނު ނަމަވެސް، އެ ކޯލިޝަނުގައި ހިމެނޭ ތިން ޕާޓީ އެކުގައި މަސައްކަތް ކުރެވޭނެ ކަމާ މެދު ޝައްކުތަކެއް އެބަ ހުއްޓެވެ.